Saturday 25 January 2014

How Kalhu Hutthubey conjured a fanditha for migraine.

ކަޅުހުއްތުބެއަކީ، ވަރަށް އާދައިގެ މީހެކެވެ. ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ، ރުއްއެރުމެވެ. އޭނާއަކީ، އެހެން މީހެއްގެ ކަމަކާ ނުބެހި ހަމަހިމޭނުން ދިރިއުޅޭ މީހެއް ކަމަށް ވިޔަސް، އޭނާގެ އަމާން އޮމާން ދިރިއުޅުމާމެދު ހަސަދަވެރިވާ ބަޔަކު އުޅުނެވެ. އެމީހުންގެ ރޭވުމުގެ މަތިން، ފަޅުގައި އޮތް ދޯންޏަކުން އޭނާ ވައްކަންކުރިކަމަށް ބުނެ، މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ. މައްސަލަ ތަޙުޤީޤުކޮށް ބެލިއިރު، އެބުނާ ވައްކަމެއްގެ ހާދިސާ ހިނގި ރޭ، ކަޅުހުއްތުބޭ އޮތީ ގޭގައި ނިދާފައިކަން ވެސް އެނގުނެވެ. ނަމަވެސް، މައްސަލަ ބެލި ގާޒީއަކީ، ހަކުރު ބަތްތަށްޓަށް ޝަރިއަތްކޮށް، ރުއްޖެހި ނޫޓަށް ނިޔާއިއްވާ ލުއްޗާއެކެވެ. މައްސަލަ ހުށަހެޅި މީހުން އޭނާއަށް ދިން ނޫޓްކޮޅެއްގެ ބަދަލުގައި، އޭނާ ނިޔާ އިއްވީ މާލެއިން އުތުރު ރަށަކަށް ކަޅުހުއްތުބޭ އަރުވާލުމަށެވެ. ބުނެވޭ ގޮތުގައި އެއީ ގޮއިދޫ އެވެ. ނުވަތަ މަކުނުދޫ އެވެ.
ކަޅުހުއްތުބޭ، އަރުވާލަން ނިޔާ ކަނޑައެޅުނު ރަށަށް ފޮނުވާލެވުނު ދުވަހު، އަނބިދަރީންނާ ސަލާންގަލާން ކުރުމަށްފަހު، އޭނާ ދިޔައީ ނޯށުން ރޮމުންނެވެ. އެއަށްވުރެ ހިތްދަތި ހިނދުކޮޅެއް، ދުވަހަކު ވެސް އޭނާގެ ހަޔާތުގައި ނާދެ އެވެ.
ކަޅުހުއްތުބޭ، އަރުވާލި ރަށަށް ގޮސް އުޅޭތާ މަހެއްހައި ދުވަސް ވެފައިވަނިކޮށް އެއްރެއަކު ދެނަމާދު ދޭތެރޭ ވަގުތެއްގައި، މީހަކު ތެޅެމުން ފޮޅެމުން އޭނާގެ ގާތަށް ދިޔަ އެވެ. އެއީ، ބޮޑު ކަމެއް ޖެހިގެން ވަރަށް ބޮޑަށް ހާސްވެފައިވާ މީހެއްކަން އޭނާ އުޅުނު ގޮތުން ކަޅުހުއްތުބެއަށް އެނގުނެވެ. އެމީހަކީ، އެރަށު އެންމެ ކަމުވޮށިވެގެންވާ މީހުންގެ ތެރެއިން އެކެކެވެ. އެއީ މުއްސަނދި އަލީ އެވެ. އަލީ ދިޔައީ، އޭނާގެ އަންހެން ދަރިއެއްގެ ބޮލުގެ އެއްފަޅީގައި ރިއްސާތީ އެވެ. އެކަމަށް އޭނާ ނުކުރާ ބޭހެއް، ނުދޭ ފަރުވާއެއް ނެތެވެ. އޭނާގެ ދަރިފުޅުގެ ބަލި ހާލު ކިޔައިދީ، އެކަމަށް ފަންޑިތައެއް ހަދައިދިނުމަށް ކަޅުހުއްތުބޭގެ ގާތުގައި އޭނާ އެދުނެވެ.
ކަޅުހުއްތުބޭ ބުންޏެވެ. “ތިމަންނާއަކީ ފަންޑިތަ ދަންނަ މީހަކީމެއް ނޫނެވެ. ތިމަންނާ ފަންޑިތައެއް ނަހަދަމެވެ.”
މުއްސަނދި އަލީ ބުންޏެވެ. “ތިޔައީ ހުވަދުއަތޮޅު މީހެއް ނޫންހެއްޔެވެ؟ ކޮންމެވެސް ކަމެއް ކޮށްދޭށެވެ!”
ހުއްޓުމެއްނެތި އަލީ އާދޭސްކުރަން ފެށުމުން، ކޮންމެވެސް ކަމެއް ކޮށްދޭން ކަޅުހުއްތުބޭ ގަސްތުކުރި އެވެ.
ކަޅުހުއްތުބޭ ބުންޏެވެ. “ތިމަންނާ ފަންޑިތަހަދައި ނޫޅުނެއްކަމަކު، ތިމަންނާގެ ކާފައަކީ ފަންޑިތަވެރިއެކެވެ. ބޮލުގެ ރިހުމަށް ކާފަ ހަދައިއުޅޭ ފަންޑިތައެއް ހަނދާން ވެއްޖެ އެވެ.”
މުއްސަނދި އަލީ ބުންޏެވެ. “އަވަހަށް ތިޔަ ފަންޑިތަ ހަދައިދޭށެވެ! ތިޔަ ފަންޑިތަ ހަދަން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟”
ކަޅުހުއްތުބޭ ބުންޏެވެ. “މި ފަންޑިތަ ހަދަން ބޭނުންވާނީ، އެންމެ އެއްޗެކެވެ. އެއީ މިރަށުގައިވާ އެންމެ ދިގު ރުކުގެ ބޮންތީގެ ފަންވަތެކެވެ.”
ކަޅުހުއްތުބޭ ޢިޝާނަމާދުން ފައިބައިގެން ގެއަށް ދިޔައިރު، އެ ފަންވަތް ހިފައިގެން ގޮސް އަލީ އެގޭގައި ހުއްޓެވެ. ކަޅުހުއްތުބެއަކީ، މާގިނަ އެއްޗެއް ދަންނަ މީހެއް ނޫނެވެ. އަލްޙަމްދާއި އިޚުލާޞް، ފަލަޤި، ނާސް، ތިން ސޫރަތް ނޫން އެއްޗެއް ޤުރުއާނުން ވެސް އޭނާއަކަށް ނޭނގެ އެވެ.، ލިޔަން ކިޔަން އެނގެނީ ވެސް ހަމަ ކިރިޔަކިރިޔާ އެވެ އެހެންނަމަވެސް ފަންވަތެއް ލިއުމުގެ ގޮންޖެހުމާ ކަޅުހުއްތުބޭ ކުރިމަތިލީ ނުހަނު ހިތްވަރާއެކުގަ އެވެ. އަށިމައްޗަށް އަރާއިނދެ، ވަރަށް ފަރުވާތެރިކަމާއެކު، ވަޅިއެއްގެ ތުނޑުން އޭގައި އަލްޙަމްދު ލިއުނެވެ. އޭނާއަށް އެކަން ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އެކަމަށް ދެ ގަޑިއެއްހާ އިރު ހޭދަވި އެވެ. ފަންވަތް ލިޔެ، އޭނާއަށް އެނގުނުހައި ހެޔޮއެއްޗެއް ކިޔައި، އެއަށް ފުމެލުމަށްފަހު، މުއްސަނދި އަލީ އަށް ފަންވަތް ދީފައި ބުންޏެވެ.

"
ތިންދުވަސް ވަންދެން ދަރިފުޅުގެ ބޯ، މި ފަންވަތުން ބަނދެފައި ބަހައްޓާށެވެ!"މުއްސަނދި އަލީ ގޮސް އޭނާގެ އަންހެން ދަރިފުޅުގެ ބޯ ފަންވަތުން ބަނެވެ
އަނެއްކޮޅުން ކަޅުހުއްތުބޭ ގޮސް އެރީ މިސްކިތަށެވެ. ދަމުނަމާދުކޮށްގެން، އެކުއްޖާގެ ބޮލުގެ ރިހުމަށް ޝިފާދެއްވުންއެދި، އޭނާއަށް އެނގުނު ގޮތަކަށް ދުޢާކުރަން އިނެވެ. ނާ ގެއަށް ދިޔައީ ފަތިސްނަމާދު ކޮށްގެންނެވެ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، މުއްސަނދި އަލީގެ ދަރިފުޅުގެ ބޮލުގެ ރިހުމަށް ފުރިހަމަ ޝިފާ ލިބުނެވެ. ހެނދުނު އިރުއެރިއިރު، އެކުއްޖާގެ ބޮލަކު ނުރިއްސަ އެވެ.
މައިގްރޭން
މައިގްރޭން (Migraine) އަކީ، ބޮލުގެ އެއްފަޅީގައި ރިއްސުމެވެ. މިބަލި ޖެހިފައިވާ މީހުންގެ ބޮލުގައި ރިއްސާއިރު ހޮޑުލަވައިގަންނަ ގޮތް ވާނެ އެވެ. އަދި ބޮލުގައި ރިއްސާއިރު އަލިވުމުން އެމީހުންނަށް އުނދަގޫވާނެ އެވެ. އާންމު ގޮތެއްގައި މައިގްރޭންގެ އުނދަގޫ ކުރިމަތިވަނީ، 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ. ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް މިކަން ކުރިމަތިވެ އެވެ.
މައިގްރޭންގެ އުނދަގޫ ކުރިމަތިވަނީ ކީއްވެގެންކަމެއް މިހާތަނަށް ސާފުކޮށް ހޯދިފައެއް ނެތެވެ. ނަމަވެސް، އެކަން ކުރިމަތިވަނީ، ސިކުނޑީގެ މަތީގައި، ބޮލުގެ ނާށިގަނޑުން ބޭރުގައި (ބޮލުގެ އިސްތަޑި ފެޅި ހިސާބުގައި) ވާ ލޭހޮޅިތައް ފުފި، އެހިސާބުގައިވާ ނާރުތަކުގެ ކޮޅުތައް ފިތިގެންކަން އެނގިފައިވެ އެވެ. އަދި ނިދިމަދުވުމުންނާއި، މާގިނައިން ނިދުމުންނާއި، ގަދަ އަލީގައި އުޅުމުންނާއި، މޫސުމް ބަދަލުވުމުންނާއި، ބައެއް ކާބޯތަކެތި ކެއުމުންނާއި، ވަކި އުމުރެއްގައި އަންހެނުންގެ ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުންނާއި، އަންހެނުންގެ މައްސަރުކަންތައް ފެށޭއިރު، މައިގްރޭންގެ އުނދަގޫ ކުރިމަތިވާކަން އެނގިފައިވެ އެވެ.

No comments:

Post a Comment