Friday 24 January 2014

Flying Fish in Fuvahmulah

ފާރޫގު އަޙުމަދު / ސަމާ
ފަންވަތް ކުރަހަން ވަޅީން ހޭޅިމަގުން ދޭކުދިން /
ދޭދޭ ތޮޅި ދެމަފިރިން ޅަދޮޅުވެޔޭ މުސްކުޅީން. ބޯށީގަހުގެ ހިޔަލުގާ މަޑީފަތުގެން ސީލަރާ
/ އަޑުއިވެޔޭ ތިބެ ގޮވާ ޅިޔަނާހޭ ވަޅީކޮބާ. ހުޅައްމަހޯ ލަބާލަޔޯ ކަންނާލޯ ފުމެބަލަޔޯ
/ ހޯރަ ތިރިވެ ކާބަލަޔޯ ރާޅާ ކާބަލަޔޯ. ހާލިނަގާ ބޯވެދޭ ކާލި ދެއަތަކަށް ކެނޑޭ
/ ރާއަމަތިންގޮސް ވެރޭ ލާތޮޅިގޮނޑުދޮށްފުރޭ. ތިބެގެން އެކިވަރުވަރުން އަންހެނުނާފިރިހެނުން
/ ވިނަފަށުނާއި ގޮނޑުދޮށުން ދުވެނަގަމުންދޭހެމުން.
fulhangi (flying fish -Exocoetidae)
އާދެ! ފުވައްމުލަކަށް ހުޅަނގު މޫސުމާއި އިރުވާއި މޫސމުގައިވެސް ފުޅަނގި އަރައެވެ. ފުޅަނގި އަރަނީ ބައެއްދުވަސަވަރު ވަރަށް ގިނައިންނެވެ. ބައެއް ދުވަސަވަރު ވަރަށް މަދުންނެވެ. އެންމެ ގިނައިން ފުޅަގި އަރާކަމަށް ވަނީ އަތަ ހިތަ ދެނަކަތުގައި ހުޅަގު މޫސުމުގައެވެ. ފުޅަނގި އަރަނީ ދެގޮތަކަށެވެ. އެއީ ކަނޑުންފެށިގެން މަތިން އުދުހިފައި އައިސް ރަށަށް އެރުމާއި، ކަނޑުންފެށިގެން މޫދުގައި ދުވަމުން އައިސް ގޮނޑު ދޮށަށް އެރުމާ ދެގޮތެވެ. މިއިން ކޮންމެ ގޮތަކަށް ފުޅަނގި އެރި ކަމުގައި ވިއަސް ފުޅަނގި ނަގަން ގޮސް ތިބޭ މީހުން އެކަމަށް ތައްޔާރުވެ ސަމާލުވެ ތިބޭނެއެވެ. ވީހާ ގިނައެއްކޮށް ފުޅަނގި ނެގުމަށްޓަކައި ފިރިހެނުންނާއި، އަންހެނުން ހަރަކާތްތެރިވެ، އަދި ބައެއްފަހަރު މޫދަށް އެރި ވަރަށް ފޯރިއާއެކީ ފުޅަނގި ނަގަމުން ގެންދެއެވެ. ފުޅަގިމަހަކީ ގަރުދިޔަ ހެދުމަށް ވަރަށް މަޝްހޫރު ވަރަށް މީރު މަހެކެވެ. މިމަހަކީ ހިއްކައިގެންވެސް ބޭނުންކުރެވޭ މަހެކެވެ. މީގެބޮޑު މިނަކީ ގާތްގަނޑަކަށް 6 ނުވަތަ 8 އިންޗި ވަރަވެ. މިމަހުގެ ވަރަށް ދިގު ދެފިޔަފަތްހުރެއެވެ. ގިނައިންފުޅަނގި އަރާ ދުވަސްވަރު މީހެއްގެ މައްޗަށް 3000 އިން ފެށިގެން 5000 އާއި ހަމަޔަށްވެސް ފުޅަނގި ނެގެއެވެ. އެއީ އަތިރި މަތީގައި މީހުންގިނަ ދުވަސްދުވަހު މީހެއްގެ މައްޗަށް ނެގޭވަރެވެ. މިއަކީ އެއްވެސް ވަކި މިންގަނޑެއްގެ މައްޗަށް ބަޔާން ކުރެވެން އޮންނަ ކަމެއް ނޫނެވެ.
ފުޅަނގި މޫސުމުގައިވެސް ބައެއް ދުވަސްދުވަހު އަމުދުން ފުޅަނގި ނާރާވެސް ދެއެވެ. އަދި އިރުވައި މޫސުމުގައިވެސް ފުޅަނގި އަރާފާނެއެވެ. އިހުޒަމާނުގައި ހުޅަނގު މޫސުމް ވުމުން ފުޅަނގިއަށް ފަނޑިތަ ހެދުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިގޮތުން ހަދާ އެންމެ މުހިއްމު ފަންޑިތައަކީ ރަށުގެ ދެސްވަޅުތައްމަތީ ދެފަސް ބެދުނު ހިސާބުގައި ފުޅަނގި ވަޅުލައިގެން ހަދާ ފަންޑިތައެވެ. މިފަންޑިތަ ހަދަނީ އެވަގުތަކު ރަށަށް ފަންޑިތަހަދާ މީހެކެވެ. މިގޮތުން ކަރިއްޔާ މުޙައްމަދުދީދީ ރަށަށް ފަނޑިތަ ހައްދަވަން ޖެހުނު އަހަރަކު މަސްވެރިކަން ވަރަށް ދެރަވެ، މަސްގަރުދިޔަ ތަދުވެފައި ވަނިކޮށް ކަރިއްޔާ އޮޑި އެހެލަން ޖެހުނެވެ. އެދުވަހު އޮޑި އެހެލަން ނިކުތީ ވަރަށްވެސް މަދު މީސްކޮޅެކެވެ. އެމީހުންނަކަށް އެދުވަހު އޮޑި އެހެލެވޭ ގޮތެއް ނުވިއެވެ. ރަށުގެ ގިނަ ރައްޔިތުން ނުނިކުތީ މަސް ނެތުމުގެ ސަބަބުން، ނުކެވި ބަނޑުހައިވެގެންކަން މުޙައްމަދުދީދީއަށް އެނގިވަޑައިގަތުމުން ވިދާޅުވިކަމަށް ވަނީ ފަހުދުވަހު އޮޑި އެހެލާދީފައި، ހުޅަނގުފަރާތު އަތިރިމައްޗަށް ޚަބަރު ބަލަން މީހުން ދިއުމަށެވެ. އަނެއްދުވަހު އޮޑި އެހެލާފައި އަތިރިމައްޗަށް ފޭބިއިރު، ފުޅަނގިތައް މަތިންނާއި، ކަނޑުން އެކީ އެކައްޗަކަށް އަރަމުންދަނީއެވެ. އެދުވަހު މީސްތަކުން ފުޅަނގި ނަގަމުންގޮސް އިރު އޮއްސި އަނދިރިވުމުންވެސް މެދުނުކެނޑި ރޭގަނޑުވެސް ފުޅަނގި އަރަމުން ދިޔައެވެ. މީހުން އަތިރިމަތީ ހޭޅިފަށުގައި އުނދުންޖަހައިގެން ރޭގަނޑު ފުޅަނގި ކައްކަމުން، ހިއްކަމުން، ނަގަމުން މިގޮތަށް ތިންރޭ ތިންދުވަސް ވަންދެން ހުއްޓާނުލާ ފުޅަނގި އެރިކަމަށް ވެއެވެ. މީހުން އެތައް ބައިވަރު ފުޅަނގިތަކެއް ނަގައި، ހިއްކާ ރައްކާކުރިކަމަށް ވެއެވެ. ގެއެއްގެ މައްޗަށް 12 ބަސްތާ 10 ބަސްތާ ފުޅަނގި ހިއްކާފައި ހުރިކަމަށްވެސް ވެއެވެ. އަލްފާޟިލު ވާރުގޭ މުޙައްމަދު ޢަލިދީދީ ވިދާޅުވިގޮތުން އޭރު އޭނާ ވަރަށް ކުޑައެވެ
.
އޭނާ ވިދާޅުވަނީ އެބޭފުޅުންގެ ގޭގައިވެސް ހިއްކި ފުޅަނގި 20 ބަސްތާ އޮތްކަމަށެވެ. އިހުޒަމާނުގައި ފުޅަނގި އެރުމުގެ އިންތިޒާރުގައި އަތިރިމަތީގައި ތިބޭއިރު ހުޅަނގުންޖެހޭ ފިނިވައިގާ ބޯށިގަހުގެ ހިޔަލުގައި ތިބެގެން އެކިކަހަލަ ކުޅިވަރުތައް ކުޅުމާއި، ރައިވަރުކިޔުމާއި، ވާހަކަކިޔުމާއި، އަދި ފަންވަތުގައްޔާއި، މަގޫފަތުގައި ވަޅިން ރައިވަރުލިޔެފައި، އެދޭމީހުންނަށް ދިނުމާއި މިކަހަލަ މަޖާކަންތައްތަކެއް ކުރެއެވެ. މިކަންކަމަކީ އެކުވެރިކަން އާލާވެގެން ދިއުމާއި، ގުޅުން ބަދަހިވުމާއި، ރައްޓެހިން އިތުރުވުމާއި، ފެނިދެނިވުމުގެ ފުރުސަތު ލިބޭކަންކަމެވެ. ކޮންމެއަކަސް އިހުޒަމާނުގައި ފުޅަނގި އެރިހާގިނައިން ނޭރިކަމުގައި ވިޔަސް މިހާރުވެސް ފުޅަނގިއަރައެވެ. އެކަމަކު އެޒަމާނުގައި މިކަމުގެ ސަބަބުން އުފެދިފައިއޮތް ޢިޖްތިމާޢީ ގުޅުން މިހާރަކު އެގޮތަކަށް ނޯވެއެވެ. އެދުވަސްވަރުގެ މީހުން އެކަމަށް ދިން އަހަމިއްޔަތެއްވެސް މިހާރަކު ދެވިފައެއް ނޯވެއެވެ.

No comments:

Post a Comment