Thursday, 23 January 2014

Maliku Lullabies - a dying tradition.

މަލިކުގެ އުވެމުންދާ އާދަކާދަތަކުގެ ތެރެއިން ދަރިން ނިންދެވުން



އެފް.ޖީ މުޙައްމަދު
މަލިކުގެ އުވެމުންދާ އާދަކާދަތަކުގެ ތެރެއިން ދަރިން ނިންދެވުން

މަލިކުމީހުންނަކީ ކޮންމެކަމެއްގައިވެސް އޭރެންގެ އަމިއްލަ ގޮތެއް ހުރިބަޔެކެވެ. މިހާރަކަށް ވީއްސުރެން އެގޮތްގޮތަށް ބަދަލުތަކެއް އާނަމުން އަދި އާދަކާދަތައް އުވެމުންދާތި ފެނެއެވެ.
މަލިކުގައި ދަރިން ނިންދެވުމުގައިވެސް އެހާރާއި މިހާރު ވަރަށް ބޮޑަށް ފަރަގު އައިސްފައިވެއެވެ. މިހެން ވެފައިވަނީ އާދަކާދަތައް ނެގެހެއްޓުމުގެ ބަދަލުގައި އުވައިލަމުން ދާކަމުގެ ސަބަބުންނެވެ.
އެޒަމާނުގައި ދަރިން ނިންދަވަން ވަރަށް ރީތި އަޑުއަހައިލާ ހިތްވާ ވައްތަރުގެ ބަނދިތަކާއި ތައިވަރުތަކެއް ކިޔަތެވެ. މިހާރަކަށް އައިސް އޭގެބަދަލުގައި ދަރިން ނިންދަވާ އިރަށް ކިޔާއަޑު އިވޭނީ މަލަޔާޅަމުން ކިޔާ ޅެންތަކަކައި އެހެން އެއްޗެތިތަކެވެ. ދީނީގޮތަށްހުރި ޅެންތަކާއި މަދަހަ އަދި ބައިތުތަކެއް ނުކިޔަތެވެ. މިސާލަކަށް ބުނާނެއްޏައި މިހާރު އަޑު އިވެނީ “އަރާރޯ އަރިރަރޯ އައްޗަންޑެމޯން އަރޯރޯ” … “ޕާވާޑަވޭނަމް މޭލާޑަވޭނަމް” … “އާގަޔާ އާގަޔާ ހަލްވާވާލާ އާގަޔާ” … އަދި “އޭކް ދޯތީން ޗާރްޕާންޗް ޗެ ސާތު އާޓްނައު ދަސްގިޔާރާ ބާރާ ތޭރާ” … މިފަދަ ލަވަތަކެވެ.
އެޒަމާނުގެ ދަރިން ނިންދެވުމައިމެދު ބަލައިލަމާ އަންނާށެވެ. ދަރިން ނިންދެވުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އެތަކެއް ގޮތުން ދަރި އެފަރާތުން މިފަރާތަށް، އެކޮނޑުން މިކޮނޑަށް ލައި އެއްއަތުން އަނެއް އަތަށް ބަދަލުކޮށް ބަނދިކިޔައި ލޮޑުވީމައިވެސް ބަޔެއްފަހަރަށް ދަރިފުޅު ނުނިދާތަންވެސް އައުދެއެވެ.
އާދެ އެޒަމާނު ދަރިން ނިންދަވަން ކިޔާ ލަވަތަކާއި ބަނދިތަކަށް އަވަސް ކަޅިއެއް އުކައިލަމާ އަންނާށެވެ.

ހ- މިދަރި މިރޮނި ނިންޖަށޭ ނިދި އާއްޔައި ނިދަހަރޭ
ނިދި ކަކުލަށް ލެފެހެރޭ ނިދި ކިހައި ފަށަކު ހުރިހޭ
ނިދި ދެލޮލަށް ވަދެހުރިހޭ އާއި އޫން…

ށ- ހަސްބީ ރަސްބީ ޖައްލައްލާހު މާފީ ޚަލްފީ ޚަތުރުއްލާހު
ނޫރު މުޙައްމަދު ޞައްލައްލާހު ލާއިލާހަ އިއްލައްލާހު

ނ- ނަންނާ ނަންނާ ނައުދޭ ނަންނާގަންޑެއް އޮބޯތޭ
އޮބޯތެ ބޮޑުބުޅައުގަނޑެއް އެލެބުޅަލާ ކަންޑާނާ
މިގެޔަކު ނެތެ ރޯދަރިޔެއް އެގޭގަ ތިބީ ރޯދެކުދިން
އެގޭދޮށަށް ‘ބުއް’ ގޮވައިލަން ދާނޑައަޅޭ…އާއިއޫން…

ރ- ބޯބޯ ބޮއްތަލާ ދެފަނިކާ ފެންބޮކާ
އޮޑިވަތު ދިޔަހިއްކައިގެން
ބޯލަ ގެނައި މަސްފައްޗެއް
ބޯލަޔަށް ނުދީ ކައިގެން
ބޯލަ ހޯދަން އަރައިއަރައި ބަން!

ބ- ދާންދާން ދާންވެގެން ހައްދުންމަތި ދާންވެގެން
ތިލަދުންމަތި ދާންވެގެން ތާންތާން ތާރަވެރިން
ހެއްމަހެއްމަ ރާޅުވެރިން މޫދުގައި ހުރި ދެރާވެރިން
ކައިފޫވޯ ބޮތްފޫވޯ އުނދުޅި ބިތުގަ ލައިފޫވޯ
ނަހަރި ގޮނަށް ލައިފޫވޯ ތައްކުޅަނދުރު ބޯމައްތިން
އުމަރު ބަނޑުކޮ ޓޮސްވެލަގާ ބަނޑުއޮޑި އާނަން ނަދުރަކު ބުންޏޭ
އާއި އޫން…

ޅ- އާނާނޭ އާނާނޭ މިދަރި ބައްޕަ އާނާނޭ
އާއްސައި ގޮވައިލާނޭ ދަރިފު އުރައިގަންނާނޭ
ދެއަތަށް ދެލޮނބޯ ދޭނޭ ލޮނބޯ މަދުވެ ނުހިފާނޭ
ލޮނބޯގަސްދަށަށް ދާނޭ ދޮންވެ ލޮނބޯ އަޅުވާނޭ
ރޯވެ ލޮނބޯ އުފުރާނޭ އުފުރުމަކުން ސަނދުބަލަޔޯ
އެކޮށްޓަށް ނުވަންނަންކޯ މިކޮށްޓަށް ނުވަންނަންކޯ
ކޮޅުކޮށްޓަށް ވަންނަންކޯ އިނގިލި ކަނޑައި ބަންނަންކޯ
ކެލާފެނުން ދޮންނަންކޯ ނައުދަށު އޮތް ލޮންޗިވަކެއް
އަރައި ކުނބުކުރީ އޮވެގެން އަރަބިކަރާ ހީވެރޮނީޔޯ

ކ- މިދަރި ބައްޕަ އާނާނޭ އާނައިރުން ގެންނާނޭ
ދޮންކުސަބަރި ގެންނާނޭ ގެނެސްފައި ގޮވައިލާނޭ
ދަރިފުޅޯ ގޮވައިލާނޭ ދަރިފު އުރައިގަންނާނޭ
ދެއަތަށް ދެލޮނބޯ ދޭނޭ ލޮނބޯ މަދުވެ ނުހިފާނޭ
ލޮނބޯގަސްދަށަށް ދާނޭ ދޮންވެ ލޮނބޯ އަޅުވާނޭ
ރޯވެ ލޮނބޯ އުފުރާނޭ އުފުރުމަކުން ސަނދުބަލަޔޯ
ވަޅުދޮށު އޮތް ގައުމައްޗަށް ފުއްމައިގޮސް އެރި ދަރިފޫ
މިހިރަ އަފާ ހެއުދަރިފޫ އާއި…އޫން…

އ- ކޯޑިކޮޅު ކަނިގަނޑެއްގަ ކީރިދާތަ މަސްބައިބައި
މަލާފަތެއް ބޮލު އަރުވައި ފެންކޫދެއް އަތުލައިގެން
ތިމަންކަލެއް ފައިބިފަހުން ކާން އިއްތި ދޮންކަމަނާ
ކައިފޫވޯ ބޮއިފޫވޯ ނަހަރި ގޮނަށް ލައިފޫވޯ
އުނދުޅި ބިތުގަ ލައިފޫވޯ ދުވަމުންގޮސް ވެރެމުންގޮސް
ދިވެހިއަރާ ރާއްޖޭގެ ނިޔަމިފޮތްކޮޅެއް ގެންގެން
ކޯފިކޯފި ޖެހޭތީވެ ނާފިތިއްޖެ ދެލޯޔޯ
އެރުވިމިރުސް ވަށަފަރޯ ހަސަންރަސްގެ އަލިދެލޮލަށް ދެއްވި
ރަންމަޑިތިލަ އެއްތެއުގަން ޖަހަނި ނަގަނި ހިފަނި ތަންމަތިބޮނޑި
ބޯލަ މަސްކަނޑާ ކަތިވަޅި ނިތުން ތެއުފެލާ ކަތިވަޅި
ތުއްކޮމަރަން ތުއް ކަތިވަޅި އާއި…އޫން…

ވ- އޭސިލުނބޭ މީސިލުނބޭ ރުކަށް އަރަން ގަތް ސިލުނބޭ
ދުރުނބާޔަށް ލޯސިލުނބޭ ކޮޅުފަހަށް ދަގަނޑު ސިލުނބޭ
ރަންމެ ރަންމެ ރަންއެދެއްގަ ރަންކަންނެއު ލައިފައްޔޯ
ރަންއުރައިން ފަހައިފައްޔޯ ގުޑިޔާބާ ނިންދައްޔޯ
ފިރިހެންކޮޅު ދޮއްވައްޔޯ ރިޔައުފެހީ ހަދުވަހުނޯ
ކުނބުނެގީ ބާރައިންނޯ އަތުން ދަނޑިކޮ ތާކުތަކޯ
ފައިން ދަނޑިކޮ ތާކުތަކޯ ހުދުކާފަތި ކަޅުކާފަތި
އެބިންދަމާ ރުއްމަގުނޯ މިބިންދަމާ ރުއްމަގުނޯ
ތަކުރު ގޯއްޗަށް އެއްރިނދަފޫ ނުނިދިއްޔަކާ ބަންޑާރައެއް ނުދޭނެޔޯ

މ- އަތިރިމައްތި ކުދިރުއްތެރެ އެތް ހިނދިހިނދި ރާހިނދިހިނދި
އެއްމެގެނައި ރާބައްޖެއް ދެދަރި ތެދުވެ ބޮތްލަތްޕޯ
އެގަތްލަދުން މިގަތްލަދުން ދުވެފައިގޮސް ތޭވަރާތު މަގުގެޔަށޯ
ނާކަކެޔަސް ހޭނާރައި ބުޅައުކެޔަސް ހޭނާރައި
މަސްއޮޑިޔަކު ތިންޅަކުދިން ދޯނި ގެނެސް އަވަށަށްލައި
ރާވެރިޔަކު ފިންދަނޑިކޮޅު މައުގަނޑުކޮޅު ބަދީގެކޮޅު
އުނގުޅިގަތީ ކޮންނަޖިހެއްހޭ ފާނާދާ އޮރިމަހެއްތަ
ބޯދަށަށް ލިބުނު ފައްޗެއް ބުނެފައިދިޔަ ނަސޭހަތެއް
ޔަންބަނދެފޫ ދެރިޔަނުގާ ވިއްކަތޭ އުޔަށް ކަފަކުއްޔަށް
ދަރިނުހުރެ މަޔަށްބަފަޔަށް އޮތްއޮޅުއޮތް ނަގޫދަމައި
ނަގުލުންވޭ ބޯމަތުރައި ހޭނަކަތްވެރިން މެދުގައި
އެކަމެއްނޯ މިކަމެއްނޯ ބިބީ ގޮސްހުރެ ބަލާނދޭ
އޭނާ އެރުވި ތަނަށްމާ ރިޔަން ކަންދޭން އައިމާ

ފ- ދޫނިފުޅޭ ދޫނިފުޅޭ ދޫނިފުޅަގެ ތިންމައިންނޭ
ރޭގަނޑަށް ނައުދަށް ނިދައިކައި ދުވާލަށް ފަރުހިލައި ކައި
އިރަކު ހަނާޅި ގޮދަންކައި އަދި އޭތި މަދުކަމަށްލައި
ބޭރުން އުނކުޑި ހޮވައިކައި ވެލިކުލައިގެ ދައްކާން މާ
ދޫނިފުޅު ބާނި ނަށަމާ…

ދ- ދާންދާން ދާންވެގެން ހައްދުންމަތި ދާންވެގެން
ތިލަދުންމަތި ދާންވެގެން އުނގު ބަންނަންފިޔޮހިނެތޭ
އެފިޔޮހިގަނޑު ލާންގޮތަކު އައިއްޔާއި ނައިއްޔާއި
މަދޭނަމޭ އަހުގައްޔޭ ބަހުގައްޔޭ އެދުރު އީސަ ބަހުގައްޔޭ
ކައިފާނޭ ބޮތްފާނޭ ކޮންރަށަކަށް ދާން ބެންދި ނަވެއްތޯ
ކޮންއެއްޗެއް އަރުވަމުތޯ ހީމަބީމަ އަރުވައިގެން ހުރެދަނިކޮށް
ފާތުމާބި ނަގުލަންދަހަރި ތިރިވަޑިޔާ އޭދެނެގެން ބޭދެނެގެން
ދިޔާހަކުރު ބާގަދިނޯ ކަރުހަކުރު ދޮޅެއްސަދިނޯ
ވަޅޯމަހުން ގަނޑެއްދިނޯ ބަލައިލިތާ އިރެއްނެތޭ
އިރުހުއްޓޯ ބިރުހުއްޓޯ ދާދިކޮކާ އަވިކޮޅެކޯ
ފުޅައްމަތިން ތިއްކަރެކޯ ގަނޑުވަރުދޮރު ނޮއްޔަށް ދަމައިލީމައި
ދޭތިދެތާ ވަޅުލައިފައި ހިނެވިންފައި ބިނެވިންފައި
ދަށުންހިނގައި ބާސްކިރައި ބޮނޑިބަންދައި
އަވަދިވެގެން ބަވަދިބެގެން ދުރުނބާކޮޅު ހޭވަތުގައި
އަތްލާނޭ ވަތެއްނެތޭ ފައިލާނޭ ވަތެއްނެތޭ
ކުންޏަށްދިޔަ އަންހެނުންނޯ މުޅަކަށިކެއު ބިނދެބިނދެގެން
އަރާއިރަށް ދެތަށިއަރައި ދުނިޔެބަލައި ކާފަރުތަކުނޭ ރިޔައުކަފުނޭ
ކޮންމެ ފަތިހަކު ކޮންމެ ހެނދުނަކު
ބުޅިތުންބަގެ ގޯއްޗަށް ރަވަރަވަ ބާނަން ދާންޑައަޅޭ
އިރުވަރަކައި ބިރުވަރަކައި ހަންދަލަކުން ބޯނާ ޑޯޑު
ޑުންގެ މަގުން އޮށި ބިނދެގެން ކޮށާރުތެރެ ވަދެމޮތްތީ
ކާކުހޭ؟ އޯ ބަފާމަޔޭ އާއި…އޫން…

މިތެރެއިން ބޯބޯބޮއްތަލާ ބަނދި އާދާގައި ކިޔަނީ ދަރިފުޅު އުނގުގައި ބަހައްޓައިގެން އަމޯގެ ދެއަތްތިލައިން ދަރީގެ ހަންގިލި (ކިހިލިފަތް) ދަށުން ލައިގެން ގޮސް އަމޯގެ ދެއަތުން ދަރީގެ ބޮލުގައި ހިފަހައްޓައިގެން ބޯހަލަހަލައިފައެވެ. މިހެން ހަލަން ފަށައި ބަނދިކީމައި ކުޑަދަރިން ނިދައިފަތެވެ.
މިފަދަ ރިވެތި ބަނދިތައް ކިޔައި ދަރިން ނިންދަވާ އަޑެއް މިހާރަކު ހާދަހައިވެސް ނީވެއެވެ. ބަނދިތައް އުވިގެން ދިޔަކަނުދީ ދެމިލެހެއްޓުމަށް ގިނަގުނަ ހަރުދަނާ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިކަހަލަ ރީތި ބަނދިތައް ދަސްކޮށް އޭގެ މާނަ އެއްޗެތި ވިޔަކުރުމުން އަހަރުމެންނަށް އެޒަމާނުގެ ކިތަންމެހައި ތާރީކީ ގޮތުން ހުރި ކަންތަކައިމެދު ވިޔަކުރަންވެސް ތަންވަޅުލިބޭނެއެވެ.

No comments:

Post a Comment