Saturday 25 January 2014

How Maamendhoo saints saved the island from Burethikaalun (pirates)

ހުވަދު އަތޮޅު މާމެންދުއަށް ބުރެތިކާލީން އެރި ވާހަކަ

ޢަބްދުލްމުޢީދު ޙަސަން
ހުވަދު އަތޮޅު މާމެންދޫ، މުސްކުޅިއަކު އަޅުގަނޑުގެ ގާތުގައި ބުންޏެވެ. މާ އިހު ޒަމާނެއްގައި ބޭރު ބަޔަކު މާމެންދުއަށް އެރި ކަމަށް ބުނާ ވާހަކައެއް ތިމަންނަ އަޑުއެހީމެވެ. ދެން އެވާހަކަ ކިޔާދީބަލާށޭ ބުނުމުން، އޭނާ ކިޔައިދިނެވެ.
އެއްދުވަހަކު، ހެނދުނު ދަމަކަށް އިރުއެރިތަނާ، ރިޔާ ނަގާފައި އޮތް ބޮޑު ނަވެއް އައިސް، މާމެންދޫ ބޭރަށް މަޑުކޮށްލިއެވެ. ދެން ރުއްރުކަށް އަރާ ބައެއް މީހުން އެ ނާ ބެލިއެވެ. އަދި ބައެއް މީހުން އަތިރި މައްޗަށް ގޮސް އެ ނާ ބެލިއެވެ. ބެލި ބެލުމުން އެނގުނީ އެއީ ހަނގުރާމަވެރި ބަޔަކު ތިބި ނަވެއް ކަމެވެ. އެމީހުންގެ އަތުގައި ކަނޑިއާއި ލޮންސި އާއި ދުނިދަނޑި ފަދަ ތަކެތި ހުއްޓެވެ.
ދެން ރަށުގައި ތިބި ހަރުކުލައިގެ މީހުން، އަތިރި މައްޗަށް ގޮސް، ޒިޔާރަތްތަކަށް ނަދުރުބުނެ، ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވުމަށް އެދި ދުޢާކުރިއެވެ. އެކަން ކުރުމަށްފަހު، އެމީހުން ރަށުތެރެއަށް ގޮސް ފިލީއެވެ. އޭރު ރަށުގެ އާއްމު ރައްޔިތުން ވެސް ފިލައިފިއެވެ. ނަމަވެސް ބައެއް ހިތްވަރު ގަދަ މީހުން ވަލުތެރޭގައިވާ ރުއްރުކަށް އަރައި ބޭރުން އައި މީހުން ކުރާ ކަމެއް ބަލަން ތިއްބެވެ. އަދި އެފަދަ ބައެއް މީހުން ގަސްގަހާގެހީގެ ނިވަލުގައި އަތިރިމައްޗާ ކައިރި ހިސާބުތަކުގައި ވެސް ތިއްބެވެ.
އޭރު އެފަދަ ނާފަހަރުގެ މީހުން ރަށަށް އަންނާތީ، ރަށުގެ ވަލުތެރޭގައި ބިންގަރާސް ހަދާފައި ހުރެއެވެ. އެދުވަހު ވެސް ބައެއް މީހުން ފިލަން ވަނީ އެ ބިންގަރާސްތަކަށެވެ.
ކޮންމެއަކަސް، ނަވުގެ މީހުން ހަތިޔާރު ހިފައިގެން މާމެންދުއަށް ފޭބިއެވެ. އެހިނދު، ކަންތައްވީ އެއްވެސް ބަޔަކު ހީކުރި ގޮތަކަށް ނޫނެވެ. ނަވުން އައި ބިދޭސީން ވެސް އަދި ރަށުގައި ތިބި ރަށްވެހިން ވެސް، އެކަން އެހެން ވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ.
ނަވުން ފޭބި މީހުން އަތިރި މަތީގައި ތިބެ ކުޑަކޮށް ހަމަޖެހިލައިގެން، ހަތިޔާރު އުފުލާލިއެވެ. އަދި ހަޅޭލަވަމުން ރަށުތެރެއަށް އަރައިގަންނަން ދިމާކުރިއެވެ. އެމީހުން ހިނގާފައި ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ. ކުޑަ ތަންކޮޅަކަށް އެމީހުން ދިޔަތަނާ، އެމީހުންގެ ކުރިމަތިން މާ ވަރުގަދަ ބަޔަކު ފާޅުވިއެވެ. އެއީ ހުދު ހެދުމުގައި ތިއްބެވި ބޭކަލުންތަކެކެވެ. ހުދު ހެދުމުގައި ތިއްބެވި އެ ބޭކަލުން ފާޅުވީ، އަތިރިމަތީގައިވާ ޒިޔާރަތްތަކާ ހިސާބުންނެވެ.
ހުދު ހެދުމުގައި ތިއްބެވި ބޭކަލުން ހަތިޔާރެއް ނުގެންގުޅުއްވައެވެ. ބޭރުން އައި ހަނގުރާމަވެރިންނާ ދިމާއަށް، އެބޭކަލުން ދިއްކޮށްލެއްވީ އަތެވެ. ހުއްޓޭށޭ ނުވަތަ އައިކޮޅަށް އެނބުރި ދާށޭ ބުނާފަދަ އިޝާރާތެއް އަތުން ކުރައްވަމުންނެވެ. ދެން ބޭރުން އައި ބިދޭސީން ތިބި ހިސާބުގައި ހުއްޓުނެވެ. އަދި މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ގޮނޑުދޮށަށް ފައިބައިފިއެވެ. އެމީހުން ފަހަތަށް ޖެހެމުން ދިޔައިރު، ދިޔައީ ފަހަތަށް ހިނގާފައެވެ. ހުދު ހެދުމުގައި ތިއްބެވި ބޭކަލުންނަށް ފުރަގަސް ދީފައި ދާކަށް ނުކެރުނެވެ. ދެން އެމީހުން އައި  ބޮއްކުރާތަކަށް އަރައި، އެމީހުންގެ ނަވަށް އެނބުރި ހިނގައްޖެއެވެ.
އެމީހުން އެނބުރި ދިއުމުން، ހުދު ހެދުމުގައި ތިއްބެވި ބޭކަލުން ގެއްލިއްޖެއެވެ. ދެން ރަށުގެ މީހުން، ޒިޔާރަތްތަކުގައި ދިދަ ޖަހައި، ފާތިޙާ ޞަލަވާތް ކިޔަވައި ދުޢާކޮށް އުޅުނެވެ.
ބައެއް ފަހަރު، އެގޮތަށް ބޭރުން އަންނަ މީހުން، ރަށުގެ މީހުންނަށް ގޯނާކުރެއެވެ. ރަށު މީހުންގެ އަތުން ފޭރިގެން ތަކެތި ގެންދެއެވެ. ގަސްގަހާގެހީގައި ހުންނަ މޭވާތައް ވެސް ބިނދެގެން ގެންދެއެވެ. ނަމަވެސް މިފަހަރު އެކަހަލަ ގެއްލުމެއް އެއުރެންނަކަށް ނުދެވުނެވެ.
މި ވާހަކަ ކިޔާ ދިނުމުން އެހީމެވެ. ބޭރުން އައީ ކޮން ބަޔެއްހެއްޔެވެ؟ އަދި ރަށުން ފާޅުވި ހުދުހެދުމުގައި ތިއްބެވީ ކޮން ބޭކަލުންނެއް ހެއްޔެވެ؟ ވާހަކަ ކިޔާދިން މުސްކުޅިއާ ބުންޏެވެ. ބޭރުން އައި މީހުންނަކީ ބުރެތިކާލީން ކަމަށް ވާހަކައިގައި ކިޔައެވެ. ރަށުން ފާޅުވި ހުދު ހެދުމުގައި ތިއްބެވި ބޭކަލުންނަކީ، ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ ވަލީވެރި ބޭކަލުންނެވެ. މި ކަހަލަ ވާހަކައެއް، ބައެއް ތަފާތުތަކާއެކު، އަޅުގަނޑުގެ މާމަ ވެސް ކިޔާދީފައިވެއެވެ.
ބުރެތިކާލީންނަކީ ކޮންބަޔެއްކަން އެނގުނީ، މިވާހަކަ އަޑުއެހިތާ އެތައް އަހަރެއް ފަހުންނެވެ. އެއީ، ފުރެތިކާލުންނެވެ. ނުވަތަ ފުށެތިކާލުންނެވެ.
ކޮންމެއަކަސް، މިއީ ހުވަދު އަތޮޅު މާމެންދޫގެ ފޯކްލޯރުގައި ހިމެނޭ ވާހަކައެކެވެ. މި ވާހަކަ ލިއުނީ، މީހުންގެ ހަނދާނުން މިވާހަކަ ފޮހެވިގެން ހިނގައިދާނެތީއެވެ.
.............................................................................................................................................................
COMMENTS

ލިޔުނީ ވިޔަޒޯރު, 2009-01-07 08:53:57 
ފޯކުލޯރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ޕިރާޑު އަހަރެންގާތު ބުންޏެވެ. އެހެންވީމާ ތިޔަ ބާވަތުގެ ވާހަކަ ތައް ދެމެހެއްޓުން މުހިންމުކަމަށް އޭނާ ދެވެސް ދެކެނީތާ އެވެ. ނުވަތަ އޭނާ ނުދުށްޓަސް، ތާރީޚު ލިޔުއްވާ ބޭކަލުން އެކަން އެގޮތަށް ދެކެލައްވައެވެ. މި ލިޔުމުގައި ފާހަގަ ކޮށްލެވުނު ވަރަށް ރަނގަޅު ދެކަމެއް އެބަ އޮތެވެ. އެއްކަމަކީ، ބުރެތިކާލުންގެ އަސްލު ހަމަ ގޮތް ނުވަތަ ރަނގަޅު ނަން ކިޔާ މީހުންގެ ސަމާލުކަމަށް ގެނެސް ދެއްވި ކަމެވެ. އަނެއްކަމަކީ، މިއީ ފުލޯކެއްކަން ބަޔާން ކޮށްދެއްވުމެވެ. ހަވާލާ ދެއްވުމެވެ. ލިޔުން އިތުރަށް ފުރިހަމަ ވީސް ކަމަށް އަފުރެންނަށް ފެންނަ ކަމެއްވެސް އޮތަތީ ނަންގަނެލަމެވެ. ވާހަކަ ކިޔައިދިން މުސްކުޅިޔާގެ އުމުރެވެ. އޭނާ އަށް މި ވާހަކަ ފޯރި ގޮތުގެ ތާރީޚީ ސިލްސިލާއެވެ.

ލިޔުނީ ފާއިޒް, 2009-01-07 10:08:28 
މިފަދަ ފޯކްލޯރ ވާހަކަތައް އަޅުގަނޑުމެންނަށް ގެނެސްދެއްވީތީ ޝުކުރިއްޔާ. އަޅުގަނޑުމެން އެދެނީ މިފަދަ ގިނަވާހަކަތަކެއް ރާއްޖެތެރޭގައި އެމީހުން ކިޔާގޮތަށް ގެނެސްދެއްވުން. އެހެނީ މިފަދަ ގިނަ ހާދިސާތަކެއް ގިނަރަށްރަށުގައި ހިނގާފައިވުން. އަދި އެބައެއްގެ ރަށުގެ މާޒީ އެނގިގެން ދިއުން. ތިޔަ ވާހަކަ ނޭންގޭ މާމެންދޫ ގިނަ ބަޔަކު ތިބޭނޭކަން ޔަޤީން. އެހެންކަމުން ރާއްޖޭގެ ގިނަރަށްރަށުގެ ފޯކްލޯރ ފަންވަތުގައި ގެނެސްދިނުން ވަރަށް އެދެވޭ….. ދިވެހި ބަހަށް ތިޔަކޮށްދެއްވަމުންގެންދަވާ އަގުހުރި ޙިދުމަތަށް ޝުކުރުވެރިވަން…..

ލިޔުނީ މުޢީދު, 2009-01-07 15:44:29 
ވިޔަޒޯރުގެ ބިނާކުރަނިވި ޚިޔާލަށް ޝުކުރުވެރިވާ ޙާލު، އުފެއްދެވި ސުއާލުތަކަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރެވޭތޯ ބަލާނަމެވެ.
އަޅުގަނޑަށް އޭނާ ވާހަކަ ކިޔާދިންއިރު، އޭނާއަށް ފަސްދޮޅަހަކަށް އަހަރު ވެދާނެކަމަށް ލަފާކުރެވެއެވެ. އޭނާއަކީ، ތަފާތު މަސައްކަތްތައް ދަންނަ މީހެކެވެ. ވަޑިއެކެވެ. ފެހުންތެރިއެކެވެ. އަތުލިއުން ރީއްޗެވެ. ފާޑެއްގެ އަކުރަކުން ލިޔެފައިވާ ފޮތެއް އޭނާގެ އަތުން ދުށް ހަނދާނެއް ވެއެވެ. ފަހުން އެނގުނު ގޮތުގައި އެއީ ދިވެސް އަކުރެވެ. ފާތިޙާ ޞަލަވާތާއި މާލޫދު ކިއުމާއި ތަޖުޥީދުގެ މަގުން ކީރިތި ޤުރުއާން ކިޔަވަން އޭނާ ދަނެއެވެ. ކޮންމެވެސް ވަރަކަށް ޢަރަބި ބަސް ދަނެއެވެ. މާލޫދު ފޮތްފޮތުގައި ހުންނަ މާލޫދުތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން އޭނާ ކިޔާދެއެވެ.
އޭނާގެ ޒުވާން ޢުމުރުގައި ކޮޅުނބަށާއި މަލިކަށް ދަތުރުކުރިއެވެ. އެތަންތަނުން ފެނުނު ކިތަންމެ ޢަޖާއިބެއްގެ ވާހަކަ އޭނާ އަޅުގަނޑަށް ކިޔާދީފައި ވެއެވެ. ލަފާކުރެވޭ ގޮތުގައި ސިންގަޅަ ބަސް އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. މުޙައްމަދު އަމީނުގެ ދުވަސްވަރު، ސަރުކާރުގައި ތިއްބެވި ހަރުކުލައިގެ ބޭކަލުންނާ އޭނާއާ ގުޅުން އޮންނަ ކަމަށް ބުނެއެވެ. ޚާއްޞަކޮށް އާދަމް ނަޞީރު މަނިކުގެ ވާހަކަ ވަރަށް ގިނައިން ދައްކައެވެ.
ދެން އޮތީ އޭނާއާ ހަމައަށް ވާހަކަ ފޯރި ގޮތެވެ. އޭނާ އެގޮތެއް ނުބުނެއެވެ. ނަމަވެސް، އޭނާގެ ވާހަކަތަކުން އެނގޭ އެއްޗެއް އެބައޮތެވެ. އެއީ، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ވާހަކަ ކިޔާއުޅުނު ކަމެވެ. އަޅުގަނޑުގެ މާމަ މިކަހަލަ ވާހަކައެއް ކިޔާދިންއިރު ބުނީ، އެއީ އޭނާއަށް އޭނާގެ މާމަ ކިޔާދީފައިވާ ވާހަކައެއް ކަމަށެވެ. ބައެއް ތަފާތުތައް ވިޔަސް މި ދެ ވާހަކައަކީ ހަމަ އެއްވާހަކައެކެވެ. ތަފާތުތައް ހުރީ ތަފުޞީލުތަކުގައެވެ.
މާތްﷲ އެ މަރްޙޫމަށާއި އެ ދެ މަރްޙޫމާއިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ! އާމީން!
ޚިޔާލު ހުށަހެޅުއްވި ބޭފުޅުން ނުދައްކަވާ ވާހަކައަކަށް ވެސް ގޮސްލާނަމެވެ. އެއީ، ބިންގަރާހުގެ ވާހަކައެވެ. ބިންގަރާސް ސިފަކުރެވިފައިވަނީ، އުވަދަވަން ވެގެން ކޮންނަ ވަޅަކާއެވެ. އޭގެ މަތީގައި ހުންނަނީ، ދަނޑި އަޅައި އޭގެ މައްޗަށް ފަސް އަޅައި ފޮރުވާފައެވެ. ފަސް އެޅުމުގެ ކުރިން ދަނޑި މަތިގައި ފަން އެޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފަތާއި ކުނި ފަދަ ތަކެތިން އެފަދަ ތަންތަން ފޮރުވާފައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެ


No comments:

Post a Comment