Saturday 25 January 2014

Memories of Fura Male' (Male' Proper)

ފުރަމާލޭގެ ހަނދާންތައް

ނަސީމާ މުހައްމަދު
24 ސެޕްޓެމްބަރ 2011 09:22
22
1901މ. ގައި ނަގާފައިވާ މާލޭގެ ބަނދަރުގެ ފޮޓޯއެއް
ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ރަށުގެ މަގާމު މާލެ އަށް ދީފައި އޮންނަތާ 2000 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިހުޒަމާނުގައި، ބޭރުގެ ދަތުރުވެރިން ރާއްޖެ އަށް އައިސްގޮސް އުޅުނުއިރު ވެސް ވެރިރަށަކީ މާލެކަން ލިޔުންތަކުން އެނގެ އެވެ. އެކި ލިޔުންތެރިން މާލެ އަށް އެކި ނަން ދެއްވާފައިވެ އެވެ. އޭގެ ތެރޭގައި "އަމްބްރިއާ" އާއި "މަހަލް" ވެސް ހިމެނެ އެވެ. އަދި، ދިވެހި ރަދީފުގައި "އަތަމަނަހުރާ" މިއީ ވެސް މާލެއަށް ކިޔާ ނަމެއްކަމަށް ލިޔުއްވާފައިވެ އެވެ. ފަހަކަށް އައިސް، 18 ވަނަ ޤަރުނާއި 19 ވަނަ ޤަރުނުގެ ތެރޭގައި، ބޭރުގެ ބައެއް ލިޔުންތެރިންގެ ލިޔުންތަކުގައި، "މާލްދީވާ" ގެ ނަމުން ވެސް ލިޔެފައި ހުއްޓައި ފެނެ އެވެ. އެހެން ނަމަވެސް ޒަމާނުއްސުރެ ދިވެހިން، ދިވެހިންގެ ރާއްޖޭގެ ވެރިރަށަށް ކިޔައިއުޅުނީ "ފުރަމާލެ" އެވެ.
"ފުރަ" މިލަފްޒުގެ މާނައަކީ "ބޮޑު" ކަމަށް ދިވެހި ރަދީފުގައިވެ އެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، "ފުރަ" އަކީ ސާންސްކިރިތު ލަފްޒެއް ކަމަށްވާ "ޕްރަ" މި ލަފްޒް ދިވެހި ބަހަށް ބަދަލުވެގެން ކިޔޭ ގޮތެވެ. ސާންސްކިރިތުގައި "ޕްރަ" ގެ މާނައަކީ "އިސް"، "މޮޅު" ނުވަތަ "ކުރީގައި" މިއެވެ. ވުމާއެކު، ދިވެހިން، ދިވެހިންގެ އިސް ރަށަށް "ފުރަމާލެ" ކިޔުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އިހުގެ ވަރަށް ގިނަ ބޭރުގެ ލިޔުންތަކުގައި ފުރަމާލެ އަށް "ސުލްޠާންސް އައިލެންޑް" ނުވަތަ "ރަސްގެފާނުގެ ޖަޒީރާ" އޭ ކިޔާފައިވުމާ އެކު، މާލެއަކީ ވަރަށް ގިނަ ޒަމާން ވަންދެން، ރަދުންގެ ޚާއްޞަ ރަށް ކަމަށް ލަފާކުރެވެ އެވެ. ރަސްގެތީމާއި ކޮމަންޑޫ ފަދަ ރަށްރަށުގެ މާނަ އަކީ "ރަދުންގެ ޖަޒީރާ" ކަމަށް، ޑްރެވީޑިއަން ބަސް ދެނެވަޑައިގަންނަވާ މާހިރުން ވިދާޅުވެ އެވެ. އެހެންކަމަށް ވިޔަސް، "ފުރަމާލެ" އަކީ ރަސްކަމުގެ ޚާއްޞަ މަރުކަޒު، ނުވަތަ ސަރުކާރު ހިނގަމުން އައި ޚާއްޞަ ރަށްކަން އަޅުގަނޑުމެންނަށް އިހު ޒަމާނުގެ ލިޔުންތަކުން އެނގިފައިވެ އެވެ.
ރާއްޖެ އިސްލާމްވުމުގެ ކުރީގައި މާލޭގައި ބުދު ފައްޅި އާއި އެހެނިހެން ބިނާތައް ހުރިކަމަށް ހެކިދޭ ވަރަށް ގިނަ ތަކެތި މާލެ އިން ފެނިފައިވެ އެވެ. މީގެ ތެރޭގައި މާލޭގެ އެކި ހިސާބުން ފެނުނު ބުދުތައް ހިމެނެ އެވެ. މީލާދީން 19 ވަނަ ޤަރުނުގެ ކުރީކޮޅުގައި، މާލޭގެ ގަނޑުވަރު ކައިރީގައި ބޮއި ގަހެއް ހުރިކަން ވެސް، ކުރީ ޒަމާނުގައި މިރަށުގައި ބުޑިޒަމް އޮތްކަމުގެ ހެއްކަކަށް ހިމެނެ އެވެ. ކުރީގެ ބައެއް ވާހަކަތަކުގައި ވެސް މާލޭގައި ބުދު ފައްޅި ހުރި ކަމަށް ވާރިދުވެގެން އައިސްފައިވެ އެވެ.
މާލޭގެ ބިމުގެ އުސްމިނާއި، އަދި ބިން ކޮނުމުގައި ފެނިފައިވާ ހިރިގަލުގެ އާސާރުތަކުން ދައްކައިދެނީ، މާލޭގެ ދޮށިކަމެވެ. ރާއްޖޭގައި އޮތް އެންމެ ޚާއްޞަ ރަށް ކަމުގައި، ފުރަމާލެ ހޭދަކޮށްފައިވާ ޤަރުނުތަކުގެ ހެކިތަކަކީ މި އާސާރުތަކެވެ. ބާރަ ވަނަ ޤަރުނުގެ ލޯމާފާނުތަކުން ދޭހަވާ ގޮތުގައި، އެލިޔުންތައް ލިޔެވުނުއިރު ވެސް މާލޭގައި ރާއްޖޭގެ ވެރިކަން ހިނގަމުންދާތާ ވަރަށް ގިނަ ޒަމާން ވެއްޖެ އެވެ. އެގޮތުން 1195 ވަނަ އަހަރު ދިވެހި ރަސްގެފާނު، ގަޑަނާދީއްތަ މަހާރަދުން ހައްދުންމަތީ އިސްދޫގައި މިސްކިތެއް ބިނާކުރައްވާފައި، އެމިސްކިތުގެ ބޯގަ ދެއްވިއިރު، މާލޭގައިވާ ހަތަރު ބިމަކުން ލިބޭ ތަކެތި އެ ބޯގައިގެ ތެރޭގައި ހިމެނުއްވި އެވެ.
އިހުޒަމާނުގައި ދިވެހި ދައުލަތުގެ މުއްސަނދިކަމަކީ ރާއްޖޭގެ އެތަން މިތަނުން ހިލައިގެން ގެންނަ ބޮލި ކަމަށް ބަލާފައިވެ އެވެ. ބޮއްޔަކީ ބަންޑާރާ (ރަސްގެފާނުގެ) ތަކެއްޗަށް ވުމާ އެކު އެތަކެތި ހުންނަނީ ގަނޑުވަރު ފެންނަ ހިސާބުގައި، ބޮޑެތި ވަޅުވަޅުގަނޑުގައި ރައްކައުކޮށްފަ އެވެ. ބޮލި ގަންނަ ނައުފަހަރު މާލޭގެ ބަނދަރަށް އައުމުން، އެތަކެތި ކޮނެގެން ނަގާފައި ވިއްކަނީ އެވެ. މާލޭގެ މިހިސާބުގައި ވަޅުލާފައި ހުރި ބޮލިތަކެއް މީގެ ހައެއްކަ އަހަރު ކުރިން ވެސް ފެނިފައިވެ އެވެ.
މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތުގެ ޤަބުރުސްތާނު ހައްދަވަންދެން، ރަސްމަތިފުޅުގެ ގިނަ ބޭފުޅުން ވަޅުފުޅުލައި އުޅުނީ އިހުގައި ގަނޑުވަރު ކައިރީގައި ހުރި އެތެރެކޮއިލު މިސްކިތުގައި ކަމަށް ބުނެވެ އެވެ. މި މިސްކިތް ހުރީ މިހާރު މަސްޖިދު މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ހުރި ތަނުގަ އެވެ. އިހުޒަމާނުގައި އެކި ބޭފުޅުން ބިނާކުރެއްވީ ކުދިކުދި މިސްކިތްތަކެވެ. އަދި އެތަންތަނުގެ އާބާތުރަ އެކި ރަސްރަސްކަލުން ފިލުއްވަމުން ގެންދެވި އެވެ. މިހާރު ފެންނަން ހުރީ މިފަދަ ވަރަށް މަދު ތަނެކެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އާސާރަކީ ހެންވޭރު ސީދީ މިސްކިތުގައި އައްސުލްޠާން ޖަލާލުއްދީން ޢުމަރުވީރު ބެހެއްޓެވި، ހިލައިން ހަދައިފައިވާ މިހުރާބެވެ. މިއީ ހިޖުރައިން 1 ޛުލްޤަޢިދާ 722 ގައި އެރަދުން މިސްކިތް އިމާރާތްކުރެއްވުމަށް ފަހު ބެހެއްޓެވި މިހުރާބެވެ. މިތާރީޚު އެހިލައިގައި ލިޔެފައިވުމާ އެކު، މިއީ މިފަދަ އެންމެ ދުވަސްވީ ލިޔުންކަމަށް ބެލެވެ އެވެ. މީލާދީ ސަނަތުން އެއީ ނޮވެމްބަރު ،11 1322 އެވެ.
ޕޯޗުގީޒުން ރާއްޖެ ހިފީ މީލާދީން 1558 ވަނަ އަހަރު އެވެ. މާލެ އަކީ އެމީހުންގެ ވެރިކަން ހިންގި ރަށެވެ. ނަމަވެސް މިހާރު އެމީހުންގެ ވެރިކަމުގެ އެއްވެސް މާއްދީ ނިޝާނެއް މިރަށުން ފެންނާކަށް ނެތެވެ. އެޒަމާނުގެ އެއް ހަނދާނަކީ "އަނދިރި އަނދިރިން މަގު" ގެ ނަމުން ނަން ދީފައިވާ މަގެވެ. އަދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ގަލޮޅު ބޯޅަ ދަނޑު ކައިރީގައި އޮންނަ "ދޮން އަދަރާދަ މަގު" ގެ ނަން އައިސްފައިވަނީ ވެސް ޕޯޗުގީޒު ބަހުންނެވެ. "ޑޮމް އަންދްރާދެ" އަކީ ޕޯޗުގީޒު މީހެއްގެ ނަމެކެވެ. މިދެ މަގުގެ ނަން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
އިހުޒަމާނުގައި މާލޭގައި ބިނާކުރި ބައެއް މުހިންމު ތަންތަން ހެދީ 17 ވަނަ ޤަރުނުގަ އެވެ. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން، އެއްވަނަ، ނުވަތަ "ބޮޑު ރަސްގެފާނު" މާލޭގެ ދިފާޢީ ނިޒާމު ޤާއިމުކުރެއްވީ މީލާދީން 1632 ވަނަ އަހަރު، ޕޯޗުގީޒުން ދިން ވަރުގަދަ ޙަމަލާއަކަށް ފަހުގަ އެވެ. އެއިރު މާލޭގައި އޮތީ ހަމައެކަނި ފަސް ބޮޑު ބަޑި އެވެ. ބުރުޒެއް، މައި ފާރެއް ނެތެވެ. އަދި މާލޭގެ އުތުރު ފަރާތު ބަނދަރަކަށް ވެސް ރައްކާތެރިކަމެއް ނެތެވެ. އެހެން ނަމަވެސް ޕޯޗުގީޒުންގެ ހަނގުރާމަމަތީ އަރުމާޒު އަންނަ ޚަބަރު ރަދުންނަށް ކުރިން ލިބިވަޑައިގެންފައި ވުމުން، މާލެ ދިފާޢުކުރައްވަން ޙިކުމަތްތަކެއް ބޭނުންފުޅު ކުރައްވައިގެން ޕޯޗުގީޒުން ބަލިކުރެއްވި އެވެ. މާލޭގެ ފަޅުތެރެއަށް ވަންނަން އޮންނަ ނެރު މައްޗަށް، ގައު އަރުވާފައިވާ ދޯންޏެއް ފައްތާލައްވައިގެން ދުޝްމިނުންނަށް އެ މަގު ބަންދުކޮށްލެއްވި ވާހަކަ ތާރީޚުގައި ލިޔެފައިވެ އެވެ.
މިހަނގުރާމައިގެ ފަހުން، މާލޭގެ ދިފާޢީ ނިޒާމް ވަރަށް ފުރިހަމައަށް ޤާއިމުވި އެވެ. އެގޮތުން މާލެ ވަށައިގެން ބުރުޒުތަކެއް ބެހެއްޓި އެވެ. އެއީ ބޮޑު ބުރުޒު، ރަންޖެހި ބުރުޒު، ނާނާ ބުރުޒު، އޮއިކޮޅު ބުރުޒު، ލޮނު ބުރުޒު، އާ ބުރުޒު އަދި ރަށް ދެބައި ބުރުޒެވެ. މިބުރުޒުތަކުގެ ތެރެއިން އެންމެ ވަރުގަދައީ ބޮޑު ބުރުޒެވެ. މިބުރުޒު ހުރީ މާލޭގެ އުތުރު ފަރާތު އަތިރިމަތީގަ އެވެ. ބުރުޒުގެ އުސްމިނުގައި 20 ފޫޓު ހުއްޓެވެ. ބުރުޒުގައި ބަޑި ބަހައްޓާ ތަންތަން ޚާއްޞަކޮށް ހެދި އެވެ. މާލެއާ ހަނގުރާމައަށް އަންނަ ކޮންމެ ބަޔަކަށް އެނމެ ފުރަތަމަ ފެންނަނީ މި ބޮޑު ބުރުޒެވެ. މިބުރުޒު ހުރި މަޤާމުން، އެތަނުގެ ބޮޑު ބަޑިތަކުން އުތުރުން އަންނަ ނައުފަހަރަށް ޙަމަލާދީ ވަރަށް ފަސޭހައިން އެތަކެތި ހަލާކުކޮށްލެވޭނެ އެވެ.
ބޭރުގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ބުރުޒު ފަރުމާކޮށްފައިވަ ގޮތުން، މިއީ ޕޯޗުގީޒުން ބިނަކުރި ތަނެއް ކަމަށްވެ އެވެ. ނަމަވެސް އަޅުގަނޑުމެންގެ ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ކޮންމެ ފަރުމާއަކަށް ހައްދަވާފައި ވީ ނަމަވެސް، މި ބުރުޒު ވެސް އާރާސްތުކުރެއްވީ ބޮޑު ރަސްގެފާނެވެ.
ިބުރުޒުތައް ގުޅާލާފައި ވަނީ ވަރަށް ފުޅާކޮށް ވަރުގަދައަށް ހަދާފައިވާ މައި ފާރަކުންނެވެ. އެޗް. ސީ. ޕީ. ބެލް 1920 ގައި ރާއްޖެ އަށް ވަޑައިގަންއިރު، މިފާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިންވަނައިގެ ރަސްކަމުގައި މިފާރު ރޫޅާލައްވައި އަލުން ބިނާކުރެއްވީ 1925 ވަނަ އަހަރާއި 1926 ވަނަ އަހަރުގެ ތެރޭގަ އެވެ.
އިހުޒަމާނުގައި މާލޭގެ ވަށައިގެން އޮންނަ ތޮށި ވެސް ލެއްވީ ބޮޑު ރަސްގެފާނެވެ. ކުރިން އޮތް ޤުދުރަތީ ތޮށި ވަރުގަދަ ކުރައްވައި، މާލޭގެ އުތުރުގައި އޮންނަ ބަނދަރު ރައްކާތެރިކުރެއްވީ އެރަދުންނެވެ. ތޮށިގަނޑު ހެދީ ބަނދަރަށް ވަންނަ ނެރު ބަންދުކުރެވޭ ގޮތަށެވެ. އެއިރުގެ އާދައަކީ، ކޮންމެ ދުވަހަކު ވެސް އިރުއޮއްސުމުން ނެރު ތަޅުލުމެވެ. އޭގެ 150 ވަރަކަށް އަހަރު ފަހުން، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނުގެ ރަސްކަމުގައި، މަލާބާރީންނަށް މާލެ އަށް އެރުނީ ނެރު ތަޅުނުލައި ހުރުމުންނެވެ.
މާލޭގެ ދިފާޢީ ނިޒާމުގެ ތެރޭގައި ހިމެނޭ މި ތަންތަން، 20 ވަނަ ޤަރުނުގެ މެދުތެރޭގެ އަހަރުތަކާ ހަމައަށް ވެސް ފެންނަން ހުއްޓެވެ.
މާލޭގެ ހަނދާންތަކާ ބެހޭ މި މަޢުލޫމާތުކޮޅު ނިންމާލަމުން، ބޮޑު ރަސްގެފާނު މާލޭގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރެއްވުމާ ގުޅޭ ގޮތުން، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވި ވާހަކައެއް ދަންނަވާލާ ހިތްވެ އެވެ. މިވާހަކައިގައި ހުރި ދިވެހިވަންތަކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެ އެވެ.
ވާހަކައިގެ ނަމަކީ "ތަޚުތު ހަމަޖެހިގެން ނުވާ ރަސްކަލެކޭ ހަތާނެތި އުޅޭ ކުޅަނދުރެކޭ އެއްވަރޭ" މިއެވެ. ބުނެވޭ ގޮތުގައި، ބޮޑު ރަސްގެފާނު މާލޭގެ މައި ފާރު ލައްވައި ނުހައްދެވެނީސް، އެއްފަހަރަކު ހޮޅިން ހަނގުރާމައަށް އައެވެ. މިވާހަކަ އިވިވަޑައިގަންނަވައިގެން، އެއިރުގެ އާދައިގެ މަތިން، ރައްކައުތެރިކަން ހޯއްދަވަން ރަދުން މާލެ އަތޮޅު ގުރައިދުއަށް ވަޑައިގަތެވެ. (ގުރައިދު އަށް ވަންނަން ބޭރު މީހުންނަށް އެއިރު އުނދަގުލެވެ.) މިރަށު ބަޔަކު މަހަށް ގޮސްފައި އައިސް، އެމީހުން ބޭނި މަސްތައް އުކަނިކޮށް، އެކަކު ކެޔޮޅު ގާތުގައި ބުންޏެވެ. "މިއަދު ދަނޑިމަހާ ދާންވާނެއޭ، ރަސްގެފާނު ވަޑައިގެން ހުންނެވީ މިރަށުގަ އެވެ." ކެޔޮޅުބޭ ޖަވާބުދިނެވެ. "އާނ! އާނ! ތިޔަކަހަލަ ވައި ކުޅަދުރުތައް ތިޔަހެން އުޅޭނެތެވެ. ތިޔަ ދަނޑިމަހާ ވެސް ވާނީ ދާށެވެ." މިހެން ބުނިއިރު، މިއަޑު އައްސަވަން އެތާނގައި ރަދުން ހުންނެވި ކަމަށްވެ އެވެ.
މީގެ އެތަކެއް އަހަރު ފަހުން، ބޮޑު ރަސްގެފާނު ތިން ބުރުޒު ހައްދަވައި، މާލެ ވަށައި ފާރު ލައްވައި، ތޮށި ލައްވައި، ގަނޑުވަރު ވެސް ވަރުގަދަ ކުރައްވައިފައި، އެއްކަލަ ކެޔޮޅުބޭ މާލެ ގެންނެވި އެވެ. އެބޭ ގޮވައިގެން އެ ތަންތަން ދައްކަވަން ހިންގަވާފައި ވިދާޅުވި އެވެ. "އަހަރެންގެ މިކަހަލަ ކަންތަކުގެ ފުރަތަމަ އެދުރަކީ ބޭބެ އެވެ."
ކެޔޮޅުބޭ ދެންނެވި ކަމަށްވެ އެވެ. "އާދޭހޭ މަސާހިބާއޭ. ތަޚުތު ހަމަޖެހިގެން ނުވާ ރަސްކަލެކޭ، ހަތާނެތި އުޅޭ ވައި ކުޅަނދުރެކޭ ވާނީ އެއްވަރެވެ. މިހާރު މަސާހިބާއީ ފުރިހަމަ ރަސްކަލެކެވެ."
"އާއެކޭ. ތިޔަބަހުން އަހަންނަށް ކުޅަ ފައިދާ މިހިރީ ފެންނާށެވެ." ރަދުން ވިދާޅުވި އެވެ. ދެން މިބޭބެ އަށް މާލެ އަތޮޅުގެ ވާރު ދެއްވި ކަމަށްވެ އެވެ.
ނޯޓު: މި ލިޔުމަށް މަޢުލޫމާތު ނަގާފައި މިވަނީ، ދިވެހިބަހުގެ ރަދީފުންނާއި، ޙަސަން އަޙުމަދުމަނިކާއި ޖީ. ޑީ. ވިޖެޔަވަރުދަނަ ތަރުޖަމާކުރެއްވި "އިސްދޫ ލޯމާފާނު" ންނާއި، ޙުސައިން ޞަލާޙުއްދީން ލިޔުއްވި "ދިވެހީންގެ ވާހަކަ" މިފޮތްފޮތުންނެވެ.
http://www.haveeru.com.mv/dhivehi/history/110489

No comments:

Post a Comment