Showing posts with label lullaby. Show all posts
Showing posts with label lullaby. Show all posts

Saturday, 25 January 2014

Endheyyo - A Huvadhoo Atoll Lullaby

Endheyyo in the Huvadhoo dialect means "Please come". The lullaby is sung as a plea to the child's father to return home from his business trip. It describes the father's safe journey home and the gifts he brings to his waiting wife.

އެންދެއްޔޯ

ދޮން ރިތަކުން ކަނބަލާފައި،
ދޮން ފައްޔެއް ޖަހަލާފައި،
ދޮން ހުންގާނަކު ހިފަލާފައި،
ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.

މިއީ އެންދެއްޔޯއިން ތަންކޮޅެކެވެ. އެންދެއްޔޯއަކީ، ހުވަދޫ ސަގާފަތުގައި ކުޑަކުދިން ނިންދަވަން ކިޔާ ލަވައެކެވެ. ބަހުގެ ގޮތުން ބަލާއިރު، “އެންދެއްޔޯ” އަކީ، ދުރުގައިވާ މީހަކު ތިމާގެ ގާތަށް ނުހަނު ހަލުއިކަމާއެކު އައުމަށް އެދޭ އެދުމެވެ. އަދި ލޯތްބާއި ކުލުނާއި އިޙުތިރާމުކުރުން ވެސް އޭގައި ހިމެނެ އެވެ.

އެންދެއްޔޯ އަކީ އޭގައި އެކުލެވޭ ފުންމާނަތައް ދަންނަ މީހަކަށް ވަރަށް އަސަރުކުރުވަނިވި ލަވައެކެވެ. ސާދާ ބަސްތަކަކުން ކުޑަކުއްޖަކު ނިންދަވަން ކިޔާ ދާރިޖު ލަވައެއް ކަމުގައި ވިޔަސް އޭގައިވާ ކަލިމަތަކުގައި އެހެން މާނަތަކެއް ވެއެވެ. އެ ކަލިމަތަކަށް ފުރާނަ އެޅެނީ، ކިޔާ މީހެއްގެ އިޙުސާސްތަކުންނެވެ. ތުއްތުކުއްޖަކަށް ދޭހަވާ ބަސްތަކަކުން އެކުއްޖާއަށް ބޭނުންވާނެ ކަންތައްތަކަކަށް އެދިގެން ކިޔެއް ކަމަކު، އެލަވަ ކިޔާ މީހާގެ ބޭނުންތައް އޭގައި މާގިނަކަމަށް ފެނެ އެވެ. އޭގައި ކުލަޖެހެނީ އޭނާގެ ވިސްނުމާއި ފިކުރާއި މުހުތާދުންނެވެ.

ޢާއްމު ގޮތެއްގައި، އެންދެއްޔޯ ކިޔާނީ، ކުއްޖާގެ މަންމަ އެވެ. ދަރިފުޅުގެ ބައްޕަ، ދަރިފުޅަށް ބޭނުންވާ ތަކެތި ހިފައިގެން އަވަހަށް އައުމަށް އެދިގެން ކިޔާ މިލަވައިގައި، ދަރިފުޅުގެ މަންމަގެ އެދުމާއި މުހުތާދު ވަރަށްވެސް ބޮޑެވެ. އޭނާގެ ޚިޔާލާއި ވިސްނުމާއި ފިކުރުގައި ބިންވަޅު ނެގިފައިވާ ފިރިމީހާގެ އަގު މީގައި ވަރަށްވެސް މަތިވެރި އެވެ. އަދި ފިރިމީހާއަށް ކުރާ ޤަދަރާއި، އޭނާ ދެކެ ވާ ލޯބި، ނުސީދާކޮށް ބަޔާންކުރުން މީގައި އިންތިހާ ދަރަޖައަށް ހިމެނެ އެވެ.

ދަރިފުޅުގެ މަންމަ މިލަވަ ކިޔާނީ، ދަރިފުޅުގެ ބައްޕަ ދުށުމަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޝައުޤުވެރިކަމާއެކު މިލަވަ ކިޔާއިރު އޭނާ ވާނީ ވަޖިދުވެފަ އެވެ. އެހެންކަމުން، އޭނާ ހަމަމިލަވަ ކިޔަން ފެށުމާއެކުހެން ދަރިފުޅުގެ ގާތަށް ނިދިއައިސް ނުހަނު އަވަހަށް ނިދާކަމަށް އޭނާއަށް އިޙުސާސްކުރެވޭނެ އެވެ. ފުޅިބައްތީގެ އަލީގައި ދިރިއުޅުނު އިރު، ފަން ޖިފުޓިތަކުގައި ރޭގަނޑުގެ މިތުރަކަށް އެންދެއްޔޯ ވެފައިވަނީ މިހެންވެގެންނެވެ.

ދެ ޖިންސުގެ ކުދިން ނިންދަވަން ކިޔާއިރު، އެންދެއްޔޯ ކިޔާނީ ދެ ގޮތަކަށެވެ. އަންހެން ކުދިން ނިންދަވަން ކިޔާއިރު ކިޔާނީ “ދޮންދިޔެ” އެވެ. ފިރިހެން ކުދިން ނިންދަވަން ކިޔާއިރު، ދޮންދިޔެ އޮތް ކޮންމެ ތަނެއް “ދޮންފުތު” އަށް ބަދަލުވާނެ އެވެ. އަދި ދޮންދިޔެގެ ބައްޕަ ގެނެސްދިނުމަށް އެދޭ ތަކެއްޗާ، ދޮންފުތުގެ ބައްޕަ ގެނެސްދިނުމަށް އެދޭ ތަކެތި ވެސް ތަފާތުވާނެ އެވެ.

ދޮންދިޔެ އަކީ، ހުވަދޫ ސަގާފަތުގައި ތުއްތު އަންހެން ކުދިންނަށް ނުހަނު ލޯބިން ކިޔާ ނަމެކެވެ. މި ނަމުގައިވާ ދޮނާއި ގައިގެ ކުލަޔާ އެއްވެސް ގުޅުމެއް ނެތެވެ. ކިތަންމެ ކަޅު އަންހެން ކުއްޖަކަށް ވެސް “ދޮންދިޔޭ!” ކިޔާފަ މީހަކު ގޮވާލަފާނެ އެވެ. އެއީ އައިބުކަމެއް ނޫނެވެ. އެކަމަކު އައިބު ކަމަކީ، ތިމާ ދަންނަ މީހެއްގެ ތުއްތު ކުއްޖަކު ފެނުމުން އެކުއްޖާއަށް ގޮވާނުލުމެވެ. އެހެންވީމާ، މި ދޮނަކީ މާނަވީ ދޮނެކެވެ.

އެންދެއްޔޯގައި ” ސަންނަޓި ބަސް” އެކުލެވޭކަން ފާހަގަކުރެވެ އެވެ. އެރުމަށްފަހު، ނެގުމަށްފަހު، ހުރުމަށްފަހު، މިބަސްތައް އައިސްފައިވަނީ ސަންނަޓިކޮށްނެވެ. އަދި ކަނބަމުން، ޖަހަމުން، ހިފަމުން، މިބަސްތައް ވެސް އައިސްފައިވަނީ ސަންނަޓިކޮށްނެވެ.

އެންދެއްޔޯގެ ދިގުމިން ބިނާވެފައިވާނީ، ކިޔާ މީހެއްގެ ޚިޔާލާއި ފިކުރުގެ މައްޗަށެވެ. އޭނާގެ ޚިޔާލާއި ފިކުރު ތަނަވަސްވި ވަރަކަށް އޭގެ ރާގުތައް ރީތިވެފައި، ކުލަތައް ޗާލުވެފައި، ރަހަތައް މީރުވާނެ އެވެ. …

ތިރީގައި މިވަނީ، ދޮންދިޔެ ނިންދަވަން ކިޔާ އެންދެއްޔޯއިން ތަންކޮޅެކެވެ.


އެންދެއްޔޯ، އެންދެއްޔޯ،
ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.
އެންދެއްޔޯ، އެންދެއްޔޯ،
ހަލިއަވަހަށް އެންދެއްޔޯ.

ދޮން ދޯންޏަށް އަރަލާފައި،
ދޮން ރިޔަލެއް ނަގަލާފައި،
ދޮން މަޅަމާތަކު ހުރެލާފައި،
ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.

ދޮން ރިތަކުން ކަނބަލާފައި،
ދޮން ފައްޔެއް ޖަހަލާފައި،
ދޮން ހުންގާނަކު ހިފަލާފައި،
ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.

ދޮން ކުންނާރެއް ބިނދެގެން،
ދޮން އަންނާރެއް ގަނެގެން،
ދޮން ނިޔަނދުރު ހޯދައިގެން،
ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.

ދޮން ހެދުމާ، ދޮން ގަހަނާ،
ދޮން އުޅަޔާ، ދޮން ދައްޗާ،
ދޮންހަދިޔާ ގިނަ ހޯދައިގެން،
ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.
  މުޞަންނިފު:އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަންޝާއިޢުކުރި ތާރީޚު:
7 ޖެނުއަރީ 2011 މ. 3 ޞަފަރު 1432 ހ. ހުކުރު
މަޞްދަރު:ހުވަދޫ ސަގާފަތުއިތުރު ބަޔާން:-

Magic of the Fish-Rice - a Huvadhoo atoll bedtime story

މަސްބަހަ ޖާދޫ

މަސްބަހަ ޖާދޫ


ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން،
މަތީގައި އެވަނީ ހުވަދު އަތޮޅުގެ ސަގާފަތުގައި ހިމެނޭ ވާހަކައެއްގެ ތަންކޮޅެކެވެ. މިއީ، ނިދާ ގަޑީގައި ކުޑަކުދިންނަށް ކިޔާދޭ ވާހަކައެކެވެ. މަތީގައިވާ ގޮތަށް ވާހަކަ ކިޔާދެމުން ގެންދަނީ، ޝަރަޙަޔާ އެކުގައެވެ. މިއީ ވަރަށް ދިގު ވާހަކައެކެވެ. ތިރީގައި އެވަނީ މި ވާހަކައިގެ ކުރު ޚުލާޞާއެކެވެ.

އެއްދުވަހަކު ހިކަންޖަކާއި މީދަލަކާއި ދޭތި މަސްބަތް ކައްކަން އެއްބަސްވިއެވެ. ކެއްކުމާ ޙަވާލުވީ ހިކަންޖެވެ. ކެއްކުމަށް ބޭނުންވާ ސާމާނު ހޯދުމާ ޙަވާލުވީ މީދަލެވެ. އެއްބަސް ވެވިފައިވާ ގޮތަށް، މީދާ ހޯދައިދިން ތަކެތިން، ހިކަނދި މަސްބަތް ކެއްކިއެވެ. އެއަށްފަހު، ކެއުމަށް އިންސާފުކުރަންވީ ވަގުތު އައިސް ޖެހުމުން، މީދާ ކާން ދިޔައެވެ. ނަމަވެސް މީދާ ދިޔައިރު، މަސްބަތްތަވަ ވަނީ ހުސްވެފައެވެ. އެކަން ވީގޮތެއް އޮޅުން ފިލުވުމަށް މީދާ ސުއާލުކުރިއެވެ. ހިކަނދި ބުނީ، ރަހަ ބަލަން އުޅެނިކޮށް، އޭގެ ރަހަ ނޭނގެނީސް ހުސްވީ ކަމަށެވެ. ދެން މީދާ ވަރަށް ބޮޑަށް ދެރަވެ ހިތާމަކުރަންފެށިއެވެ.

މީދަލުގެ ހިތަށް ވެރިވި ވަރުގަދަ ހިތާމައިގެ މޮޅިވެރިކަމުގައި އޮއްވާ، އެސޮރު ކައިރިޔަށް ކާޅެއް އައިސް ސުއާލުކުރިއެވެ.
މީދަލާއެވެ! މިއަދު ތިޔަ ހިތާމަކުރަނީ ކޮންކަމަކާ ހެއްޔެވެ؟”

މީދާ ބުންޏެވެ.

ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން.

މީދާ ހަމަ މިހެން ބުނުމާއެކު، ކާޅުގެ ދެލޯ ކަނުވެއްޖެއެވެ.

ދެން ކާޅު ދާނެ ނުދާނެ ދިމާއެއް ނޭނގި އުދުހެމުން އުދުހެމުން ދަނިކޮށް ގަހަކާ މުޑިއެރިއެވެ. ދެން އެގަހުގެ ގޮތްޕެއްގެ މަތީގައި ކާޅު މަޑުކޮށްލިއެވެ. އެއީ ބޮއިގަހެކެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ކާޅު އެއްގޮފި މަތިން އަނެއް ގޮފި މަތިން ނުދާތީއާއި ނުވެސް ގޮވާތީ ބޮއިގަސް ވަރަށް ބޮޑަށް ޙައިރާންވިއެވެ. ދެން ކާޅަށް ވެފައިވާ ގޮތެއް އޮޅުން ފިލުވުމަށް ބޮއިގަސް ސުއާލުކުރުމުން ކާޅު ޖަވާބު ދިނެވެ.

ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން.

ކާޅު ހަމަ މިހެން ބުނުމާއެކު، ބޮއި ގަހުގައިވާ ހުރިހައި ފަތްތަކެއް މިލައި މޯޅިވެގެން ގަސްދަށް ފައިބައްޖެއެވެ.

މިކަން މިމަގަށް ހިނގާފައި ވަނިކޮށް، ކުނިކަހާ ދައިތަ، އެކި ތަންތަން ކުނިކަހަމުން ގޮސް، ބޮއި ގަސް ކައިރިއަށް އަތުވެއްޖެއެވެ. އެހެން ދުވަސްތަކާ ޚިލާފަށް ބޮއި ގަހުގައިވާ ހުރިހައި ފަތެއް ގަސްދަށަށް ފައިބާފައި ވާތީ، ދައިތަ ވަރަށް ބޮޑަށް ޙައިރާންވިއެވެ. ދެން ބޮއި ގަހަށް ވީގޮތެއް އޮޅުން ފިލުވުމަށް ދައިތަ ސުއާލުކުރުމުން، ބޮއިގަސް ޖަވާބު ދިނެވެ.

ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން.

ބޮއިގަސް ހަމަ މިހެން ބުނުމާއެކު، ދައިތަ ކިހިލި ޖަހައިގެން ދިޔަ މުޅޯށި، ދައިތަގެ ކިހިލީގައި ތަތްވެއްޖެއެވެ.

ދެން އެ މުޅޯށި ކިހިލިން ނައްޓާލެވޭތޯ ދައިތަ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ދައިތައަށް މި ޖެހުނު ޙާލާމެދު ހިތާމަކުރަމުން ދަނިކޮށް، އަތިރިމަތީގައި ދާއެއްލައިގެން މަސްހިފަން އުޅުނު ކެޔޮޅަކާ ދިމާވިއެވެ. ދައިތައަށް ވެފައިވާ ގޮތެއް އޮޅުންފިލުވާނަމޭ ހިތައި އޭނާ ސުއާލުކުރުމުން ދައިތަ ޖަވާބު ދިނެވެ.

ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން،
ކެޔޮޅާ ގައު ދެލާ ވޮޑުން ލިކުން.

ދައިތަ ހަމަ މިހެން ބުނާއިރަށް، ކެޔޮޅުކަލޭގެ މުޅިގައިގައި ދާއޮޅިއްޖެއެވެ.

ކެޔޮޅުކަލޭގެ އޭނާގެ ގައިން ދާ ނައްޓަން އުޅެއުޅެ އެކަމެއް ނުވިއެވެ. ދެން އޭނާއަށް ކުރިމަތިވި މި މުޞީބާތުގެ ބޮޑުކަމާމެދު ހިތާމަކުރަމުން ދަނިކޮށް އެހެން މީހަކު ސުއާލުކުރެއެވެ. މީދަލާއި ކާޅާއި ބޮއިގަހާއި ދައިތަ ޖަވާބުދިން މަގުން ކެޔޮޅުކަލޭގެ ވެސް ޖަވާބުދެއެވެ. ނަތީޖާއަކަށްވަނީ، ސުއާލުކުރި މީހާއަށް ކޮންމެވެސް ކަމެއް ކުރިމަތިވުމެވެ.

މިގޮތުގެ މަތިން “މަސްބަހަ ޖާދޫ” އެކެއްގެ ދުލުން އަނެކެއްގެ ގަޔަށް ނަގުލުވަމުން ދެއެވެ. ވާހަކައިގެ ދިގުމިން އޮންނަނީ، ވާހަކަ ކިޔާދޭ މީހެއްގެ ޚިޔާލުގެ ތަނަވަސްކަމާ ގުޅިފައެވެ. ދިގުކޮށް މި ވާހަކަ ކިޔާދޭ މީހުން، ވާހަކަ ކިޔައިދީ ނުނިމެނީސް ކުދިންނަށް ނިނދެއެވެ. ކުރުކޮށް ކިޔައިދޭ މީހުން ވާހަކަ ނިންމާލުމާއެކު، ކުދިން ނިދަން ޖެހެއެވެ. އެހެނީ، ވާހަކަ ނިންމާލަމުން ކިޔާނީ:

ވާހަކަ ނުނިމި ކޮއްކޮއަށް ނިދުން ލިކުން.

މިހެން ނެވެ.

ހަމަ މިހެން ކިޔާއިރަށް ވާހަކަ އަޑުއަހާ ކުއްޖާ ނުވަތަ ކުދިން ނިދަން ޖެހެއެވެ. މިގޮތަށް ވާހަކަ ނިންމާލާއިރު، ނިދި ނާންނަ ކުދިން ތިބެން ޖެހޭނީ ނިދާފައި ކަމަށް ހެދިގެންނެވެ. ދެން އިސާހިތަކު އެކުދިންނަށް ނިދިދެއެވެ.

މިވާހަކައިގައި ކުޑަކުދިންގެ ތަރުބަވީ ބަޔެއް ހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ އިތުރުން ޙިކުމަތާއި ސިޔާސަތު ވެސް ހިމެނެއެވެ. އެކި ކަންކަމާ ގުޅުވައިގެން ޙިކުމަތްތެރިކަމާއެކު ކުދިންނަށް ކަންތައްތައް ވިސްނުވައިދިނުމަކީ މިވާހަކައިގައި ހިމެނޭ ޢުންޞުރެކެވެ. އަދި އެކަކު އަނެކެއްގެ ކައިރީގައި ދެއްކުން މަނާ ސިޔާސީ ވާހަކަތައް ވެސް މި ވާހަކައިގައި ކިޔައިދެއެވެ. މިސާލަކަށް ކަތީބަކު ވަޒީފާއިން ވަކިކުރެވުނު ގޮތެވެ. ނުވަތަ މީހަކަށް މުދިންކަން ލިބުނު ގޮތެވެ. ނުވަތަ ކަމުވޮށިވެގެންވާ މީހަކު ބޭޒާރުވިގޮތެވެ. މިފަދަ ވާހަކަތައް، މި ވާހަކައިގައި ކިޔާއިރު، އެ ކިޔާއެއްޗެއް ވިސްނޭނީ އަޑުއަހަންތިބޭ ބޮޑެތި މީހުންނަށެވެ. ކުޑަކުދިންނަށް އެއިން ފޯރުކޮށްދޭނީ އެހެން މެސެޖެކެވެ.

މި ވާހަކައިން ފާހަގަކުރެވޭ އަނެއް ކަމަކީ، ” ސަންނަޓި ބަސް” ހިމެނޭ ކަމެވެ. “ސަންނަޓި ބަހަކީ” ހުވަދޫ ބަހުގައި ބޭނުންކުރާ ތަޢުބީރެކެވެ. ސަންނަޓި ބަހުން ވާހަކަ ދެއްކުމަކީ، ކޮންމެވެސް ދެބަހެއް އެއްކޮށްލައިގެން ވާހަކަދެއްކުމެވެ. މިސާލަކަށް ހުވަދޫ ބަހާއި މާލޭ ބަސް މައްސުނިކޮށްގެން ވާހަކަ ދެއްކުމެވެ. ނުވަތަ ހުވަދޫ ބަހާއި އައްޑޫ ބަސް މައްސުނިކޮށްގެން ވާހަކަ ދެއްކުމެވެ.

މިވާހަކައިގައި ސަންނަޓި ބަސް ބޭނުންކުރާއިރު، ކުދިންނަށް މާނަ ނޭނގޭ ބަހެއް އަތުވެއްޖެނަމަ، ކުދިން ސުއާލުކުރާނެއެވެ. ދެން ވާހަކަ ކިޔާދޭ މީހާ، އެބަސް އެކުދިންނަށް ޝަރަޙަކޮށްދޭނެއެވެ. މާލޭ ބަހުގެ ލަފުޒެއް ހުވަދޫ ބަހަށް ބަދަލުވާ ގޮތާއި، ހުވަދޫ ބަހުގެ ލަފުޒެއް މާލޭ ބަހަށް ބަދަލުވާ ގޮތް ބުނެދޭނެއެވެ. ނަމަވެސް މިކަން މިމަގަށް ކުރެވޭނީ ބަސް ދަންނަ މީހަކު ވާހަކަ ކިޔައިދޭ އިރުގައެވެ.

މި ލިޔުމުގެ އެއް މަޤުޞަދަކީ، ހުވަދޫ ސަގާފަތުގައި ހިމެނޭ ވާހަކައަކާ ބެހޭ ކޮންމެވެސް ވަރެއްގެ ތަސައްވުރެއް ގެނެސްދިނުމެވެ. އެހެންކަމުން، ހުވަދޫ ބަހުން މި ވާހަކަ ކިޔާއިރު ހުންނަ ދިރުމާއި ރޫޙު، މަތީގައިވާ ފޮޅުވަތްތަކުގައި ނުހިމަނަމެވެ. އަދި ވާހަކައިގައި ހިމެނޭ ފަރުދުން އެކަކު އަނެކަކާ މުޚާޠަބުކުރާއިރު، ވާހަކަ ދައްކާ ބަސްމަގު ވެސް ނުހިމަނަމެވެ.

މި ލިޔުމުގެ އަނެއް މަޤުޞަދަކީ، “މަސްބަހަ ޖާދޫ” ހުވަދޫ ސަގާފަތުގައި ދެމެހެއްޓުމެވެ. މިކަން ކުރާނެ ދަރީންތަކެއް ހުވަދު އަތޮޅުގައި ތިބޭނެ ކަމަށް އުންމީދުކުރަމެވެ.


މުޞަންނިފު:އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަންޝާއިޢުކުރި ތާރީޚު:
4 ޖެނުއަރީ 2011 މ. 29 މުޙައްރަމް 1432 ހ. އަންގާރަ
މަޞްދަރު:ހުވަދޫ ސަގާފަތުއިތުރު ބަޔާން

Thursday, 23 January 2014

Maliku Lullabies - a dying tradition.

މަލިކުގެ އުވެމުންދާ އާދަކާދަތަކުގެ ތެރެއިން ދަރިން ނިންދެވުން



އެފް.ޖީ މުޙައްމަދު
މަލިކުގެ އުވެމުންދާ އާދަކާދަތަކުގެ ތެރެއިން ދަރިން ނިންދެވުން

މަލިކުމީހުންނަކީ ކޮންމެކަމެއްގައިވެސް އޭރެންގެ އަމިއްލަ ގޮތެއް ހުރިބަޔެކެވެ. މިހާރަކަށް ވީއްސުރެން އެގޮތްގޮތަށް ބަދަލުތަކެއް އާނަމުން އަދި އާދަކާދަތައް އުވެމުންދާތި ފެނެއެވެ.
މަލިކުގައި ދަރިން ނިންދެވުމުގައިވެސް އެހާރާއި މިހާރު ވަރަށް ބޮޑަށް ފަރަގު އައިސްފައިވެއެވެ. މިހެން ވެފައިވަނީ އާދަކާދަތައް ނެގެހެއްޓުމުގެ ބަދަލުގައި އުވައިލަމުން ދާކަމުގެ ސަބަބުންނެވެ.
އެޒަމާނުގައި ދަރިން ނިންދަވަން ވަރަށް ރީތި އަޑުއަހައިލާ ހިތްވާ ވައްތަރުގެ ބަނދިތަކާއި ތައިވަރުތަކެއް ކިޔަތެވެ. މިހާރަކަށް އައިސް އޭގެބަދަލުގައި ދަރިން ނިންދަވާ އިރަށް ކިޔާއަޑު އިވޭނީ މަލަޔާޅަމުން ކިޔާ ޅެންތަކަކައި އެހެން އެއްޗެތިތަކެވެ. ދީނީގޮތަށްހުރި ޅެންތަކާއި މަދަހަ އަދި ބައިތުތަކެއް ނުކިޔަތެވެ. މިސާލަކަށް ބުނާނެއްޏައި މިހާރު އަޑު އިވެނީ “އަރާރޯ އަރިރަރޯ އައްޗަންޑެމޯން އަރޯރޯ” … “ޕާވާޑަވޭނަމް މޭލާޑަވޭނަމް” … “އާގަޔާ އާގަޔާ ހަލްވާވާލާ އާގަޔާ” … އަދި “އޭކް ދޯތީން ޗާރްޕާންޗް ޗެ ސާތު އާޓްނައު ދަސްގިޔާރާ ބާރާ ތޭރާ” … މިފަދަ ލަވަތަކެވެ.
އެޒަމާނުގެ ދަރިން ނިންދެވުމައިމެދު ބަލައިލަމާ އަންނާށެވެ. ދަރިން ނިންދެވުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އެތަކެއް ގޮތުން ދަރި އެފަރާތުން މިފަރާތަށް، އެކޮނޑުން މިކޮނޑަށް ލައި އެއްއަތުން އަނެއް އަތަށް ބަދަލުކޮށް ބަނދިކިޔައި ލޮޑުވީމައިވެސް ބަޔެއްފަހަރަށް ދަރިފުޅު ނުނިދާތަންވެސް އައުދެއެވެ.
އާދެ އެޒަމާނު ދަރިން ނިންދަވަން ކިޔާ ލަވަތަކާއި ބަނދިތަކަށް އަވަސް ކަޅިއެއް އުކައިލަމާ އަންނާށެވެ.

ހ- މިދަރި މިރޮނި ނިންޖަށޭ ނިދި އާއްޔައި ނިދަހަރޭ
ނިދި ކަކުލަށް ލެފެހެރޭ ނިދި ކިހައި ފަށަކު ހުރިހޭ
ނިދި ދެލޮލަށް ވަދެހުރިހޭ އާއި އޫން…

ށ- ހަސްބީ ރަސްބީ ޖައްލައްލާހު މާފީ ޚަލްފީ ޚަތުރުއްލާހު
ނޫރު މުޙައްމަދު ޞައްލައްލާހު ލާއިލާހަ އިއްލައްލާހު

ނ- ނަންނާ ނަންނާ ނައުދޭ ނަންނާގަންޑެއް އޮބޯތޭ
އޮބޯތެ ބޮޑުބުޅައުގަނޑެއް އެލެބުޅަލާ ކަންޑާނާ
މިގެޔަކު ނެތެ ރޯދަރިޔެއް އެގޭގަ ތިބީ ރޯދެކުދިން
އެގޭދޮށަށް ‘ބުއް’ ގޮވައިލަން ދާނޑައަޅޭ…އާއިއޫން…

ރ- ބޯބޯ ބޮއްތަލާ ދެފަނިކާ ފެންބޮކާ
އޮޑިވަތު ދިޔަހިއްކައިގެން
ބޯލަ ގެނައި މަސްފައްޗެއް
ބޯލަޔަށް ނުދީ ކައިގެން
ބޯލަ ހޯދަން އަރައިއަރައި ބަން!

ބ- ދާންދާން ދާންވެގެން ހައްދުންމަތި ދާންވެގެން
ތިލަދުންމަތި ދާންވެގެން ތާންތާން ތާރަވެރިން
ހެއްމަހެއްމަ ރާޅުވެރިން މޫދުގައި ހުރި ދެރާވެރިން
ކައިފޫވޯ ބޮތްފޫވޯ އުނދުޅި ބިތުގަ ލައިފޫވޯ
ނަހަރި ގޮނަށް ލައިފޫވޯ ތައްކުޅަނދުރު ބޯމައްތިން
އުމަރު ބަނޑުކޮ ޓޮސްވެލަގާ ބަނޑުއޮޑި އާނަން ނަދުރަކު ބުންޏޭ
އާއި އޫން…

ޅ- އާނާނޭ އާނާނޭ މިދަރި ބައްޕަ އާނާނޭ
އާއްސައި ގޮވައިލާނޭ ދަރިފު އުރައިގަންނާނޭ
ދެއަތަށް ދެލޮނބޯ ދޭނޭ ލޮނބޯ މަދުވެ ނުހިފާނޭ
ލޮނބޯގަސްދަށަށް ދާނޭ ދޮންވެ ލޮނބޯ އަޅުވާނޭ
ރޯވެ ލޮނބޯ އުފުރާނޭ އުފުރުމަކުން ސަނދުބަލަޔޯ
އެކޮށްޓަށް ނުވަންނަންކޯ މިކޮށްޓަށް ނުވަންނަންކޯ
ކޮޅުކޮށްޓަށް ވަންނަންކޯ އިނގިލި ކަނޑައި ބަންނަންކޯ
ކެލާފެނުން ދޮންނަންކޯ ނައުދަށު އޮތް ލޮންޗިވަކެއް
އަރައި ކުނބުކުރީ އޮވެގެން އަރަބިކަރާ ހީވެރޮނީޔޯ

ކ- މިދަރި ބައްޕަ އާނާނޭ އާނައިރުން ގެންނާނޭ
ދޮންކުސަބަރި ގެންނާނޭ ގެނެސްފައި ގޮވައިލާނޭ
ދަރިފުޅޯ ގޮވައިލާނޭ ދަރިފު އުރައިގަންނާނޭ
ދެއަތަށް ދެލޮނބޯ ދޭނޭ ލޮނބޯ މަދުވެ ނުހިފާނޭ
ލޮނބޯގަސްދަށަށް ދާނޭ ދޮންވެ ލޮނބޯ އަޅުވާނޭ
ރޯވެ ލޮނބޯ އުފުރާނޭ އުފުރުމަކުން ސަނދުބަލަޔޯ
ވަޅުދޮށު އޮތް ގައުމައްޗަށް ފުއްމައިގޮސް އެރި ދަރިފޫ
މިހިރަ އަފާ ހެއުދަރިފޫ އާއި…އޫން…

އ- ކޯޑިކޮޅު ކަނިގަނޑެއްގަ ކީރިދާތަ މަސްބައިބައި
މަލާފަތެއް ބޮލު އަރުވައި ފެންކޫދެއް އަތުލައިގެން
ތިމަންކަލެއް ފައިބިފަހުން ކާން އިއްތި ދޮންކަމަނާ
ކައިފޫވޯ ބޮއިފޫވޯ ނަހަރި ގޮނަށް ލައިފޫވޯ
އުނދުޅި ބިތުގަ ލައިފޫވޯ ދުވަމުންގޮސް ވެރެމުންގޮސް
ދިވެހިއަރާ ރާއްޖޭގެ ނިޔަމިފޮތްކޮޅެއް ގެންގެން
ކޯފިކޯފި ޖެހޭތީވެ ނާފިތިއްޖެ ދެލޯޔޯ
އެރުވިމިރުސް ވަށަފަރޯ ހަސަންރަސްގެ އަލިދެލޮލަށް ދެއްވި
ރަންމަޑިތިލަ އެއްތެއުގަން ޖަހަނި ނަގަނި ހިފަނި ތަންމަތިބޮނޑި
ބޯލަ މަސްކަނޑާ ކަތިވަޅި ނިތުން ތެއުފެލާ ކަތިވަޅި
ތުއްކޮމަރަން ތުއް ކަތިވަޅި އާއި…އޫން…

ވ- އޭސިލުނބޭ މީސިލުނބޭ ރުކަށް އަރަން ގަތް ސިލުނބޭ
ދުރުނބާޔަށް ލޯސިލުނބޭ ކޮޅުފަހަށް ދަގަނޑު ސިލުނބޭ
ރަންމެ ރަންމެ ރަންއެދެއްގަ ރަންކަންނެއު ލައިފައްޔޯ
ރަންއުރައިން ފަހައިފައްޔޯ ގުޑިޔާބާ ނިންދައްޔޯ
ފިރިހެންކޮޅު ދޮއްވައްޔޯ ރިޔައުފެހީ ހަދުވަހުނޯ
ކުނބުނެގީ ބާރައިންނޯ އަތުން ދަނޑިކޮ ތާކުތަކޯ
ފައިން ދަނޑިކޮ ތާކުތަކޯ ހުދުކާފަތި ކަޅުކާފަތި
އެބިންދަމާ ރުއްމަގުނޯ މިބިންދަމާ ރުއްމަގުނޯ
ތަކުރު ގޯއްޗަށް އެއްރިނދަފޫ ނުނިދިއްޔަކާ ބަންޑާރައެއް ނުދޭނެޔޯ

މ- އަތިރިމައްތި ކުދިރުއްތެރެ އެތް ހިނދިހިނދި ރާހިނދިހިނދި
އެއްމެގެނައި ރާބައްޖެއް ދެދަރި ތެދުވެ ބޮތްލަތްޕޯ
އެގަތްލަދުން މިގަތްލަދުން ދުވެފައިގޮސް ތޭވަރާތު މަގުގެޔަށޯ
ނާކަކެޔަސް ހޭނާރައި ބުޅައުކެޔަސް ހޭނާރައި
މަސްއޮޑިޔަކު ތިންޅަކުދިން ދޯނި ގެނެސް އަވަށަށްލައި
ރާވެރިޔަކު ފިންދަނޑިކޮޅު މައުގަނޑުކޮޅު ބަދީގެކޮޅު
އުނގުޅިގަތީ ކޮންނަޖިހެއްހޭ ފާނާދާ އޮރިމަހެއްތަ
ބޯދަށަށް ލިބުނު ފައްޗެއް ބުނެފައިދިޔަ ނަސޭހަތެއް
ޔަންބަނދެފޫ ދެރިޔަނުގާ ވިއްކަތޭ އުޔަށް ކަފަކުއްޔަށް
ދަރިނުހުރެ މަޔަށްބަފަޔަށް އޮތްއޮޅުއޮތް ނަގޫދަމައި
ނަގުލުންވޭ ބޯމަތުރައި ހޭނަކަތްވެރިން މެދުގައި
އެކަމެއްނޯ މިކަމެއްނޯ ބިބީ ގޮސްހުރެ ބަލާނދޭ
އޭނާ އެރުވި ތަނަށްމާ ރިޔަން ކަންދޭން އައިމާ

ފ- ދޫނިފުޅޭ ދޫނިފުޅޭ ދޫނިފުޅަގެ ތިންމައިންނޭ
ރޭގަނޑަށް ނައުދަށް ނިދައިކައި ދުވާލަށް ފަރުހިލައި ކައި
އިރަކު ހަނާޅި ގޮދަންކައި އަދި އޭތި މަދުކަމަށްލައި
ބޭރުން އުނކުޑި ހޮވައިކައި ވެލިކުލައިގެ ދައްކާން މާ
ދޫނިފުޅު ބާނި ނަށަމާ…

ދ- ދާންދާން ދާންވެގެން ހައްދުންމަތި ދާންވެގެން
ތިލަދުންމަތި ދާންވެގެން އުނގު ބަންނަންފިޔޮހިނެތޭ
އެފިޔޮހިގަނޑު ލާންގޮތަކު އައިއްޔާއި ނައިއްޔާއި
މަދޭނަމޭ އަހުގައްޔޭ ބަހުގައްޔޭ އެދުރު އީސަ ބަހުގައްޔޭ
ކައިފާނޭ ބޮތްފާނޭ ކޮންރަށަކަށް ދާން ބެންދި ނަވެއްތޯ
ކޮންއެއްޗެއް އަރުވަމުތޯ ހީމަބީމަ އަރުވައިގެން ހުރެދަނިކޮށް
ފާތުމާބި ނަގުލަންދަހަރި ތިރިވަޑިޔާ އޭދެނެގެން ބޭދެނެގެން
ދިޔާހަކުރު ބާގަދިނޯ ކަރުހަކުރު ދޮޅެއްސަދިނޯ
ވަޅޯމަހުން ގަނޑެއްދިނޯ ބަލައިލިތާ އިރެއްނެތޭ
އިރުހުއްޓޯ ބިރުހުއްޓޯ ދާދިކޮކާ އަވިކޮޅެކޯ
ފުޅައްމަތިން ތިއްކަރެކޯ ގަނޑުވަރުދޮރު ނޮއްޔަށް ދަމައިލީމައި
ދޭތިދެތާ ވަޅުލައިފައި ހިނެވިންފައި ބިނެވިންފައި
ދަށުންހިނގައި ބާސްކިރައި ބޮނޑިބަންދައި
އަވަދިވެގެން ބަވަދިބެގެން ދުރުނބާކޮޅު ހޭވަތުގައި
އަތްލާނޭ ވަތެއްނެތޭ ފައިލާނޭ ވަތެއްނެތޭ
ކުންޏަށްދިޔަ އަންހެނުންނޯ މުޅަކަށިކެއު ބިނދެބިނދެގެން
އަރާއިރަށް ދެތަށިއަރައި ދުނިޔެބަލައި ކާފަރުތަކުނޭ ރިޔައުކަފުނޭ
ކޮންމެ ފަތިހަކު ކޮންމެ ހެނދުނަކު
ބުޅިތުންބަގެ ގޯއްޗަށް ރަވަރަވަ ބާނަން ދާންޑައަޅޭ
އިރުވަރަކައި ބިރުވަރަކައި ހަންދަލަކުން ބޯނާ ޑޯޑު
ޑުންގެ މަގުން އޮށި ބިނދެގެން ކޮށާރުތެރެ ވަދެމޮތްތީ
ކާކުހޭ؟ އޯ ބަފާމަޔޭ އާއި…އޫން…

މިތެރެއިން ބޯބޯބޮއްތަލާ ބަނދި އާދާގައި ކިޔަނީ ދަރިފުޅު އުނގުގައި ބަހައްޓައިގެން އަމޯގެ ދެއަތްތިލައިން ދަރީގެ ހަންގިލި (ކިހިލިފަތް) ދަށުން ލައިގެން ގޮސް އަމޯގެ ދެއަތުން ދަރީގެ ބޮލުގައި ހިފަހައްޓައިގެން ބޯހަލަހަލައިފައެވެ. މިހެން ހަލަން ފަށައި ބަނދިކީމައި ކުޑަދަރިން ނިދައިފަތެވެ.
މިފަދަ ރިވެތި ބަނދިތައް ކިޔައި ދަރިން ނިންދަވާ އަޑެއް މިހާރަކު ހާދަހައިވެސް ނީވެއެވެ. ބަނދިތައް އުވިގެން ދިޔަކަނުދީ ދެމިލެހެއްޓުމަށް ގިނަގުނަ ހަރުދަނާ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިކަހަލަ ރީތި ބަނދިތައް ދަސްކޮށް އޭގެ މާނަ އެއްޗެތި ވިޔަކުރުމުން އަހަރުމެންނަށް އެޒަމާނުގެ ކިތަންމެހައި ތާރީކީ ގޮތުން ހުރި ކަންތަކައިމެދު ވިޔަކުރަންވެސް ތަންވަޅުލިބޭނެއެވެ.