Friday 24 January 2014

H.C.P. Bell's visit to Fuvahmulah

25 އޭޕްރީލް 2008 (ހުކުރު)
ފާރޫގު އަޙުމަދު / ސަމާ
މީލާދީން 1922 ވަނައަހަރުގެ ފެބްރުއަރީމަހުގެ 16 ވަނަދުވަހުގެ އިރު ފެނުން ތޮޅިލިވަގުތެވެ. ކުއްލިއަކަށް އިވުނު އާދަޔާޚިލާފު ހަރުއަޑަކުން ކުޑަކުދިންތައް ބިރުން ރޯންފެށިއެވެ. ގިނަބަޔަކު އާގަމަވެ ކުރާނެ ނުކުރާނެކަމެއް ނޭގިތިއްބެވެ. ޖެހިލުންކުޑަ ބިރުކުޑަ މީސްމީހުން މިއިވުނު އަޑެއްގެ ޙަޤީޤަތް ހޯދުމަށްޓަކައި ކޮޅުކޮޅައް ދުވަންފެށިއެވެ. އިސާހިތަކު މަނަވަރެއް އައީކަމުގެ ޚަބަރުތައް ފެތުރިގެން ދިޔައެވެ.
 
       އިރުކޮޅެއްފަހުން ރަށުގެ ހަރުކުލައިގެ މީހުން ދެފައިކުރިއަށް ބާރުލާފައި ރަށުގެ މައިބަނދަރުކަމަށްވާ ރަސްގެފަންނަށް މިސްރާބު ޖަހަމުން ދިޔައެވެ. އޭރުރަސްގެފަންނު ބޭރުގައި މަނަވަރު ބަނދަރުކޮށްފައި އޮތެވެ. ރަށުގެ އެއްމެއިސްވެރިޔާ ވާރުއަލިދީދީގެ އެންގެވުމަށް މަނަވަރު ދޮށަށް ދިއުމަށްޓަކައި ދޯނިތައްޔާރު ކުރަންފެށިއެވެ. ޢިއްޒަތްތެރިން ބޭލުމަށްޓަކައި ތައްޔާރުކުރާގޮތަށް ރީތިކުނާ އަޅައި ބާލީސްއަޅައި ތައްޔާރުކޮށްގެން ދިހަފާލި ދޯންޏެއްގައި މަރުފަލި އަޅާފައި ވާރުއަލިދީދީ މަނަވަރަށް ވަޑައިގެންނެވިއެވެ. ވިއްސަކަށް މިނިޓްފަހުން މަޝްހޫރު އެޗް ސީ ޕީ ބެލް އާއި އޭނާއާއިއެކު ސަރުކާރުން ފޮނުއްވި މީރުބަހުރު އިސްމާޢިލް ދީދީ ފުވައްމުލަކަށް ފައިބާ ވަޑައިގެންނެވިއެވެ. އަދި ބޭރުގެ ދިހަމީހަކާއި ދަތުރުގެ އާރު ކާޓީއަށް އައްޑުއަތޮޅުން ހަމަޖައްސަވާފައިހުރި އައްޑު އަތޮޅު ހުޅުދޫ އަލަދަޑިގޭ ހަސަންމަނިކުވެސް މިދޯނިން ފޭބެއްނެވިއެވެ. މިބޭފުޅުން ރަށަށް ފައިބާ ވަޑައިގެންނެވިއިރު އަލްފާޟިލް މަރުޙޫމް ވެލާނާގޭ މުޙައްމަދު ދީދީ އިސްތިޤްބާލުގައި ހުންނެވިއެވެ. އޭރު މުހައްމަދު ދީސީ ހުންނެވީ ސަރުކާރުން ފުވައްމުލަކަށް ފޮނުވާލައްވާފައެވެ. އެހިސާބުން ބެލްގެ ތަރުޖަމާނެއްގެ ގޮތުގައި ވެލާނާގޭ މުހައްމަދު ދީދީ ހަމަޖެހިގެން ދިޔައެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ  ހަވިއްތަ ބެއްލެވުމަށެވެ. ހަވިއްތައަށް ދުރުވި މަގުމަތީގައި މާދަޑު އަވަށުން މާރީއްޗަކަށް އަލަގަސްތައް ހެދިފައިވާ އަލަ އޮޅެއް ފެނިލައްވައިގެން އަލައާއިބެހޭ މަޢްލޫމާތު ހޯއްދެވިއެވެ. އަދި މަނަވަރަށް ގެންދަން އަލަ ތައްޔާރުކޮށްދެއްވުމަށް އެދިލެއްވިއެވެ. ދެން ހަވިއްތަ ބެއްލެވުމަށްފަހު ވަޑައިގެންނެވީ ކުޅީގައި ބޮއްކުރާ ޖެއްސެވުމަށެވެ. ބޮއްކުރާ ޖެހުމުގެ ތެރޭގައި ދާ އެއްލައިގެން ބޭނގު ހިފާގޮތް ދައްކާލެވުނެވެ. އެދުވަސްވަރު ރަށުގެ ދެ ކުޅީގައިވެސް ވަރަށް ގިނައިން ބޭނގުހުރެއެވެ.
 
       ކުޅީގައި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށްފަހު ވާރުގޭގައި ތައްޔާރުކޮށްފައިހުރި މެންދުރުގެ ކެއުމަށް ގްރޫޕްގެ ބޭފުޅުން އިންސާފުކުރެއްވުން އޮތެވެ. އެކަމަކު ބެލް ކެއިންބެއްލެވީ މަނަވަރުން ބޭލި ކާނާއެކެވެ. ކޭންބައްލަވައިގެން ވާރުގޭގައި ތިއްބެވި ވަގުތުކޮޅުގެ ތެރޭގައި ހިރިހަމާދި ކަލޭގެފާނުގެ އިބްރާހިމްދީދީ އާދެ! ވާރުއަލިދީދީގެ އެއްބަނޑު އެއްބަފާ ބޭބެ އިބްރާހިމްދީދީ މިރަށުގައި ތައްޔާރުކުރެއްވި ދޮންނަ ސައިބޯނި ބެލަށް ދައްކާލުން އޮތެވެ. މީގެ ކޮންމެ ސައިބޯނިގަނޑެއްގައި " މޭޑް އިން މުލައް " މިހެން ލިޔެފައިވެއެވެ. އެލިޔުންހުރީ ސައިބޯނި ތައްޔާރު ކުރިއިރު ކަނޑާ އަޅާފައެވެ. ފުވައްމުލަކުން ބެލް ހޯއްދެވި މަޢްލޫމާތެއް ހޯއްދަވާނިމި މަނަވަރު ފުރުމުގެ ގަޑި ކައިރިވަމުން އައިއިރު އެދުވަސްވަރު މުލަކުން ލިބެންހުރި ހުރިހާ ވައްތަރެއްގެ މޭވާއެއް ވާރުގޭ ގޯތިތެރޭގައިހުރި ބޮޑުމޭޒެއްގެ މަތީގައި ބެހެއްޓިފައިހުއްޓެވެ. އެއީ އެޗް. ސީ. ޕީ ބެލަށް މިރަށުން ކުރެވުނު ހަދިޔާއެވެ. މިހަދިޔާގެ ތެރޭގައި އުއްދަނޑިވެސް ހިމެނެއެވެ. ބެލް މިތަކެތި ބައްލަވާފައި މިހާބޮޑު ރަށަކުން އެހާއަވަހަށް މިހަދިޔާތައް ތައްޔާރުކޮށްދެއްވެވި ކަމަށްޓަކައި ޝުކުރުއަދާކުރެއްވުމަށްފަހު އެކަމުގައި އިސްކޮށް އުޅުއްވީ ކޮންބޭފުޅުންނެއްތޯވެސް ސުވާލުކުރެއްވިއެވެ. ވާރުއަލިދީދީ ބެލްގެ އަރިހުގައި އުޅުއްވަމުން ގެންދެވިއިރު ހަދިޔާތައް ތައްޔާރުކުރެއްވުމުގެ  އިސްބެއިފުޅަކަށް  އުޅުއްވީ އަލިދީދީގެ ހިންގުންތެރި އަނބިކަނބަލުން ސަންފާދީދީއެވެ. އެހިސާބުން ވާރުއަލިދީދީގެ ޢާއިލާގެ ގްރޫޕް ފޮޓޯއެއް މަނަވަރުގެ  ފޮޓޯގްރާފަރަކު ނެންގެވިއެވެ. އެޗް. ސީ. ޕީ ބެލްގެ މޮނޮގްރާފް އޮފް ދި ހިސްޓްރީ އާކިއޮލޮޖީ އެންޑް އެފިގްރަފީގައި އެފޮޓޯވާކަމަށްވެއެވެ.
 
       ދިވެހިރާއްޖޭގެ ގިނަ ރަށްރަށަށް ދަތުރުކުރައްވައިގެން އަމިއްލަ ތަޙްޤީޤްތަކެއް ކުރެއްވެވި ތާރީޚް ލިޔުންތެރިޔާގެ ދަތުރު އެރެހެއްޓުމަށްޓަކައި ރަށުގެ ގިނަބަޔަކު އަތިރިމައްޗަށް ހާޒިރުވިއެވެ. އެދުވަހުގެ މެންދުރު ގާތްގަނޑަކަށް 1.30 ހާއިރު މަނަވަރު ފުރައިގެންގޮސް އޮބާލައިފިއެވެ.

http://kattelhi.com/?page=article&action=readitem&item=21

No comments:

Post a Comment