Sunday 26 January 2014

ފުރަތަމަ އެއީ ޖިންނި މަންޖެ. ދެން ކޮއްކޮ. ހޮނިހިރު ،18 އޯގަސްޓް 2012 ,- އާދަމް ޒާހިރު (ކުރޮޅި)-

އިންސާނުންނާ ގުޅި އެކުވެރިވެގެން އުޅޭ ޖިންނިކުދިން ތިބޭވާހަކައަކީ ޤަބޫލު ކުޅަޔަސް ނުކުޅަޔަސް ޙަޤީޤަތެކެވެ. ހަމަ އެހެންމެ ޖެއްސުންކުރާ އެއްޗެއްސާއި ދިމާކުރާ އެއްޗެއްސާއި މީހާ އަވަދިކޮށްލައި ނެތިކޮށްލުމަށް އުޅޭ މަންޖެމެނާއި ސޮރުންވެސް އޭގެ ތެރޭގައި އުޅެއެވެ. މިކަން ޤަބޫލުކުރެވެންފެށީ އަޅުގަނޑަށް ދިމާވި އެތައްކަމަކާއި ކުރެވުނު ތަޖުރިބާތަކާ ގުޅިގެންނެވެ. މި ކިޔައިދެނީ އޭގެތެރެއިން އެއް ތަޖުރިބާއެވެ.
އަޅުގަނޑު ބޮޑުވެ މީހަކާ ކާވެނިކުރި ފަހުން ޤަބޫލުކުރަން ދަތި، ބަލައިގަންނަން އުނދަގޫ ބައެއްކަހަލަ ކަންތައް ދިމާވެ، ގޭތެރެއިން ފެންނަ ކުއްޖެއްގެވާހަކައެކެވެ. މި ކުއްޖަކު ފެނުނު އެއް ރެއަކީ އަޅުގަނޑުގެ އަނބި ފުރަތަމަފަހަރަށް ބަލިވެ އިނދެ ދެތިންމަސް ވީ ފަހެވެ. އޭރު އަޅުގަނޑު ވަޒީފާ އަދާކުރަނީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒު (މިހާރުގެ ނަމުންނަމަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން) ގައެވެ. މި ދުވަސް ތަކުން ދުވަހެއްގެ ރޭ ނިދިފައިވަނިކޮށް މީހަކު ދޮރުފަތުގަތުގައި ޓަކި ދޭތީ ހޭލެވުނެވެ. އެހެންކަމުން ބޭރަށް ނުކުމެލާން ހިތަށް އެރިއެވެ. އެވަގުތު އަނބިމީހާވެސް ގޮވައިލައިފިއެވެ. އަދި އަތުގައި ބާރަކަށް ހިފެހެއްޓިއެވެ. އެހެންވެ އިހަށް މަޑުކޮށްލީމެވެ.
"އާދަން ކޮންތާކަށް އިހަށް މަޑުކޮއްލާ" އަނބި މީހާ މިހެން ބުނި އިރު ކަނާއަތުން އަޅުގަނޑުގެ އަތުގައި ވަރަށް ބާރަށް ހިފައިފައި ހުއްޓެވެ. ކުޑަކޮށް ހާސްވެސްވިއެވެ. އެހެންވެ މަޑުކޮށްލީމެވެ. އަނބިމީހާއަށް ބަލައިލި އިރު މީހާވަނީ ދާހިއްލައިފައެވެ. ބިރުން ތުރުތުރު ލައެވެ. ވީ ކީއްތޯ އަހައިލުމުން ބުނީ ހެނދުނު ކިޔައިދޭނޭކަމުގައެވެ. ވާނުވާއެއް ބަލައިލުމަށް މަޑުކޮށްލީއެވެ. ވީގޮތް އިތުރަކަށް ނުއެއް އަހަމުއެވެ. ނަމަވެސް އިރުކޮޅަކުން ހައިރާވެ ވިސްނައިލެވުނީ ދޮރުގައި ޓަކި ދިން މީހެއްގެ ޚަބަރު ބަލައިނުލެވި ހުރެވުނީމައެވެ. އެހެންކަމުން އެކަމެއް ބަލައިލާންވެގެން ހިތް ކިޔެންފަށައިފިއެވެ. ދާން ނުދާންވެސް ވިސްނީމެވެ.
ކޮޓަރީގެ ކުޑަދޮރަކީ ލޫވަ ދޮރެކެވެ. ފޮތިގަނޑު ކަހައިލީމާ ބޭރު ފެންނާނެއެވެ. އެ ކުޑަދޮރު ހުންނަނީ ކޮޓަރީގެ މައިދޮރުގެ ހުޅަނގު ކަންޏާ މުށެއްހާ ގާތުގައެވެ. އެހެންވެ ކުޑަކޮށް ފޮތިގަނޑު ކޮށިކޮށްލައިފައި ބޭރު ބަލައިލި އިރު………. އާހެވެ. އަވަހަށް ފޮތިގަނޑު ތިރިކޮށްލައިފައި އަނެއްކާވެސް ކުޑަކުޑަކޮށް ކޮށިކޮށްލައިފީމެވެ. ކުރިމަތީގައި ހުރި ވަޅުގެ ތުންފަތްމަތިގައި ހުޅަނގަށް މޫނު ލައިގެން އިން ކުޑަކުއްޖަކު އިނެވެ. އެއީ އަންހެން ކުއްޖެކެވެ. ކޮޓަރީގެ ބޭރުގައި ދިއްލައިފައި ހުރި ފަނޑު އަލީގައި އެ ކުއްޖަކު ލައިފައި ހުރި ހެދުމާއި އަތާއި ފަޔާއި ހަށިގަނޑު ފާހަގަވެއެވެ. ނަމަވެސް ކުޑަކޮށް އިސްޖަހައިގެން އިނުމުން މޫނެއް ނުފެނެއެވެ. އިސްކޮޅުގައި ތިން ފޫޓުވަރު ހުންނާނޭކަމަށްހީވެއެވެ. އަޅުގަނޑު ހާސްވިއެވެ. އަދި ލޫވަ ދޮރުގެ ފޮތިގަނޑު އަލުން ތިރިކޮށްލުމަށްފަހު ގޮނޑީގައި އިށީނދެލީމެވެ. އޭރު ކުރިމަތީގައި ހުރި އެނދުގައި އަނބި ނިދިފައި އޮތެވެ. އަޅުގަނޑު ބަލާކަށް ނުހުރެ ރޭޑިޔޯއިން ޤުރުއާން ޖަހަންފެށީމެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ކެތް ނުވެގެން އަލުން ބޭރު ބަލައިލީމެވެ. އޭރުވެސް އެ ކުއްޖަކު އެވަޅުގެ ތުންފަތްމަތިގައި އިނެވެ. މި ވާގޮތެއް ބެލުމަށް އެ ވަގުތު ހިތަށް އެރިއެވެ. މިއީ ޖިންނިއަކަށް ނުވާނެއެވެ. ޤުރުއާން ކިޔަވާ އަޑު އިވުނީމާވެސް ނުދާނީ އިންސާނުންނެވެ. އެހެންވެ ބޭރަށް ނުކުމެ އެއީ ކޮން ކުއްޖެއްތޯ ބަލާހިތްވެއްޖެއެވެ. އެހެންވެ ވަރަށް ހިތްވަރުކޮށްފައި ބޭރަށް ނުކުތުމަށް ވިސްނީމެވެ. ގަޑިއަށްވެސް ބަލައިލީމެވެ. ވަރަށް ރަނގަޅަށް ހަނދާންއެބަހުއްޓެވެ. އޭރުގަޑިން ތިންގަޑި ބައިނުވެއެވެ.
ވަރަށް ހިތްވަރުކޮށްފައި ކުރުސި ކިޔައި އަޢޫޛު ކިޔުމަށްފަހު ބިސްމިނުގެ ބަރަކާތާއެކު ގޭގެ ދޮރު ހުޅުވައިލީމެވެ. ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އެއްކަލަ ކުއްޖަކު އޭރު ވަޅުގެ ތުންފަތްމައްޗަކު ނެތެވެ. ނަމަވެސް ހިނގައިފައި ދާތަން ފެނުނެވެ. ގޯޅިގަނޑު ހުރިގޮތަށް ހިނގައިފައި ނުކުތީ ބޭރަށެވެ. ފައި އަޅާތަނެއް ނުފެނެއެވެ. އެހެންވެ އެއީ ކާކުތޯ ބަލައިލުމަށް ނުކުންނަ ހިތެއް ނުވިއެވެ. އާއެކެވެ. އެއީ އާންމުކޮށް އެކިފަހަރުމަތިން ފެންނަ ކުއްޖާއެވެ. އިންސާނެއް ނަމަ ފައި އަޅާނެއެވެ. އަދި އަތް ހޫރޭނެއެވެ. މިއިންކަމެއް ނުފެނުނީމާ އެއީ ކާކުކަން ވިސްނިއްޖެއެވެ. އަވަހަސް ﷲ އަށް ޝުކުރުކޮށްފައި ކުރުސި ކިޔަމުން ކޮޓަރިއަށް ވަނީމެވެ.
ކޮންމެއަކަސް އެރޭގެ ފިކުރާއެކު ވިސްނަން އިންނަތާ ގަޑިއެއްގެ އިރުވެސްވީފަހުން އަނބި މީހާ ތެދުވެއްޖެއެވެ. އޭރު ފަތިސްނަމާދަށް ބަންގި ގޮވައިފިއެވެ. އަޅުގަނޑަށް އެރޭ ފެނުނު ކަންކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް އަންހެނުންނަށް ކިޔައެއް ނުދެމެވެ. އަދި އަންހެނުން ކިޔައިދޭން ބޭނުންވި ވާހަކައެއްވެސް ނު އަހަމެވެ. ދެމަފިރިންވެސް ނަމާދުކުރީ ކޮޓަރީގައެވެ. އަންހެނުން އެކަނި ކޮށްފައި މިސްކިތަށް ނުދާންވެގެންނެވެ.
ނަމާދުގެ އެންމެހާ ކަމެއް ނިމުމުން ނުވެސް އަހަނީސް ރޭގައި އަންހެނުންނަށް ވީގޮތް ކިޔައިދީފިއެވެ. ހުވަފެނެއް ފެނުނީއެވެ. އަނބި ބުނެދިންގޮތުގައި އަނދިރިގަނޑެއްހެން ފެނުނު އެމީހާ އުޅެނީ ގޭތެރެއަށްވަންނާށެވެ. ނަމަވެސް ނުވަދެވުނީ އެތަނުގައި ޚަތިމެއް އޮތީމާކަމަށް ބުންޏެވެ. މިކަމެއް ހިނގި ވަގުތު ގޮވަން އުޅެ އުޅެވެސް ނުގޮވުނު ކަމުގައި އަނބި ބުންޏެވެ. ރަނގަޅަށް ވިސްނައިލިއިރު އަނބި މީހާއަށް ދެބަދޭތެރޭ އެ ފެނުނު ސޫރައެއް ފާޅުވި ވަގުތާއި ދޮރުގައި ޓަކި ދިން ވަގުތު ދިމާވެފައިވަނީ އެއް ވަގުތަކަށެވެ. ކަމަކުން ސަލާމަތްވާން ވެއްޖެނަމަ މިކަހަލަ ގޮތަކުން މިންޖުކުރެއްވުމަކީ ﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ. އެ ކަލާނގެއީ ދުނިޔެ އާރާސްތުކުރައްވައި މި ބިމުގައި އިންސާނުންނާއި ޖިންނީން ލައްވައި އެކަލާނގެއަށް އެބައިމީހުން އަޅުކަންކުރުމަށް އެންގެވި ކަލާނގެއެވެ. އަދި އިންސާނުންނަށް ނުދެއްވާ ކަންކަން ޖިންނީންނަށް ދެއްވައި ޖިންނީންނަށް ނުދެއްވާ އެތައް ނިޢުމަތެއް އިންސާނުންނަށް ދެއްވި ކުޅަދުންވަންތަ އިލާހެވެ. އަލްޙަމްދު ލިއްލާހިއެވެ.
އާދޭހެވެ. އަޅުގަނޑުގެ އަނބިމީހާއަށް މި ކަހަލަކަމެއް ދިމާވި ދެވަނަ ފަހަރަކީ 1993 ވަނައަހަރުގެ އޮގަސްޓު 9 ވަނަދުވަހުގެރޭއެވެ. މިތާރީޚު ހަނދާނުގައި ހުރީ  އެ ރެއަކީ ދޮށީ ދަރިފުޅު މި ފަނާވަނިވި ދުނިޔެއަށް ނޭވާލި ދުވަހުގެ ރޭ ކަމުގައިވުމުންނެވެ. ދަރިފުޅު ވިހެއީ މ.ވާދީއެވެ، ކިޔުނު ގޭގައި (ވާވު ޅަހުއްތު ގޭގައި އަނބިމީހާގެ މަންމަ ކުއްޔަށް ހިފައިގެން އުޅުނު ކޮޓަރީގައި) އެވެ.
ކޮންމެއަކަސް މި ދެންނެވިރޭ އަނބި ކިޔައިދިން ގޮތުގައި އަޅުގަނޑުގެ މަންމަ، ހޭނަ ކުޑަކަނބުލޮ (މަރްޔަމް ޔަޙްޔާ) ގެ ސިފައިގައި ހުރި މީހަކު އަންހެނުން އޮތް ކޮޓަރިއަށް ވަނެވެ. އަނބި މީހާގެ އެއްފަރާތުގައި ބާއްވައިފައި އޮތް ދޮށީ ދަރިފުޅު (މައިހާ) ނަގައި ބައްދައިލިއެވެ. އަދި ލޯބިކޮށް ހީނލިއެވެ. އަންހެނުން ބުނި ގޮތުގައި އެމީހަކު އެ ކަމެއްގައި ހުއްޓައި މީހުނަށް ގޮވަން އުޅެ އުޅެ ބަހެއް ނުބުނެވުނީއެވެ. އިއްތިފާޤަކުން އަޅުގަނޑަށް އެ ކޮޓަރިއަށް ވަދެވުނީއެވެ. އެ ހިނދު އެ މީހަކު ގެއްލިއްޖެއެވެ.
ކޮންމެއަކަސް މީގެ ދުވަސްތަކެއްފަހުން އާދަޔާ ޚިލާފަށް ގާތުން އެއްކަލަ ކުޑަ މަންޖެ ފެނުނެވެ. އެއީ ވަރަށް ބުރަކޮށް މަސައްކަތްކުރި ރެއެކެވެ. މި ކަން ހިނގައި ދިޔަގޮތުން އަޖައިބު ވިއެވެ. އަދި ހައިރާންވެސް ވެވުނެވެ. އެހެނީ މިއީ ކުއްލިއަކަށް ވަރަށް ގާތުން ދިމާވި ކަމެއްކަމުގައިވީތީއެވެ. ކަން ބޮޑުވީ އެ ވަގުތު މިކަން ދިމާވިއިރު އެ ތަނުގައި އަޅުގަނޑު ނޫން އެކަކުވެސް ނެތީމައެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެތެރޭގައި ދައްތަ (ދޮންމަންމަ، ބައްޕަ އެންމެ ފަހުން ކާވެނިކުރެއްވި މަރިޔަމް) ނުކުންނެވިއެވެ.
މީލާދީ ސަނަތުން 2004 ވަނަ އަހަރު އައި ރޯދައަށް ގޭތެރެ ނަލަކޮށްލައި ކުދިކުދި ބަދަލު ގެނެސް ނިމިގެން ހިރަފުސް ފޮޅައި ސާފު ކުރި ދުވަހެއްގެ ރެއެވެ. އެއީ ކޮޓަރިން ބޭރަށް ނެރުނު އާލާތްތައް ކޮޓަރިއަށް ވެއްދުމުގެ މަސައްކަތް ކުރި ރެއެކެވެ. ގޭ އެންމެން ހެން ތިބީ ވަރުބަލިވެގެން ނިދައިފައެވެ. އާއިލާގެ އެންމެނާއި ގޯތީގެ އެކި ގޭ ބިސީގައި ދިރިއުޅޭ އެންމެންވެސް ވީ ގަދަ ނިދީގައެވެ. އަޅުގަނޑު އެކަނި މާއެކަނި ފަހަރަކު އެއްޗެއް ފޮޅައި ސާފުކޮށްފައި ކޮޓަރިއަށް ލަމުން ދިޔައީމެވެ. ހިމޭން ހިންދީ ލަވައެއް ޖަހައި އަޑުއަހަމުންނެވެ.
މަސައްކަތުގެ ތެރެއިން ކޮޓަރިއަށް ފޮތްތަކެއް ވެއްދުމަށްފަހު ނުކުމެ މަލްމަލް ފޮތިކޮޅަކުން އަލްބޮމް ތަކެއް ފޮހެ ހިރަފުސް ސާފުކޮށްލައި ކޮޓަރިއަށްވަންނަން އެނބުރިލީ ވަގުތު ފޫޓެއްހައިކައިރީގައި އެއްކަލަ ކުއްޖާ އެބަހުއްޓެވެ. ގައިން ހީވީ ހިމަ ކަންވާރުގެ ފައްތައް ހުރިހާ ނާރަކަށް ވަދެ ދުއްވައިގެންހެނެވެ. ހަދާނެ ގޮތް ވަގުތުން ސިކުނޑި އަންގައިފިއެވެ. ކުރަމުންދިޔަ ކަމަކަށް ކުޑަވެސް ހުއްޓުމެއް ނުގެނެސް ކުރަމުން ވަރަށް ބާރަށް ބަންގި ދީފީމެވެ. އެ ކުއްޖަކަށް ސަމާލެއް ނުވަމެވެ. ބާރަށް ކުރުސިވެސް ކިޔައިފައި މެއަށް ފުމެލައިފީމެވެ. އަދި ވަރަށް ބާރަށް قل هوﷲ ސޫރަތް ކިޔަން ފެށީމެވެ. މި ހިސަބަށް ދިޔަތަނާ އެ ކުއްޖަކު އެނބުރިލައިފައި ހިނގައިގެންފިއެވެ. ގޭގެ ދެކުނުފަޅީގައި އޮތް ހުސްބިމާ ދިމާއަށް ހިނގައިގަތެވެ.
އަޅުގަނޑު ކޮޓަރިއަށް ވަންނާކަށް ނުވިސްނަމެވެ. ހުރި ހިސާބެއްގައި ހުރެ ފަހަރަކު އެއްޗެއް ފޮހެމުން ދިޔައީމެވެ. އޭރުވެސް ހިތުގައި ކުރިނ ނުއުފެދޭ ބިރުވެރިކަމެއް އޮތެވެ. މިރޭ ދުވަސް ދިޔައިއްޔޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް ދުލުން ބާރަށް ކުރުސިއާއި އިޚުލާސް ކިޔަމެވެ. އަދި ދޭތެރެދޭތެރެއިން އެ ކުއްޖާއަށް ވާގޮތެއް ބެލީމެވެ. އިސާހިތަކު އެ ކުއްޖާ ގެއްލި ނިމިއްޖެއެވެ. އަވަހަށް ނިވަލަށް ކޮޓަރިއަށްވަދެ ﷲއަށް ޙަމްދުކޮށްފީމެވެ. އަނބިމީހާއަށް ގޮވަން ހިތަށް އެރިއެވެ. ނަމަވެސް ނުގޮވަމެވެ. ކޮޓަރީގައި އިރުކޮޅަކު އިނދެލުމަށްފަހު އަނެއްކާވެސް މަސައްކަތާއިގެން ފަށައިގަތީއެވެ. ފަހަރެއްގައި ވާރޭ ވެހިއްޖެ ނަމަ ސާމާނުތައް ތެމި ހަލާކުވެދާނެތީ މިރޭ ހުރިހާއެއްޗެއް ކޮޓަރިއަށް ވެއްދުމުގެ ނިޔަތުގައެވެ.
ދެވަނަފަހަރަށްވެސް ލިބުނީ ޙައިރާންކަމެކެވެ. ކޮޓަރީގެ ކުރިމަތިގައި ހުންނަ މުސްކުޅި ދެ ފާޚާނާއެއް ހުންނާނެއެވެ. ގެ ބަހައި އިން ވަކިކުރަމުން ދިޔަ ދުވަސްވަރެއްވީމާ ބައެއް ކޮޓަރިތަކުގައި ފާޚާނާތައް ނުނިމޭތީ މި މުސްކުޅި ފާޚާނާވެސް ބޭނުންކުރެއެވެ. މިފަހަރު ނުކުތް އިރު އަޅުގަނޑުގެ ކޮއްކޮގެ ސިފައިގައި ހުރި ކުއްޖަކު ފާޚާނާއަށް ވަންނަން އަންނަނީއެވެ. ދުވަހަކު އެ ކުއްޖަކު އަޅުގަނޑާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ނަމަވެސް މިފަހަރު އެކަން ކޮށްފިއެވެ. އަޅުގަނޑު ބަލާކަށް ނުހުރެ އެތަނުގައި ހުރި ދެ އިންޗި ދެ އިންޗީގެ 2 ފޫޓު ލަކުޑިގަނޑެއް ނެގީމެވެ. އަދި އެ ކުއްޖަކާ ދިމާއަށް މަޅައިލައިފައި ބުނެފީމެވެ. ޝަހާދަތް ކިޔާށެވެ. ނަމަވެސް ނުކިއެވެ. އަޅުގަނޑު އަނެއްކާވެސް “ނުކިޔައިފިނަމަ މިއިން ޖަހާނަން. ކިޔާ ޝަހާދަތް ކިޔާ. ޝަހާދަތް ކިޔާ. ހަމަ މިހާރު ކިޔާ… ” މިހެން ދެތިންފަހަރު ބުނެ ލަކުޑިގަނޑު މަޅައިލުމުން އެ ކުއްޖަކު ޝަހާދަތް ކިޔައިފިއެވެ. އެ ހިނދު ބައްޕަގެ ކޮޓަރިން ދައްތަ ހޭލައިގެން ނުކުތެވެ. އަޅުގަނޑު ބުނީމެވެ.
"ހާދަ އަޑު ގަދަކޮށްލައިގެން. ކިހިނެއްވީ.. ކަކު ޝަހާދަތް ނުކިޔައިގެން ތިޔައުޅެނީ؟" ދައްތަ އަހައިލިއެވެ. އެ ވަގުތު ކޮއްކޮގެ ސިފައިގައި ހުރި ކުއްޖާ ފާޚާނާއަށް ވަދެއްޖެއެވެ. އަޅުގަނޑު ހަމަ އެވަގުތު ދައްތަގާތު ކޮޓަރީގައި ކޮއްކޮ އަފުސީނާ އޮތްތޯ ބައިލަން ބުނީމެވެ. ދައްތަގެ ޖަވާބަކީ ނެތޭއެވެ. ދެންމެ ތެދުވެގެން ފާޚާނާއަށް ދިޔައީ އޭނާ ކަމުގައި ބުންޏެވެ. އެވަގުތު އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. ނަމަވެސް ވާނީ މިހެންތާއޭ ހިތަށް އެރިއެވެ. އަސްލާ ވަސްލާ އޮޅުނީއެވެ. ނަމަވެސް ފުރަތަމަ އެއީ ހަމަ އެ ފެންނަ ޖިންނި ކުއްޖާކަން ޔަޤީނެވެ. މިފަހަރު މިފެނުނީ ކޮއްކޮއެވެ. ހައް ހައް ހައް….ވީއްލައި ނުލަނީސް ޝަހާދަތް ކީކަން އެއީ ﷲގެ ކުޅަދުންވަންތަކަމެވެ.
އަޅުގަނޑަށް މި ނޫނަސް މި ކަމުގެ ކަންކަންކުރިމަތިވެފައި އެބަހުއްޓެވެ. ކިޔައިދޭނަމުއެވެ. އިންތިޒާރުކުރައްވާށެވެ.

No comments:

Post a Comment