Saturday 25 January 2014

Eighty years since the first cabinet was appointed

ވަޒީރުންގެ މަޖިލީސް އުފެދުނުތާ 80 އަހަރު

    22 ޑިސެމްބަރ 2012

ރާއްޖޭގައި ވަޒީރުންގެ މަޖިލީހެއް އުފެދުނުތާ މިއަދު 80 އަހަރު ފުރިއްޖެ އެވެ. ރާއްޖޭގެ ވުޒާރާގެ ތާރީޚު ފެށުނީ އަދި ވަޒީރުންގެ މަޖިލީސް އުފެދުނީ މީގެ 80 އަހަރު ކުރިން 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ތާރީޚުގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނެނީ، ވަޒީރުލްއަޢުޒަމްގެ މަޙުކަމާއާ އެކު ޖުމްލަ 12 މަޙުކަމާ އެވެ. އެއީ ވަޒީރުލްޢަސްކަރިއްޔާ (ޑިފެންސް) އާއި ވަޒީރުލް ޙައްޤާނިއްޔާ (ޖަސްޓިސް) އާއި ވަޒީރުލްމާލިއްޔާ (ފިނޭންސް)އާއި ވަޒީރުއްދާޚިލިއްޔާ (ހޯމްއެފެއާޒް)އާއި ވަޒީރުލްޚާރިޖިއްޔާ (ފޮރިންއެފެއާޒް)އާއި ވަޒީރުލްމަޢާރިފް (އެޑިޔުކޭޝަން)އާއި ވަޒީރުއްތިޖާރާ (ޓްރޭޑް)އާއި ވަޒީރުއްޞިއްޙަތު (ހެލްތު)އާއި ވަޒީރުލްއަސްޣާލު (ޕަބްލިކްވާކްސް)އާއި ވަޒީރުލްއަވްޤާފް (ޕަބްލިކް އެންޑަވްމަންޓް)އާއި އަދި ވަޒީރުލްޒިރާޢާ(އެގްރިކަލްޗަރު) އެވެ.
ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަތީ ވަޒީރުލްއަޢުޒަމް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ރައީސް (ބޮޑުވަޒީރު) އަދި ވަޒީރުލްޢަސްކަރިއްޔާ މުޙަންމަދު ފަރީދުދީދީ އާއި ވަޒީރުލްޚާރިޖިއްޔާ އަދި ވަޒީރުލްމާލިއްޔާ ޙަސަން ފަރީދު ދީދީ އާއި ވަޒީރުއްދާޚިލިއްޔާ އަދި ވަޒީރުލްމަޢާރިފް އަޙްމަދު ކާމިލްދީދީ އާއި ވަޒީރުއްޞިއްޙާ އަދި ވަޒީރުލްއަސްޣާލު އެއްގަމުގޭ އިބްރާހީމްއަލިދީދީ (ފަހުން ފާމުލަދޭރިކިލެގެފާނު)އާއި، ވަޒީރުލްޒިރާޢާ ގަލޮޅުގޭ މުޙަންމަދުދީދީ އާއި، ވަޒީރުލްޙައްޤާނިއްޔާ ޙުސައިން ޞަލާޙުއްދީނާއި، ވަޒީރުއްތިޖާރާ މުޙަންމަދު އަމީނުދީދީއެވެ.
ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ދެވުޒާރާ ފަސް ބޭފުޅަކު ބެލެހެއްޓެވިއެވެ. ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި މުޙަންމަދު އަމީނަކީ، ރާއްޖޭގެ ކެބިނެޓްގައި މިހާތަނަށް ހިމެނިވަޑައިގެންނެވި އެންމެ ޒުވާން ވަޒީރެވެ. އޭރު މުޙަންމަދު އަމީނުގެ އުމުރުފުޅަކީ 22 އަހަރެވެ. އެއްފަހަރާ އެންމެ ގިނަ ވުޒާރާ ހިންގެވި ވަޒީރު ކަމުގެ ރެކޯޑުވެސް ވަނީ މުޙަންމަދު އަމީނަށެވެ. އެމަނިކުފާނު 1952 ޑިސެމްބަރު 22ގައި އުފެދުނު ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރުކަމުގެ އިތުރަށް، ދާޚިލިއްޔާ، ޚާރިޖިއްޔާ، މާލިއްޔާ، އަމަންއާންމު، އަދި ޞިއްޙަތުގެ ވަޒީރުކަން އެއްފަހަރާ ކުރެއްވި އެވެ. އަދި އެކިފަހަރުމަތިން އެހެނިހެން އެކިވުޒާރާތަކުގެ ވަޒީރުކަންވެސް ކުރައްވާފައިވެ އެވެ.
ރާއްޖޭގެ ވަޒީރުންގެ މަޖިލީސް އުފެދުނު ދުވަސް ކަމަށްވާ 22 ޑިސެމްބަރު 1932 ން ފެށިގެން މިހާތަނަށް އެމަޖިލީހުގެ ރައީސްކަން ކުރައްވާފައި ވަނީ، ބޮޑުވަޒީރު މުޙަންމަދު ފަރީދާއި ޚާރިޖީވަޒީރު ޙަސަން ފަރީދާއި ބޮޑުވަޒީރު މުޙަންމަދު އަމީނާއި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނާއި ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެންނާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އިބްރާހީމް ނާޞިރާއި، ބޮޑުވަޒީރު އަޙްމަދު ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.
ވަޒީރުންގެ މަޖިލީހުގެ ތާރީޚުގައި އެންމެ ފުރަތަމަ ކެބިނެޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވި އަންހެން ބޭފުޅަކީ، 1977 ޖެނުއަރީ 6ގައި ހެލްތު މިނިސްޓަރުކަމަށް ޢައްޔަން ކުރެއްވި މުއުމިނާ ޙަލީމެވެ. އޭގެކުރިން، ދައުލަތުގެ ވަޒީރުކަން ފާޠިމަތު އިބްރާހީމްދީދީއާއި އާމިނަތު ޙުސައިން، 22 ޑިސެމްބަރު 1952އިން 12 އޯގަސްޓް 1953އަށް ކުރައްވާފައިވެ އެވެ.
(Source: sun.mv)


No comments:

Post a Comment