Friday 24 January 2014

Sailing to Sri Lanka

އޮޅުދޫ ދަތުރު

އޭޕްރީލް 2008 (ހުކުރު)

ފާރޫގު އަޙުމަދު / ސަމާ
ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ މީހުން ރިޔާނެގި އޮޑިފަހަރުގައި ދަތުރުކުރި ދުވަސްވަރު ފުވައްމުލަކު މީހުންވެސް އަހަރަކު އެއްފަރު އޮޅުދޫ ކަރަޔަށް ދަތުރު ކުރެއެވެ. އޭރު މިދަތުރު ކުރަނީ ސަރުކާރުގެ ހުއްދަ އޮވެގެންނެއެވެ. މިދަތުރު ކުރުމައްޓަކައި އޮޑިފަހަރު ބޭލުމަށްފަހު އޮޑީގެ ކުނބުނަގައި އޮޑިޔަށް ދަރުފެންލައި ނިމުމުން ދެންއޮންނަނީ އޮޑިއަށް މުދާލާ ބަރުކުރުމެވެ. މުދަލުގެ ތެރޭގައި، ހިކިކަނޑުމަސް، ކާށި، ކުފުރާ،މިޔަރު އުރަހަ، ރިހާކުރު، އަދި ބޮނޑި އައުރުސް ހުރެއެވެ. އަދި މީގެ އިތުރުން އޮޑިމަތީ ކެއުމައްޓަކައި ތައްޔާރުކޮށްފައިވާ ހިކި ކާނާވެސް ހުރެއެވެ.
 
       ކޮންމެ އޮޑިއަކުން އޮޅުދޫ ދަތުރު ދަނީ ގިނަވެގެން ސާޅީސް މީހުންނެވެ. އެމީހުންގެ ތެރޭގައި ނެވިމީހާއާއި، ދެމާލިމީންނާއި، ކެޕްޓަނާ އަދި މުދިމަކު ހުރެއެވެ. ފަޅުވެރިންގެ ދިހަ މީހުންވެސް ހިމެނެނީ މިސާޅީސް މީހުންގެ ތެރޭގައެވެ. މިއެންމެންވެސް ދަތުރުދަނީ އެމީހަކު ގެންދާ މުދަލެއްގެ 10/1 ބައި އޮޑިވެރިންނަށް ދީގެންނެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ކަނީ އަމިއްލަ ކޮއްތެއެވެ. އޮޑިއެއްގައި ހަތަރު ބިސީއޮންނާނެއެވެ. އެއިން ކޮންމެ ބިސީއަކީ ކައްކާކެއުން ވަކިން އޮންނަބިސީއެކެވެ. އެކަމަކު ހެދުނު ނާސްތާ އޮންނަނީ ތިން މީހުން ނުވަތަ ހަތަރު މީހުން އެއްކޮށެވެ.
 
       އޮޅުދޫ ދަތުރު ރަށުން އޮޑި ފުރާ ދުވަހު އެންމެ ފުރަތަމަ އޮންނަ ކަމަކީ ނަކަތުން ފުރުމެއެވެ. ނަކަތުން ފުރުމަކީ އޮޑިބޯސާމަތީގައި ބާއްވާފައި، އޮޑީގައި ރިޔަލެއް ނަގަނީއެވެ. ރިޔާނެގުމާއެކު އެރިޔާ ބޭލުމުން ނަކަތުން ފުރުނީއެވެ. ނަކަތުން ފުރާއިރު ދަތުރުދާ މީހުންގެ ތެރެއިން ކެޕްޓަނާއި، މާލިމީން ފިޔަވައި އެހެން އެންމެންހެން ތިބޭނީ ފުރުމަށްޓަކައި، އޮޑިއަށް އަރާފައެވެ. އޮޑިފުރާދުވަހު އޮޑިން ދަތުރުދާ މީހުންގެ އަންހެނުންނާ، ގާތްތިމާގެ މީހުން އޮޑި ފުރުވުމަށް ނަލަހެދިގެން އަތިރިމައްޗަށްދާއިރު ބިލެތް ގޮށި ގެންގޮސް ފުރާމީހުންނަށް ހަދިޔާ ކުރާނެއެވެ.
 
       ފުވައްމުލަކު ރަށޮވެށިގައިވަނީ " ދުވަހަކު ދެން އޮޑިފުރާ ބިލެތްގޮށީ މަތިއާޅަ، ގޮސްތިބެ ފޮނުވައި އެތާ، ދާއިރު ފަހު ބޮއްކުރާ، މިގޮތަށެވެ. ދަތުރުދާ އެންމެން އޮޑިއަށް އަރާ ނިމުމުން އެންމެފަހު ބޮއްކުރާގައި އޮޑިއަށް ދަނީ ކެޕްޓަނާ، މާލިމީންނެވެ. އެމީހުން އޮޑިއަށް އަރާއިރު އޮންނަނީ އޮޑީގެ ވާނަގާ ފުރަން ތައްޔާރުކޮށްފައެވެ. އެމީހުން އޮޑިއަށް އެރުމާއެކު އޮޑި ފުރާނެއެވެ. އޮޑީގެ ހިޔާތައްނަގާފައި ހުޅަނގުން ޖެހޭނަލަވައިގައި އޮޅުދޫ ކަރަޔަށް މިސްރާބު ޖަހާފައި ބާރަށް ދުވަމުންގޮސް އައްޔޫގު އިރާނަށް އޮޑި އޮބާލުމުންނޫނީ ބައެއް އަންހެނުންނާއި ކުދިން ގެއަށް ނުދާނެއެވެ. އެމީހުން ގެއަށް އަންނާނީ ރޮމުން ކަރުނަ އަޅަމުންނެވެ. މިހެނީ މިދަތުރަކީ ފަސްމަސް ދުވަހުގެ ދަތުރަކަށް ވާތީ ވަކިވުމުގެ މުއްދަތަކީ ދިގުމުއްދަތަކަށް ވާތީ ހިތްދަތިވެ ރޮވެނީއެވެ.

 
       ކޮންމެ އަކަސް ގަޑިއަކު ހަތަރު މޭލު ދުވަމުން ދާނަމަ ތިން ދުވަސް ހަމަކޮށް ހަތަރުވަނަރޭ ސިލޯނުގެ ބައްތިތައް ފެނެއެވެ. އެއީ ކޮޅުބު، ނުވަތަ ގާލީ ނުވަތަ ބޭރުވެލީ ބައްތިއެވެ. މިއިން ކޮންމެ ބައްތިއަކީ ވަކި ރަމްޒެއްގެ ގޮތުގައި ނިވިދިއްލޭ ބައްތިއެކެވެ. ބައްތިފެންނަރޭގެ ފަހުދުވަހު ގަސްކަރަ ފެނެއެވެ. ކޮޅުބާ ދިމާލަށް އޮޑިއިންނަމަ، ހަމައެދުވަހު ބުރުކުވާޓަރުން ވަދެވޭނެއެވެ. އަދި ކޮޅުބު ބަދަނރުގައި އޮޑީ އަޅާނެއެވެ. އޮޅޫދޫކަރަޔަށް ދެވެންދެން ރެއާއި ދުވާލު އޮޑީގެ ދަތުރު މާލިމީ ވަރަށް ރަގަޅަށް ބަލާމުންދާނެއެވެ. އުޑުމަތި ސާފުކޮށް އޮވެ އިރު ފެންނަ ދުވަހެއްނަމަ މެންދުރު ފިލާ އަޅައި އަދި ރޭގަނޑު ހަނދަށާއި ތަރިއަށް ފިލާ އަޅާނެއެވެ. އަދި ޓަފުނަނުން ގަޑިއަކު އެއްފަހަރު ދަތުރު ބަލައި ހިސާބުކުރަމުން ދާނެއެވެ. ކޮޅުބު ބަނދަރުގައި ވަނީ ގިނައަދަކަށް ބޮއެ އަޅާފައެވެ. މިއިންކޮންމެ ބޮއެއްގައި ހިފގައިގެންވެސް ހިލޭ އޮޑި ބޭއްވޭނީ 10 ދުވަހުއެވެ. 60 ދުވަހަށްވުރެ ގިނަވެ އިތުރު ވާނަމަ ފީއެއް ދޭންޖެހެއެވެ. މިފީއަށް ކިޔަނީ    " ބޮޔާރަންޓް " އެވެ. ކޮޅުބައްގޮސް ބަދަނރު ކުރުމާއެކު ގިނައިރެއްނުވެ ޑޮކްޓަރުންގެ ބަޔަކު އޮޑިއަށް އަރާނެއެވެ. އެމީހުން އަރާ އޮޑީގައި ތިބި މީހުންގެ ޖުމްލަ ބަލާއި ބަލިމީހަކު ހުރިތޯ ބަލައިފައި ފައިބާއިރު އޮޑިވެރި މީހާއަތަށް ލިޔުމެއް ދޭނެއެވެ. އޭގެ ފަހު ދުވަހު އަތްކަޑަން އެންމެންދާއިރު އެލިޔުން ގެންދަން ޖެހެއެވެ. އަތްކަޑައި ނިމުމުން ޕާސްޕޯޓް ހަދާނެއެވެ. ޕާސްޕޯޓް އަތައްލިބުމުން ކޮޅުބަށް ފައިބައި ބޭނުންތަނަކަށްގޮސް މިނިވަންކަމާއެކު އުޅެވޭނެއެވެ. ދެން އޮޑިން ގެންދިޔަ މުދާވިއްކައި އެމުދާތަކަށް ކޮޅުބުން ބޭނުން ތަކެތި ގަނެގެން ސަރުކާރުގެ ޤަވާއިދާއެއްގޮތަށް އޮޑީއަށް ލާނެއެވެ. ކުރިން އޮޑިއަށް އަރުވާނީ ކާނޑުގެ ބާވަތްތަކެވެ. ހުރިހާ މުދަލެއްވެސް އޮޑިއަށްލާނީ ސަރުކާރުގެ ބަނޑުންނެވެ. ދެމަސް ދުވަހުގެ ތެރޭގައި ބޭނުންހުރިހާ އެއްޗެއް ގަނެ ނިމޭއިރު މޫސުމް ބަދަލުވެ އިރުވައިގެ ނަލަވައި އޮންނަނީ ލިބިފައެވެ. މިވައިގައި ކޮޅުބުން ފުރައިގެން ދިވެހިރާއްޖެއަށް މިސްރާބުޖަހާފައި ދުއްވަމުން އައިސް ތިން ހަތަރު ދުވަހުން މާލެއާދެވޭނެއެވެ. މާލެއައިސް ކަރަންޓީނު ފިލަންދެން އޮޑިބާއްވަނީ ގަލު ފަޅުގައެވެ. ގަލުފަޅުގައި ތިބޭ އިރު އޮޑީގެ ކުނބުކުރީގައި ކަރަންޓީނު ދިދަހުރެއެވެ. މިގޮތަށް ތިބެނީ ހަފްތާއެއް ވަންދެނެވެ. ދެންކޮޅުބުން ގެންނަ ބައެއްތަކެތި ގަނެގެން އުފަލާ އަރާމުގައި ތިބެގެން ރަށަށް އަންނަނީއެވެ.

އެދުވަސްވަރު މުވާސަލާތުގެ ކަންތައްތައް ހުންނަގޮތުން އޮޑިފަހަރު މާލެވަނަސް ޚަބަރެއްނުވާތީ އަދި ހަމަރަށުން ފުރުމުން ދެން އެއްވެސް ޚަބަރެއް ނުލިބޭތީ އިރުވައިގެ ވައި ލިބުމުން ރަށުމީހުން ތިބޭނީ ކޮންމެ ދުވަހަކުވެސް އޮޑިއާދޭތޯ ބަލަބަލާ އިންތިޒާރުގައެވެ. މިހެންތިބޭ އިރު އަތިރިމަތީގައްޔާއި  ރަށުތެރޭގައި ހުންނަ ދިގުރުށްރުކަށް އަރައި އޮޑިއެއްފެނޭތޯ ބަލަމުންދާނެއެވެ. ރުކުކުރިއަށް އޮޑިއެއްފެނިއްޖެނަމަ އެވަގުތު އޮޑިފެނުނުމީހާ ރުކުގައި އޮވެ '' އާލެއޭ '' ކިޔާ ވަރަށްބާރަށް ގޮވާލުމުން އޮޑިއަންނަކަން މުޅިހިސާބުގަނޑަށް އެގޭނެއެވެ. އެއަޑުއިވުމުން އެކި ހިސާބުހިސާބުން އާލެއޭ ގޮވަމުންގޮސް މުޅިރަށަށްވެސް އޮޑިއެއްއަންނަކަން އެގިދާނެއެވެ. މިގޮތައް އެއަހަރަކު އެއްމެފުރަތަމަ ފެންނައޮޑިއަކީ އައްޑުއަތޮޅު އޮޑިއެއްނަމަ ރަށުބޭރުން އައްޑުއަތޮޅަށް މިސްރާބު ޖަހާލުމުން ދޯނިފަހަރުގައި އޮޑިދޮށަށްގޮސް މިރަށު އޮޑިފަހަރުގެ ވާހަކަ ޚަބަރުއަހާ އޮޅުންފިލުވާ ހަދައެވެ. އެގޮތުން މިރަށުގެ އޮޑިފަހަރުގެ ޚަބަރު ލިބޭނެއެވެ. މިރަށުއޮޑިއެއްއަންނަ ދުވަހު ވަކިއޮޑިއެއް އެގުމުން އެއިންދަތުރުދިޔަ މީހުންގެ ގޭގޭގައި ކުކުޅު ކަތިލާނެއެވެ. އެދުވަހަކީ މުޅިރަށުއެންމެނަށް އީދެއްއަންނަ ދުވަހެކެވެ. އެއްމެންވެސް ތިބެނީ ނިހާޔަތަށް އުފާވެ ހިނިތުންވެފައެވެ. ސަރުކާރުގެ ހުއްދައޮވެގެން ފުވައްމުލަކުގެ އޮޑިފަހަރާއި އަދި ދެކުނު އޮޑިފަހަރު އެއްމެފަހުން ސިލޯނަށްދިޔައީ 1960 ވަނައަހަރުގައެވެ.
 އޮޅުދޫސާމާނު އައިސް އުފަލުން ލައްވައެ ލިބާސް / ކުދިވެރިނަށް ލިބި ފަޓާސް ހިތްފުރި ދިރިދޭ ހަވާސް.                           

No comments:

Post a Comment