Showing posts with label folklore. Show all posts
Showing posts with label folklore. Show all posts

Sunday, 26 January 2014

The jinn girls appeared in various forms

އެ ކުއްޖާ އެކި ސިފައިގައި

އާދަމް ޒާހިރު (ކުރޮޅި)
އަޅުގަނޑުގެ ޅަޢުމުރުގައި ގޭތެރެއިން ފެނުނު ޖިންނި ކަމަށް ބުނެވޭ ކުއްޖެއްގެ ހިލަން އެކި ފަހަރުމަތިން ފެންނަނީ އެކި ސިފައިގައެވެ. ނަމަވެސް ބައްޕަގެ ނަސޭޙަތް ޤަބޫލުކޮށް، ގއ. ވިލިނގިލީ ޝުހައިލުބޭ ކިޔައިދީފައިވާ ގޮތަށް ކަންތައްތައްކުރެވޭތީ އެއްގޮތަކަށްވެސް ބިރެއް ނުގަނެއެވެ. ޚާއްސަކޮށް އަޅުގަނޑުގެ ބައްޕައެއް ފަދަ މާހޮއްކޮ ދޮހޮއްކޮބޭ ބުނުއްވައިފައިވާ ނަސޭޙަތުގެ ބަސްތައް ހަނދާންވާތީ އެކަމާ ބިރެއް ނުގަނެއެވެ. “އާދަމް އަކީ ޤުރުއާން ހިތުދަސްކުރާ ކުއްޖެއްނު. އަދި ތިޔައީ ޤުރުއާން ކިޔަވަން ދަންނަ ކުއްޖެއް. ގިނައިން ޤުރުއާން ކިޔަވާތި. އޭރުން ތިޔައިގެ އެއްވެސް ކަމެއްގައި ބިރެއް ނެތް. އަބަދުވެސް ﷲ އަށް ދަންނަވާ. ދުޢާކުރޭ. އިރާދަކުރެއްވިއްޔާ ޤުރުއާންކިޔަވައި ދުޢާކުރާހާ ހިނދަކު، ނުބައި ޖިންނިއަކަށް އާދަމްއާ ގާތެއް ނުވެވޭނެ” މާހޮއްކޮ ދޮހޮއްކޮބޭ ބުނުއްވި މި ބަހަކީ ތެދެކެވެ.
އަޅުގަނޑާއި ބޭބެ އަޙްމަދު ޒާހިރާއި ކޮއްކޮ އިބްރާހީމް ޒާހިރު ނިދަނީ ގޭގެ މެދުގޭގައެވެ. ބައެއްފަހަރު ގެއަށް ޒިޔާރަތްކުރާ ބީރައްޓެހިން އެ ތަނުގައި ނިދައެވެ. ބައްޕައާއި ދޮންމަންމަ ނިދިކުރައްވަނީ އެތެރެގޭގައެވެ. އެހެންކަމުން ގޭގެ މެދުގޭތެރެ ގިނަފަހަރު އޮންނަނީ އަޅުގަނޑުމެނަށް ހުސްވެފައެވެ. އެ ތަނުގައި ޤުރުއާން ކިޔެވުމާއި ދީނީ ފޮތް ކިޔުމާއި ލިޔުން އަޅުގަނޑުމެނަށް އޮވެއެވެ. ޚާއްސަކޮށް ދެނަމާދު ދޭތެރޭ ޤުރުއަން ކިޔެވުން އޮވެއެވެ. ކޮއްކޮ ކުޑަވީމާ ކޮންމެ ރެއަކު ކިޔެވުން އޮންނަނީ ބޭބެއާއެކުގައެވެ. އޭގެތެރޭން އެއް ރެއަކު ޙައިރާންކުރުވި ކަމެއް ދިމާވިއެވެ.
އިސްވެ ދަންނަވައިލެވުނު ރޭގައި ޤުރުއާންކިޔަވަން ތިބީ ބޭބެއާއި އަޅުގަނޑާއެވެ. މޭޒުދޮށުގައި ތިބެފައި ބޭބެ ކިޔަވާގޮތް ކަމު ނުދާތީ އަޅުގަނޑާއި ބޭބެއާ ދެކުދިންގެ މެދުގައި ނުރުހުމެއްހިނގިއެވެ. އޭރު ދޮންމަންމަ އިންނެވީ ފެންޑާގައި ދުފުމުގައެވެ. ދުފާފޮށި އުނގައްލައްވައިގެން ފައި ވިއްދަމުން ކޮށި ކުރާ ފައިގެ ހޫރުމާއެކު ހުއްޓުމެއް ނެތި ހެއްލަމުންދިޔަ އުނދޯލިގެ ދަބަރު ޖެހި ދަގަނޑުން ގޮވާ އަޑުން “ސުވިންޒޫސް” ގޮވަމުންދެއެވެ. އުނދޯލީގެ އަނގުނުގައި ހުރި ބުޅިގަނޑުގެ ގޭނިފައިވާ ދިމާއިން އުފައްދާ މިއަޑާ އެއްވަރަށް ވަހުގައި ހުރި ހެލުމުން ގާ ގުޑާ އަޑު އިތުރަށް ބިރުވެރި “މިޔުޒިކް” އުފައްދައެވެ.
އަޅުގަނޑު އިނީ އިރުމަތީ ބިތަށް ކުރިމަތިލައިގެންނެވެ. އެއީ ގޭގެ މަގާ ވީފަރާތެވެ. މޭޒުމަތީގައި ހުރި ކާފަދިން ފޮތް ގޮނޑީގައި ބާ ޚަތިމު ހުޅުވައިފައި ވެއެވެ. ބޭބެގެ ނުރުހުމާއެކު ކިޔެވުން ހުއްޓައިލައިގެން އަޅުގަނޑު އިނީ އިރުމަތީ ބިތުގައި ހުރި ތޭރިލީ ނީލަމު ދޮރަށް ބަލާށެވެ. ކުއްލިއަކަށް އެ ދޮރުގެ ބޭރުންހީނލި މޫނެއް ފެނުމުން ސިހުނެވެ. ދެވަނަ ފަރަހަށް ހަމަ އެމޫނު ފެނުނެވެ. އެއީ ޅަ އަންހެން ކުއްޖެއްގެ މޫނެކެވެ. ބިރު ނުގަތަސް ބޭއިޚުތިޔާރުގައި، އުނދޯލިގައި އިން ދޮންމަންމައަށް ދައްތާއޭ ކިޔައި ގޮވައިލެވުނެވެ. އެ އަޑަށް ދައްތަ އައިސް ވީގޮތް އެއްސެވެ. ނަމަވެސް ކިޔައި ނުދެމެވެ. ދައްތަ ޤަބޫލުނުކުރާނެތީއެވެ. “ކަމެއް ނުވޭ. ހަމަ ގޮވައިލެވުނީ” ބުނެލީމެވެލަސް ނުކޮށް އަޅުގަނޑު ޤުރުއާން ކިޔަވަން ފެށީމެވެ. އަޑުގެ ކޮޅަށް ބާރަށް ޔާސީން، ތަބާރަކަ، ވާޤިއަތު ކިޔައި ނިންމީމެވެ. ބޭބެވެސް އަޅުގަނޑާއެކު ދެ ސޫރަތެއް ކިޔެވިއެވެ. އެއަށްފަހު ހިނގައްޖެއެވެ. ފެނުނު ކަންތައް ހިތަށް އަރައި ފައި އެތައް ސުވާލު ކުރަމުން ކިޔަވައި ނިންމައިލިއިރު އިޝާނަމާދުގެ ވަގުތު ޖެހިއްޖެއެވެ.
"އެ ދޮރުން މީހަކަށް މޫނެއް ނުދެއްކޭނެ. އެ ދޮރު ހުރިފާރާއި މަގުގެ ފާރާ ދެމެދު ފޫޓެއްގެ ދުރުމިން ނުހުންނާނެ. ބާ ދަގަނޑާއި ފިލައާއި ފާޑު ފާޑުގެ ބާތަކެތި އެ ގޯޅިގަނޑުގައި ހުންނާނެ. އެހެންވީމާ މީހަކަށް ނުވަދެވޭނެ، އެތާކަށް. އެހެންވިއްޔާ އެއީ ކާކުބާ؟ މާފުށީގޭ ފުރާޅުގައި އިންދައި ފެނުނު ކުއްޖާކަމަށްވާނީ" މިކަހަލަ އެތައް ފިކުރެއްގައި ހުރެ ނަމާދުކޮށް ދުޢާކޮށް ނިންމީމެވެ. އަދި ކުޑަދޮރަށް އެތައްފަހަރަކު ބެލީމެވެ. ނަމަވެސް އެ ކުއްޖަކު ދެން ނުފެނުނެވެ.
އޭގެފަހުން، ލަފާކުރެވޭ ގޮތުގައި އަހަރެއްހައި ދުވަސްވަހުން އަނެއްކާވެސް “އެކުވެރި” ޖިންނި ކުއްޖާގެ ކުޅި މަޖާ ފެނުނެވެ. މި ފަހަރު ވެސް ގޭތެރެއަކުން ނޫނެވެ. ނަމަވެސް މި ފަހަރުގެ ފެނުމަކީ މި ކަމަށް ބައްޕަ ވަރަށް ސަމާލުވެލެއްވި ފަހަރެކެވެ. ތިޔަ ބޭފުޅުން ޤަބޫލުކުރައްވާށެވެ. މިއީ ކަން ހިނގައިފައިވާ ގޮތެވެ. ޙަޤީޤަތެކެވެ. ޚުދު މި ލޮލާއި މި އަތާއި މި ފައި ހެކިވާނެއެވެ.
ކާ މޭޒު ދޮށުގައި އަޅުގަނޑު އެކަނި އިން ރެއެކެވެ. ގޭގެ ދެކުނަށް ހުންނަ ވަލުގެ (ފެންގަސްގެ) އާ އިންވެފައި ހުރި ބިތް ނިވައިކޮށްފައި ހުންނަނީ ރަބަރުންނެވެ. ހަކުރު ބަސްތާގެ އެތެރޭގައި ހުންނަ ރަބަރު ބޭނުންކޮށްގެންނެވެ. މި ދަންނަވައިލި ރަބަރުގަނޑުގެ ބިއްދަށުން ބަޔަކު ބަލާހެން ހީވެގެން އަޅުގަނޑު ވިސްނައިލީމެވެ. އަދި ލޯ ޖަހައި ވަލުގޭތެރެ ބަލަން ފެށީމެވެ. އޭރު އެގޭތެރޭގައި ހަތަރުފަސްކުއްޖަކު އުޅޭތީ ފެނުނެވެ. މުޅީންވެސް ކުޑަކުދީންނެވެ. އަންހެން ކުދީންނެވެ. އެއިންކުއްޖަކު ވާހަކައެއް ނުދައްކައެވެ. ހަނދުވަރުގެ އަލި ކުޑަކޮށް ހުރިނަމަވެސް ނުސާފުކަމުން އެންމެ ރަނގަޅަށް އެކުދިންކުރާކަމެއް ނޭނގެއެވެ. އެ ކުދިން ހިނގައި ބިގައިވެއެވެ. މިތަން ފެނިފައި ޙައިރާން ވިއެވެ.
މިދެންނެވި ވަލުގެއަކީ ފަޅު ގެއެކެވެ. ކެއުފީނި ގިނަ އަދި ގަސް ބޯ ގެއެކެވެ. އެހެންކަމުން އެގޭތެރެއިން މިދެންނެވި ކަންކަން ފެނުމުން ހައިރާންކަން އިތުރުވީއެވެ. އިތުރަށް، އެވާގޮތެއް ބަލާހިތުން ރަބަރުގަނޑުން ތަންކޮޅެއް ނައްޓައިގެން ހުޅުވަން އުޅެނިކޮށް ފަހަތުން މީހެއްގެ ހިލަމެއްވެގެން ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ދޮންމަންމަ ހިތްހަމަ ނުޖެހިފައި ހުންނެވިއެވެ. “ކީއް ތިޔަކުރަނީ” މި ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ. ނަމަވެސް ދައްތަ އިތުރު ސުވާލެއް ނުކުރަނީސް ބައްޕަ ދުރުވެއްޖެއެވެ.
އަޅުގަނޑާ ދިމާއަށް ބައްޕަ ދުރުވުމުން ދައްތަ (ދޮންމަންމަ އާމިނައިދީ، މިހާރު ނިޔާވެއްޖެ، މިއަހަރު، މިއީ ކޮނޑޭ އާމިނަތު އިބްރާހީމް ދީދީ) ބަދިގެއަށް ވަންނަވައިފިއެވެ.
ވީގޮތް ބައްޕައަށް ކިޔައިދިނުމުން ވަރަށް ބާރަށް ދުރުވެ ބޭރަށް ނުކުންނަވައިފިއެވެ. އަދި ބައިގަނޑިއެއްހައިއިރުފަހުން ދުރުވެއްޖެއެވެ. އަޅުގަނޑު ދުރަށް ގެންދަވައިފައި އެ ވާހަކަތައް ނުދެއްކުމަށް އެދިލެއްވިއެވެ. އަދި މާދަމާ ޢަބްދުއްސައްތާރު ސީދީ ދުރުވާނޭކަމަށް ބުނުއްވިއެވެ.
ކޮންމެއަކަސް ޖެހިގެން އައި ދުވަހު ސީދިބޭ ދުރުވިއެވެ. އަދި ބައްޕަ ގާތު އެތައްވާހަކައެއް ދެއްކެވިއެވެ. އަދި ގޭގައި ހުންނަ ފެންދޭ އެތިގަނޑު ނަންގަވައި އެއަށް ފުރައި ފެން އެޅުއްވިއެވެ. އަދި އަޅުގަނޑު ގާތު ތުންޖީނާ ޞަލަވާތް ހިތުން އެނގޭހޭ އައްސަވައި އެ އެތިގަނޑުން ފެންއަޅަމުން ޞަލަވާތް ކިޔަވަން ބުނުއްވިއެވެ. އަދި މުޅި ގެއަށް ފެން އެޅުމަށް ބުނުއްވިއެވެ. އަޅުގަނޑު އެކަމެއް ކުރީމެވެ.
ބައްޕަ ބުނުއްވި ގޮތުގައި ވަލުގޭގައި އެ ކުދިން އުޅުނު ހިސާބު ކެއުފީނިގަނޑުގެ ތެރޭގައި ކަށް ބޯތަކެއް ހުންނާނެއެވެ. އެއީ މި ގޯތިން ނަގައި އަޅައިފައި ހުރި ބޮލެވެ. ސީދީ ބުނުއްވާ ގޮތުގައި މި ގޭގޯތީގައި ބައިވަރު މިނިކަށި ހުންނާނެއެވެ. އެކަން އެނގިލެއްވީ މުޅި ގޯތީގައި ހިނ ހޮރު ގިނަވީމާކަމުގައި ސީދީ ބުނުއްވިއެވެ. އަދި ހިސާބަކަށް ބޮޑެތި ބަރަވަލި ހޮރުވެސް ހުންނާތީ އެއީ އޭގެ ޢަލާމާތްކަމަށް ބުނުއްވިއެވެ. އެހެންކަމުން އެ ކަށިތައް ނެގުމުގެ މަސައްކަތް ބައްޕަ ކުރައްވަން ފެއްޓެވިއެވެ. ނަމަވެސް އެއީ އޭގެ ދެތިން ދުވަސް ފަހުންނެވެ.
މުޅި ގޯތި ކޮނެ ކަށިތައް ނަގައި ސާފުކުރިއެވެ. ތެދެކެވެ. މުޅި ގެއިން ދެތިން ބޮލާއި ގިނަ މިނިކަށި ނެގިއެވެ. އަދި ކުދިކުދި ކަށިކޮޅު ބައިވަރު ނެގުނެވެ. ގިނަ ޢަދަދަކަށް މުށިކޮޅާއި ލޯކޮޅު ކޮޅާއި އެފަދަ އެތައް އެއްޗެއް ނެގުނެވެ. މި ހުރިހާ އެއްޗެއް ނަންގަވައި ސާފުކޮށް ކަށިތައް ގޯނި ގޯންޏަށް އަޅުއްވައި އޭރުގެ ކަމާބެހޭ ފަރާތައް ޙަވާލުކުރެއްވީ ޚުދު ބައްޕައެވެ. ގެއިން ނެގި މިނިކަށި ގިނަކަމުންނާއި ފެނުނު ގޮތުން އެއީ ކޮންމެވެސް އިރެއްގައި މީހުން ވަޅުލި ތަނެއްކަމުގައި ވިސްނުނެވެ. މީސް މީހުންގާތު އައްސަވައިފައި ބައްޕަ ބުނުއްވީ މި ހިސާބަކީ ހަނގުރާމަތަކުގައި މަރުވި މީހުން ވަޅުލައިފައިވާ ތަނެއްކަމުގައެވެ. ކޮންމެއަކަސް ކަށިތައް ނަގައި ތަން ސާފުކޮށްފިއެވެ.
އަޅުގަނޑުގެ ގެ ހުންނަ ކޮއްޓަށް ކިޔަނީ “ކުރޮޅިކޮށި” އެވެ. ބުނެވޭގޮތުގައި މީހުން ދިރިއުޅެން، މި ކޮށީގައި އެޅި ފުރަތަމަ ގެއަކީ މިއީއެވެ. ބައްޕަ ބުނުއްވި ގޮތުގައި މި ގެއަކީ މަންމަ (ހޭނަ ކުޑަކަނބުލޮ، މއ.އަތިރިމަތީގެ) ކުއްޔަށް ހިއްޕެވި ގެއެކެވެ. މަހަކު 15 ރުފިޔާއަށް މިގޯތި ކުއްޔަށް ނަންގަވައި ދަނޑުވެރިކަމުގެ ބާވަތްތައް މުޑުވައްކޮށް ހެއްދެވީ ބައްޕައާއި މަންމަގެ ދިރިއުޅުއްވުމަށެވެ. މި ގޯތި ބައްޕަމެނަށް ލިބުނުއިރުވެސް މިއީ ބޮޑު ވަލެކެވެ. މިނިކައްޓާއި އެނޫންވެސް ބާވަތްތަކުގެ ކަޑި ވަލުގައި ގިނައިން ހުއްޓެވެ. ކޮންމެއަކަސް ގޯތި ބަންޑާރަވެ ގޯތި ލިބުނުއިރު މަންމަ ދުނިޔޭގައި ނެތެވެ. އެހެންވެ ގޯތި ރެޖިސްޓްރީކުރެވުނީ ބައްޕަގެ ނަންފުޅުގައެވެ.
އަޅުގަނޑަށް ފެންނަ ޖިންނި ކުއްޖާ މާފަހުންފެނުނެވެ. މިފަހަރު ފެނުނީ ގޭ ތެރެއިންނެވެ. މި ދަންނަވައިލި ދުވަސްވަރު އަޅުގަނޑު ނިދަނީ ކުޑަކޮޓަރިއެއްގައެވެ. ބައްޕަ ނިދިކުރައްވަނީ އަލަށް ގޭގެ އުތުރު ބިތުގައި، މާފުށީގެއާ އިންވެގެން އަޅައިފައި ހުރި ކޮޓަރިއެއްގައެވެ. އަޅުގަނޑުގެ ކޮޓަރީގެ ކުޑަދޮރަކާއި ބައްޕަ ކޮޓަރީގެ ދޮރާ ދިމާވެއެވެ. މިގޮތަށް ކޮޓަރިތައް ވަކިވެ ނިދަމުން ދިޔަ ދުވަސްތަކުން އެއް ރެއެއްގެ ދަންވަރު އަޅުގަނޑަށް ހޭލެވުނީ ކުކުޅު ކުކުކުކު ލައްވާ އަޑަށެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ހިތްހަމަ ނުޖެހޭތީ ކުޑަދޮރުން ބޭރު ބަލައިލީމެވެ. އޭރު ބައްޕަގެ ކޮޓަރީ ދޮރު ކައިރިން ކުކުޅެއް ހުރެ ދެއެވެ. ފަހަތުން ވިއްސަކަށް ފިޔޮއް ދެއެވެ. ހައިރާންވީ އެ ތަން ބަލަން ކުކުޅުގެ ކުރީގައި ކުޑަ އަންހެން ކުއްޖަކު ހުރީމައެވެ. އަސްތާއެވެ. އެއްކަލަ ކުއްޖާއެވެ.
އަޅުގަނޑު ކުޑަދޮރުގެ ފޮތިގަނޑު ދަމައިލުމަށްފަހު ބައްޕައަށް ގޮވީމެވެ. މާގިނައިރެއް ނުވެ ބައްޕަ ތެދުވަންނަވައިފިއެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވައިލެއްވިއެވެ. އެ ވަގުތު އަޅުގަނޑުވެސް ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ނުކުތީމެވެ. ބައްޕަގާތު ވީގޮތް ކިޔައިދީފީމެވެ. ގޯޅި ތެރޭ ވެލިގަނޑު ބެލި އިރު ކުކުޅު ހިނގައިފައި ދިޔަ ފިޔަވަޅު އޭރުވެސް ފާހަގަވާން ހުއްޓެވެ. އެހެންވެ ޓޯޗު ހިފައިގެން ގޯތި ތެރެ ބަލަން ބައްޕަ ނުކުންނެވިއެވެ. އަޅުގަނޑުވެސް ގޯތިތެރޭގައި ހުރި ބޮކިތައް ދިއްލައިލީމެވެ. ނަމަވެސް ނަކާމިޔާބެވެ. ކުކުޅެއް ފިޔޮކެއް އަދި ކުއްޖެއްވެސް ނުފެނުނެވެ. މި ރެއަކީ ބައްޕަ ކަންބޮޑުވި ރެއެކެވެ. ނަމަވެސް އަނެއްކާވެސް އެވާހަކަ ނުދެއްކުމަށް ބައްޕަ އެދިލެއްވިއެވެ.
ކޮންމެއަކަސް މި ކުއްޖަކު ދޭތެރެ ދޭތެރެއިން ފެނެއެވެ. ދިމާވެއެވެ. ނަމަވެސް އެއްވެސް އުނދަގުލެއް ދިމާނުވެއެވެ. އަދި ގެއްލުމެއްވެސް އޭގެ ފަރާތުން ނުފެނެއެވެ. އިރާދަކުރެއްވީތީ ގޭގެ އެއްވެސް މީހަކަށް މީގެ އުނދަގުލެއް ލިބުނު ކަމެއް ނޭނގެއެވެ. އެއީ ވަރަށް އުފާވި ކަމެކެވެ. މި ކުއްޖަކު ގިނައިން ފެންނަނީ ރީތި އަންހެން ކުއްޖެއްގެ ގޮތުގައެވެ. ސީދާ މޫނަށް ބަލަން ހުއްޓައެވެ. ނޫނީ ބަލައިގެން ހެވިފައި އިންދައެވެ. ނަމަވެސް ދެތިންފަހަރަކު އެހެން ސިފަ ސިފައިގައި ފެނިފައިވެއެވެ.
މި ކުއްޖަކު މި ގޮތްގޮތަށް ފެންނަކަން ގޭ އަންހެން ވެރިންނަށް ފަޅާއެރީ ގޭގައި އުޅުނު ރަޙުމަތްތެރި އަޙްމަދު މަޢުރޫފަށް އެ ކުއްޖަކު ފެނިގެން ގޭ އަންހެންވެރިންގެ ގާތު ބުނުމުންނެވެ. އޭގެ ކުރިން އެކަކަށްވެސް، ބައްޕައާއި އަޅުގަނޑު ފިޔަވައި ނޭނގޭނެއެވެކޮންމެއަކަސް މިކުއްޖަކު އަޅުގަނޑަށް މިހާތަނަށް (ޖުލައި 2012) އެންމެފަހުން ފެނުނީ 2004 ވަނަ އަހަރުއެވެ. އެއީ ރޭގަނޑު ގޭތެރެ ރަމަތަކޮށް އެއްޗެހި ގެއަށް ވެއްދުމުގެ މަސައްކަތެއް ކުރި ރެއަކުއެވެ.
އިރާދަކުރެއްވިއްޔާ މި ވާހަކަތައް އަދި ކިޔައިދޭނަމެވެ.
ހޯމަ ،6 އޯގަސްޓް 2012 
(Source: manadhoolive.com.mv)


The little Jinn girl I met.

އަޅުގަނޑާ ބައްދަލުވި ޖިންނި ކުއްޖާ

އަޅުގަނޑުގެ ވަރަށް ކުޑައިރުގެ ހަނދާނެކެވެ. މި ކަމެއް ހިނގިއިރު ގޯތި ވަރަށް ބޮޑެވެ. ގޭގައި ދިރިއުޅެނި ބައްޕައާއި އަޅުގަނޑާ އެއްބަނޑު އެއްބަފާ ބޭބެއާއި ކޮއްކޮއާއި ދޮންމަންމައެވެ. ގެ އަޅައިފައި ހުންނަނީ ފަނުންނާއި ދަނޑިންނެވެ. މުޅި ގެ ފަރުމާކޮށްފައިވަނީ ފެންޑާއަކާއި މެދު ގެއަކާއި އެތެރެގެއަކާއި ކުޑަކޮޓަރިއެކެވެ. ދެން ކާގެއެވެ. ގޯތިގެ މެދުގައި ބިނާކޮށްފައި ހުންނަ މިގެ ހުންނަނީ ދެފުރާޅަށް ހިޔާކޮށްފައިވާ ހިޔަލުގައެވެ. ބަދިގެ ހުންނަނީ ގޯތީގެ ދެކުނު އިރު ކަނުގައެވެ. މީގެ އިތުރަށް ގޯތިގެ އުތުރު އިރު ކަނުގައި މަގަށް ދޮރުވާގޮތަށް ދުއްކާނެއް ހުރެއެވެ. އެތަނުގައި ހުންނަނީ ބައްޕަ ވިއްކަން ގެންގުޅޭ ދަރާއި ކާއްޓާއި ވަޅޯމަހާއި ރިހާކުރާއި ދިޔާހަކުރުފަދަ އެއްޗެއްސެވެ.
ކިތަންމެ އިހަސް ޙާޖަތްކުރަން އޭރަށް ރަނގަޅު ނިޒާމެއް ގޭގައި ވެއެވެ. ހުންނަނީ ގިފިއްޔެވެ. ވަރަށް ބޮޑު ގިފިއްޔެކެވެ. އަންދާޒާކުރެވޭ ގޮތުގައި ގޯތީގެ ހަތަރުބައިކުޅަ އެއްބައިވަރުވާނެއެވެ. އެ ގިފިލިގައި ބަނބުކެޔޮ ގަހަކާއި ކެއު ފީންޏަކާއި އަލަ ހައްދައިފައި ވެއެވެ. އަދި ހީނާފަތާއި ބޭސް ފަތް ހިނކަނދި ގަހަކާ ހުރެއެވެ. މި ގަސްތައް ހުންނަނީ ގިފިލީގެ ހުޅަނގު އުތުރު ކަނުގައެވެ. ގިފިލި ހުންނަނީވެސް ހުޅަނގު ދެކުނު ކަނަށް ވާގޮތަށެވެ.
ގިފިލީ ވަޅަކީ ވެސް ވަރަށް ޚާއްސަ ހަނދާނެކެވެ. އެ ވަޅު ރޭނީ ބައްޕަ ދޮންތުއްތުއެވެ. އުވަ ޖެހީ ބައްޕައެވެ. ކުދި ބޮޑު އަކިރިން ރާނައި ފަރުމާކުރި އެވަޅާ ވިދިގެން ބިލިގާއެއް ހުރެއެވެ. އެއީވެސް ބައްޕަ ގެ މަސައްކަތެކެވެ. ބިލިގާއަކީ އެއްޗެހި ދޮންނަން ފެނުއަޅައި ފެންލައި ހެދުމަށް ބޭނުންކުރި ތަނެކެވެ. ވަޅުގެ އުތުރުން ބިލިގާވެސް އިންވާގޮތަށް ތަޅުން ހަދައި ކުރިއަށް ތޫރިލައިފައި ހުންނަ ތަޅުމެއް އޮވެއެވެ. އެއި ވެސް ބައްޕަގެ އަތުންކުރި މަސައްކަތެކެވެ. މިތަޅުމުގައި ސިމެންތި އޮލަ ލައިފައި ހުރެއެވެ. ވަރަށް ސާފުކޮށް މި ތަންތަން ބައްޕަ ބަލަހައްޓަވައެވެ.
ހަނޑަސްބުރިއަކީ ގިފިލީގައި ހާޖަތްކުރުމަށް ކަނޑައަޅައިފައި އޮންނަ ސަރަހައްދެވެ. އެއީ ތާހިރުކަމުގެ ގޮތުން މާ ސައްޙަ ހިސާބެއް ނޫނެވެ. ނަމަވެސް ބައްޕަގެ ބެއްލެވުމުގެ ދަށުން ވަރަށް ސާފުކޮށް އެ ސަރަހައްދު އޮވެއެވެ. އެހެންކަމުން ތަން ބޭނުންކުރުމުގައި ކަންބޮޑުވުމެއް ނޯވެއެވެ. ހިތާމައަކީ މި ޒަމާނަށް ބަލާއިރު އޭރުގެ އެ ވޭންހުރި ނޫނީ ވޭން އުފުލި ޙަޔާތް ނުވިސްނޭ މީހުންނާއި ޒުވާނުން އުޅޭކަމެވެ.
ހާޖަތްކުރަންވީމަ އަޅުގަނޑުމެން ވަޅެއް ޖަހަން ޖެހެއެވެ. އެއީ ބޮޑުކަމުގެ ހާޖަތަށެވެ. މިކަމަށް ކުރެދި ގަނޑެއް އެހެފައި ހުންނާނެއެވެ. އެ ކުރެދިން ވަޅު ޖެހުމަށްފަހު ދެން ވަޅުމަތީ އިށީނދެފައި ހާޖަތްކުރަނީއެވެ. ތާހިރުވަނީ އެކަން ނިމި ވަޅު ދޮށަށްގޮހެވެ. މީގެކުރިން ހާޖަތްކުރި ވަޅަށް ފަސްލާންޖެހެއެވެ. މިކަންކުރަނީ ފައިންނެވެ. މިހާރުވެސް ބުޅާ އެކަންކުރާ އުސޫލުންނޭ ދަންނަވައިލުމަކީ ގޯހެއް ނޫނެވެ.
ކޮންމެއަކަސް އެ ދުވަސްވަރު ގޯތީގައި ގަސް ގިނައެވެ. ހަނދާން ވާގޮތުން 6 ރުކާއި 4 ދިއްގާގަހާއި ބިޔަ ބަނބުކެއު ގަހަކާއި ދަނޑިއަލުއްވާއި ތޮރައާއި ރަނބާފަތާއި ހިނކަނދިފަތާއި މާބުޅާ، ކުދިމަގޫ އަދި ދިގުތިޔަރަ ވަރަށް ގިނައިން ހުރެއެވެ. ޖޭމާއި ފޭރާއި މުރަނގަވެސް ހުރެއެވެ. ތޮރާ އެއީ ބައްޕަ ވިޔަފާރިއަށް ހައްދާ އެއްޗެކެވެ. މީގެތެރޭގައި ހިމެނުނު ކެއު ފީނި އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ފީންޏެކެވެ.
އެއީ ކަރަންޓު އާންމު ޒަމާނެއް ނޫނެވެ. ކިރިޔާވެސް ހޮޅިބުރިއެއް ހުންނަނީ މިސްކިތާހަމައިގައެވެ. ގޭގެއަށް ކަރަންޓު ލައި ނޫޅެއެވެ. އެހެންކަމުން ހަނދުވަރުނޫން މޫސުމެއްގައި ރޭވެއްޖެ ނަމަ ގޯތި އޮންނަނީ ވަރަށް އަނދިރިކޮށެވެ. ނަމަވެސް އެއްވެސް ބިރެއް ނެތި ރޭނގަޑުވެސް ހާޖަތްކުރުމަށް އަޅުގަނޑާއި ބޭބެއާއި ކޮއްކޮ އަދި ބައްޕަމެންވެސް ދަނީ ގިފިއްޔަށެވެ. މި ދަންނަވައިލަނީ މީގެތެރެއިން އެއް ރެއެއްގައި ދިމާވި ބިރުވެރި ކަމެއްގެ ވާހަކައެކެވެ. ޙަޔާތުގައި އެންމެ ފުރަތަމަ ބިރުން ހަލާކުވި ރެއެއްގެ ވާހަކައެވެ.
ލަފާކުރެވޭގޮތުގައި މި ޙާދިސާ ހިނގިއިރު އަޅުގަނޑުގެ ޢުމުރުންވާނީ ދިހަވަރަކަށް އަހަރެވެ. ރޭގަނޑު އަޅުގަނޑުމެން ނިދަނީ ޢިޝާ ނަމާދުކޮށްގެން ކައިގެންނެވެ. އޭރު ލަފާކުރެވޭގޮތުގައި ރޭގަނޑު ނުވައެއް ނުޖަހާނެއެވެ. އެއް ރެއެއްގެ ދަންވަރުކަމަށް ޤަބޫލުކުރެވޭވަގުތެއްގައި ކުޑަކަމުދާން ބޭނުންވުމުން ނުކުމެއްޖައީމެވެ. ގިފިއްޔަށް ވަނީ ބައްޕަގެ ކުޅަދާނަކަމުން ދަސްކޮށްދީފައިވާ އެންމެހާ ކިޔުމެއްކިޔައިފައެވެ. ކުޑަކޮށް ހަނދުވަރުދޭ ރެއެއްވީމާ ފުޅި ބައްތި ނުލައެވެ.
ތަޅުމުގައި އިނދެ އާންމުކޮށް ބަލާ އުސޫލުން އެކި ދިމާ ބަލަން ފެށީމެވެ. މިގޮތުން ގިފިލިގެ ހުޅަނގަށް ހުންނަ މާފުށީގޭގެ ފުރާޅަށް ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. އެ ފުރާޅުގެ ތިނބި މަތީގައި ގިފިއްޔާ ދިމާއަށް ދެ ފައި ތިރިކޮށްލައިގެން އިން ކުޑަ އަންހެންކުއްޖަކު އެބަ އިނެވެ. ދެވަނަ ފަހަރަށް ބަލައިލި އިރުވެސް އެ ކުއްޖަކު އެބައިނެވެ. ހަނދުވަރުގެ އަލީގައި އެންމެ ސާފުކޮށް ނުފެނުނަސް އެއީ ގާތްގަނޑަކަށް ހަތްއަހަރަށް ދާކުއްޖެއްކަން ވިސްނުނެވެ. ގަންނާކުރެއްވި ބިރުން އެކަން ނުދައްކާންވެގެން އަޢޫޛު ކިޔައިފައި ހީސް ދޮންނަން ފެށީމެވެ. އަވަހަށް ދާނި ވަޅުމަތީގައި ބާއްވައިފައި ބާރު ހިނގުމެއްގައި ގިފިލިނ ނުކުތުމަށް އަވަސްވެގަތީމެވެ.
ފުޅަލިގައި ހިފައި ތަންޑު ނައްޓަން އުޅެ އުޅެ ނުނެއްޓުނެވެ. ތަންޑަކީ އެސްއަކުރެއްހެން ހަދައިފައިވާ ދަގަނޑު ކޮޅެއް އެއްކޮޅު ބައްދައި ވަލެއްގައި ލައިފައި އޮންނަ ހިފުމެކެވެ. ބިތުގައި ހަރުކޮށްފައި ހުންނަ މި ބުޅިގަނޑު ފުޅަލީގައި އަޅުވަނީއެވެ. ލައްޕައިލައިފައި އެޅުވި މި ތަންޑު ނުވަތަ ބުޅި ނުނެއްޓުމުން ބިރު އިތުރުވާން ފެށިއެވެ. އެ ކުއްޖަކު ހަދާގޮތެއްކަމަށް ހީކޮށެވެ. އެ ވަގުތު އަނެއްކާވެސް އެއްކަލަ ކުއްޖާއަށް ބަލައިލީމެވެ. އަދިވެސް ދެ ލޯ ފޮހެލައިފައި ބަލައިލި އިރުވެސް އޭނާ ދެފައި ހަލުވައިލަ ހަލުވައިލަ އިނެވެ. މި ފަހަރު ބަލައިލުމާއެކު އެ ކުއްޖަކު އިންތަނުން ތެދުވަން ފެށިއެވެ. ބަލާކަށް ނުހުރެ ފުޅަލި ދަމައިގަނެ ތަންޑު ކަނޑައިލައިފައި ގޭތެރެއަށް ދުއްވައިގަތީމެވެގެއަށް ވަންއިރު ގޭ އެންމެން ތިބީ ނިދައިފައެވެ. ގޭ ތަންޑު އަޅުވައިފައި ބައްޕައަށް ގޮވައިލުމުން ނުކުންނެވިއެވެ. އެވަގުތު އެތެރެގެއަށް ވަދެ ކަންތައް ވީގޮތް ބައްޕައަށް ކިޔައިދީފީމެވެ. ނަމަވެސް ބައްޕަ ބުނުއްވިހާވެސް އެއްޗަކީ “ފާޑުފާޑުގެ ވާހަކަ ނުދައްކައި ބިސްމި ކިޔައިގެން ނިދަންދޭ” އެވެ. ކުރާނެކަމެއް ނެތެވެ. އަޅުގަނޑު އެރޭ ވަރަށް ބޮޑަށް ބިރުގަތެވެ. ފަތިސްވީއިރުވެސް ނުނިދެއެވެ. ފަތިސްވުމާއެކު ދޮންމަންމަ ފަތިސްނަމާދަށް ތެދުވުމުން އަޅުގަނޑުވެސް ތެދުވެ ނަމާދުކުރީއެވެ. މިފަހަރު ވުޟޫކުރީ ދައްތައާއެކު ގިފިއްޔަށް ގޮހެވެ. ޖެހިގެން އައި ދުވަހު އެވާހަކަ އެކަކުގާތުވެސް ބުނާކަށް ނުކެރުނެވެ.
އިހު ބުނި ކަންތައް ހިނގިފަހުން އަޅުގަނޑު ރޭގަނޑު އެކަނި ގިފިއްޔަކަށް ނުދަމެވެ. ކިރިޔާ ދާންވިޔަސް ދަނީ ބައްޕައާއެކުގައެވެ. މިހެން ހިނގާތާ ދުވަސްކޮޅެއް ވީފަހުން އަނެއްކާވެއް އެއްކަލަ ކުއްޖާ ފެނިއްޖެއެވެ. މި ފަހަރު ފެނުނީ މިގެއާއި ވިދިގެން ދެކުނަށް އޮންނަ ނެއްލައިދޫގެއާއި މިގެއާ ގުޅުނު އިންފާރުން، އެ ގެއަށް ވަންނަން ހުންނަ ކެނޑުމުންނެވެ. ގޭގެ އެތެރެގެއިން ގޯތިތެރެއަށް ނުކުންނަށް ހުންނަ ދޮރުން ނުކުތް ރެއަކު މިތަނުން އެ ކުއްޖަކު ފެނުމުން އަވަހަށް ގެއަށް ވަދެ އިނީއެވެ. އެއީ ހަނދާންވާގޮތުން ދެނަމާދު ދޭތެރެއެވެ. މި ރޭ މިކަން ހިނގި އިރު ބައްޕަ ގެއަކު ނޫޅުއްވައެވެ. ދެން އުޅުއްވަނީ ދޮންމަންމައެވެ. ބޭބެމެންގާތު މި ކަހަލަ ވާހަކަ ދައްކާކަށް ހިތްހަމައެއް ނުޖެހެއެވެ. އެހެންވް ބައްޕަ ދުރުވަންދެން މަޑުކުރީއެވެ.
ބައްޕަ ގެއަށް ދުރުވުމުން މިވާހަކަ ކިޔައިދީފީމެވެ. އެހިނދު އަޅުގަނޑުގެ އަތުގައި ހިފައިގެން ފެންޑާ ގެ އުދޯއްޔަށް ނުކުންނަވައި އެ ކުއްޖަކު ފެނުނު ގޮތާއި ހުރި ގޮތެއް އެއްސެވިއެވެ. އަދި ބުނުއްވިއެވެ. “އެއީ މި ގޭގައި އުޅޭ އެއްޗެއް. އެ ފެނުނަސް ވާހަކަ ނުދައްކާތި. ބިރު ނުގަންނާތި. އަދި އެއްވެސް މީހަކު ގާތު އެވާހަކަ ނުދައްކާތި. އިރާދަކުރެއްވިއްޔާ އެ އެތި އަނިޔާއެއް ނުދޭނެ. އެއީ ބައްޕައަށްވެސް ފެންނަ އެއްޗެއް.” މިހެން ބުނުއްވައިފައި އަޅުގަނޑުގެ ކަންފަތުގައި ހިފައިފައި ތަކުރާރުކޮށް، އެވާހަކަ ނުދެއްކުމަށް އެދިލެއްވިއެވެ.މި ކުއްޖަކު ފެންނަކަން ގޭ އަންހެން މީހުނަށް ފަޅާއެރީ ގޭގައި އުޅުނު ރަޙުމަތްތެރި އަޙްމަދު މަޢުރޫފަށް އެ ކުއްޖަކު ފެނިގެން ގޭ އަންހެންވެރިންގެ ގާތު ބުނުމުންނެވެ. އޭގެ ކުރިން އެކަކަށްވެސް، ބައްޕައާއި އަޅުގަނޑު ފިޔަވައި ނޭނގޭނެއެވެ. ކޮންމެއަކަސް މިކުއްޖަކު އަޅުގަނޑަށް މިހާތަނަށް (ޖުލައި 2012) އެންމެފަހުން ފެނުނީ 2004 ވަނަ އަހަރުއެވެ. އެއީ ރޭގަނޑު ގޭތެރެ ރަމަތަކޮށް އެއްޗެހި ގެއަށް ވެއްދުމުގެ މަސައްކަތެއް ކުރި ރެއަކުއެވެ.
އިރާދަކުރެއްވިއްޔާ މި ވާހަކަތައް އަދި ކިޔައިދޭނަމެވެ.


Saturday, 25 January 2014

The Beauty of Hulhuvaaruloo Women

ހުޅުވާރުލުގެ ރީތި އަންހެނުން- ނ.ތ ޙަސަންދީދީ-

އިހުޒަމާނުގައި ހުވަދު އަތޮޅު ހުޅުވާރުލަކީ މީހުން އުޅުނު ރަށެކެވެ. ފަހުން އެރަށް ފަޅުވީއެވެ. އެޒަމާނުގައި އެރަށުގެ އެންމެ ޚާއްޞަ ކަމަކީ އެރަށުގެ އަންހެނުން ރީތިކަމެވެ. އޭރު އެރަށުގައި އުޅުނު އަންހެނުންނަކީ އާދަޔާއި ޚިލާފު ރީތި ބައެކެވެ. އަދި މިކަމުގެ ސަބަބުން އެރަށްވަނީ މުޅި އަތޮޅުގައި މަޝްހޫރުވެފައެވެ.
އެދުވަސްވަރު އެރަށުގެ ވެރިޔަކަށްހުރީ ހުޅުވާރުލުކަލޭފާނުކިޔާ މީހެކެވެ. އަދި މީނާގެ ވެރިކަމުގައި އެރަށުގައި ގުންބުޑިއާއޭ ކިޔުނު މީހަކުވެސް އުޅުނެވެ. މިއީ މާބޮޑު މުއްސައްޖެކެވެ. މިދެމީހުންވެސް އެރަށުގައި އުޅުމާއެކު އެރަށުގެ ރައްޔިތުން ވަރަށް ސުލުހަވެރިކަމާއެކު އެތައް ދުވަހެއްވަންދެން އެރަށުގައި ދިރިއުޅުމުން ދިޔައެވެ. ދެން ކުއްލިއަކަށް ފެނުނީ ހުޅުވާރުލުކަލޭފާނާއި ގުންބުޑިއާއާ ދެމީހުން ކޮންމެވެސް މައްސަލައެއްގައި ދެބަސްވީތަނެވެ. ހުޅުވާރުލުކަލޭފާނާއި ގުންބުޑިއާ ދެބަސްވުން މައްޗަށް ދަމުންގޮސް ރަށުގެ ރައްޔިތުންނަށްވެސް އެކަމުގެ އުނދަގޫ ފޯރާހިސާބަށް ހިގައްޖެއެވެ. އެހެނީ އެކަކީ އެރަށުގެ ވެރިމީހާއަށްވެފައި އަނެކަކީ ރަށުގެ އެންމެ މުއްސަދި މީހާއަށްވީމާ އެދެމީހުން ކުރާކަންތައް އެންމެހާ ރައްޔިތުންނާ ހަމައަށް އަސަރު ފޯރަނީއެވެ.
މިދެމީހުންގެ ދެބަސްވުން ވަރަށް މައްޗަށް ގޮސްފައިވާވަނިކޮށް އެރަށުގެ މީހުންނަށް އިތުރު ކަމެއް ޖެހިއްޖެއެވެ. އެއީ އެރަށަށް ފުރޭތައެއް އަރަންފެށުމެވެ. ފުރޭތައަރާތީ ބިރުން އެރަށުމީހުންނަށް ރޭގަނޑަކު ހަމަނިންޖެއް ނުލިބެއެވެ. އަދި ފުރޭތަ އަރަންފެށުމާއެކު ރަށުތެރެއިން މީހުން މަރުވާންވެސް ފަށައިފިއެވެ.
މިދެކަންތަކާހުރެ ރަށުގެ ރައްޔިތުންވަނީ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ. މިފަދަ ދަތިހާލުގައި ހުޅުވާރުލުގެ މީހުން އުޅެމުން އަންނަނިކޮށް އެރަށުގެ އަންހެނުން ރީތިކަމުގެ މައްސަލަ އަނެއްކާ މާބޮޑުވެއްޖެއެވެ. ރަށުގެ އަންހެނުން ރީތިކަމުން އަތޮޅުގެ އެހެން ރަށްރަށުގެ ފޯރާ މީހުން އައިސް އެރަށުގެ އަންހެނުންނާ އިނދެގެން މާގިނައިން ގެންދާގޮތް ވާންފަށައިފިއެވެ. މިހެންމިކަންތައް ހިނގާތީ އެރަށުގެ ފިރިހެނުންނަކީ ކޮންމެހެން ފާހަގަކުރެވޭ ވަރުގެ ރީތިބަޔަކަށްވެސް ނުވުމާއެކު އެރަށުގެ ފިރިހެނަކާ އިންނާނެ ކުއްޖަކުވެސް އެރަށުން ނުވާންފަށައިފިއެވެ. ބޭރު ރަށްރަށުގެ މީހުންނާ އިނދެގެން އެރަށުން އަންހެން ކުދިން ބޭރަށް ދިއުން ގިނަވެގެންގޮސް އެރަށުން އަންހެންކުދިން ހުސްވާ ހިސާބަށް އެންމެފަހުން ކަންތައް ހިނގައްޖެއެވެ. ދެން މިކަމާމެދު އެރަށުގެ ފިރިހެނުން އެކި ދޭދޭމީހުން ވާހަކަދައްކަމުންގޮސް އެންމެފަހުން ރައްޔިތު ހުރިހާ ފިރިހެނުން އެއްވެ ހަދާނެ ގޮތަކާމެދު މަޝްވަރާކޮށްފިއެވެ. އެންމެންނަށްވެސް ފެނުނީ ދެން އެރަށުގައި އުޅެވޭނެގޮތެއް ހަމަނެތްކަމަށެވެ. ރަށްދޫކޮށްލާފައި ދިއުންނޫންގޮތެއް ނެތެވެ. މިގޮތަށް އެންމެން އެއްބަސްވުމަށްފަހު ރަށުގައި ތިބި ހުރިހާ ފިރިހެނުން އޭރު ތިބި މަދު އަންހެނުންކުޅާއިއެކު ފުރައިގެން އަތޮޅުގެ އެކިއެކި ރަށްރަށަށް ދިޔައެވެ. އެދުވަހުން ފެށިގެން ހުޅުވާރުލަކީ ފަޅުރަށެކެވެ. (ނިމުނީ)
ނޯޓް: މިއީ ނތ. ޙަސަން ދީދީ ލިޔުއްވާފައިވާ “ކުރީގެ ހުވަދުއަތޮޅު” މިފޮތުގައި ޝާއިޢުކުރައްވާފައިވާ


How Kalhu Hutthubey conjured a fanditha for migraine.

ކަޅުހުއްތުބެއަކީ، ވަރަށް އާދައިގެ މީހެކެވެ. ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ، ރުއްއެރުމެވެ. އޭނާއަކީ، އެހެން މީހެއްގެ ކަމަކާ ނުބެހި ހަމަހިމޭނުން ދިރިއުޅޭ މީހެއް ކަމަށް ވިޔަސް، އޭނާގެ އަމާން އޮމާން ދިރިއުޅުމާމެދު ހަސަދަވެރިވާ ބަޔަކު އުޅުނެވެ. އެމީހުންގެ ރޭވުމުގެ މަތިން، ފަޅުގައި އޮތް ދޯންޏަކުން އޭނާ ވައްކަންކުރިކަމަށް ބުނެ، މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ. މައްސަލަ ތަޙުޤީޤުކޮށް ބެލިއިރު، އެބުނާ ވައްކަމެއްގެ ހާދިސާ ހިނގި ރޭ، ކަޅުހުއްތުބޭ އޮތީ ގޭގައި ނިދާފައިކަން ވެސް އެނގުނެވެ. ނަމަވެސް، މައްސަލަ ބެލި ގާޒީއަކީ، ހަކުރު ބަތްތަށްޓަށް ޝަރިއަތްކޮށް، ރުއްޖެހި ނޫޓަށް ނިޔާއިއްވާ ލުއްޗާއެކެވެ. މައްސަލަ ހުށަހެޅި މީހުން އޭނާއަށް ދިން ނޫޓްކޮޅެއްގެ ބަދަލުގައި، އޭނާ ނިޔާ އިއްވީ މާލެއިން އުތުރު ރަށަކަށް ކަޅުހުއްތުބޭ އަރުވާލުމަށެވެ. ބުނެވޭ ގޮތުގައި އެއީ ގޮއިދޫ އެވެ. ނުވަތަ މަކުނުދޫ އެވެ.
ކަޅުހުއްތުބޭ، އަރުވާލަން ނިޔާ ކަނޑައެޅުނު ރަށަށް ފޮނުވާލެވުނު ދުވަހު، އަނބިދަރީންނާ ސަލާންގަލާން ކުރުމަށްފަހު، އޭނާ ދިޔައީ ނޯށުން ރޮމުންނެވެ. އެއަށްވުރެ ހިތްދަތި ހިނދުކޮޅެއް، ދުވަހަކު ވެސް އޭނާގެ ހަޔާތުގައި ނާދެ އެވެ.
ކަޅުހުއްތުބޭ، އަރުވާލި ރަށަށް ގޮސް އުޅޭތާ މަހެއްހައި ދުވަސް ވެފައިވަނިކޮށް އެއްރެއަކު ދެނަމާދު ދޭތެރޭ ވަގުތެއްގައި، މީހަކު ތެޅެމުން ފޮޅެމުން އޭނާގެ ގާތަށް ދިޔަ އެވެ. އެއީ، ބޮޑު ކަމެއް ޖެހިގެން ވަރަށް ބޮޑަށް ހާސްވެފައިވާ މީހެއްކަން އޭނާ އުޅުނު ގޮތުން ކަޅުހުއްތުބެއަށް އެނގުނެވެ. އެމީހަކީ، އެރަށު އެންމެ ކަމުވޮށިވެގެންވާ މީހުންގެ ތެރެއިން އެކެކެވެ. އެއީ މުއްސަނދި އަލީ އެވެ. އަލީ ދިޔައީ، އޭނާގެ އަންހެން ދަރިއެއްގެ ބޮލުގެ އެއްފަޅީގައި ރިއްސާތީ އެވެ. އެކަމަށް އޭނާ ނުކުރާ ބޭހެއް، ނުދޭ ފަރުވާއެއް ނެތެވެ. އޭނާގެ ދަރިފުޅުގެ ބަލި ހާލު ކިޔައިދީ، އެކަމަށް ފަންޑިތައެއް ހަދައިދިނުމަށް ކަޅުހުއްތުބޭގެ ގާތުގައި އޭނާ އެދުނެވެ.
ކަޅުހުއްތުބޭ ބުންޏެވެ. “ތިމަންނާއަކީ ފަންޑިތަ ދަންނަ މީހަކީމެއް ނޫނެވެ. ތިމަންނާ ފަންޑިތައެއް ނަހަދަމެވެ.”
މުއްސަނދި އަލީ ބުންޏެވެ. “ތިޔައީ ހުވަދުއަތޮޅު މީހެއް ނޫންހެއްޔެވެ؟ ކޮންމެވެސް ކަމެއް ކޮށްދޭށެވެ!”
ހުއްޓުމެއްނެތި އަލީ އާދޭސްކުރަން ފެށުމުން، ކޮންމެވެސް ކަމެއް ކޮށްދޭން ކަޅުހުއްތުބޭ ގަސްތުކުރި އެވެ.
ކަޅުހުއްތުބޭ ބުންޏެވެ. “ތިމަންނާ ފަންޑިތަހަދައި ނޫޅުނެއްކަމަކު، ތިމަންނާގެ ކާފައަކީ ފަންޑިތަވެރިއެކެވެ. ބޮލުގެ ރިހުމަށް ކާފަ ހަދައިއުޅޭ ފަންޑިތައެއް ހަނދާން ވެއްޖެ އެވެ.”
މުއްސަނދި އަލީ ބުންޏެވެ. “އަވަހަށް ތިޔަ ފަންޑިތަ ހަދައިދޭށެވެ! ތިޔަ ފަންޑިތަ ހަދަން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟”
ކަޅުހުއްތުބޭ ބުންޏެވެ. “މި ފަންޑިތަ ހަދަން ބޭނުންވާނީ، އެންމެ އެއްޗެކެވެ. އެއީ މިރަށުގައިވާ އެންމެ ދިގު ރުކުގެ ބޮންތީގެ ފަންވަތެކެވެ.”
ކަޅުހުއްތުބޭ ޢިޝާނަމާދުން ފައިބައިގެން ގެއަށް ދިޔައިރު، އެ ފަންވަތް ހިފައިގެން ގޮސް އަލީ އެގޭގައި ހުއްޓެވެ. ކަޅުހުއްތުބެއަކީ، މާގިނަ އެއްޗެއް ދަންނަ މީހެއް ނޫނެވެ. އަލްޙަމްދާއި އިޚުލާޞް، ފަލަޤި، ނާސް، ތިން ސޫރަތް ނޫން އެއްޗެއް ޤުރުއާނުން ވެސް އޭނާއަކަށް ނޭނގެ އެވެ.، ލިޔަން ކިޔަން އެނގެނީ ވެސް ހަމަ ކިރިޔަކިރިޔާ އެވެ އެހެންނަމަވެސް ފަންވަތެއް ލިއުމުގެ ގޮންޖެހުމާ ކަޅުހުއްތުބޭ ކުރިމަތިލީ ނުހަނު ހިތްވަރާއެކުގަ އެވެ. އަށިމައްޗަށް އަރާއިނދެ، ވަރަށް ފަރުވާތެރިކަމާއެކު، ވަޅިއެއްގެ ތުނޑުން އޭގައި އަލްޙަމްދު ލިއުނެވެ. އޭނާއަށް އެކަން ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އެކަމަށް ދެ ގަޑިއެއްހާ އިރު ހޭދަވި އެވެ. ފަންވަތް ލިޔެ، އޭނާއަށް އެނގުނުހައި ހެޔޮއެއްޗެއް ކިޔައި، އެއަށް ފުމެލުމަށްފަހު، މުއްސަނދި އަލީ އަށް ފަންވަތް ދީފައި ބުންޏެވެ.

"
ތިންދުވަސް ވަންދެން ދަރިފުޅުގެ ބޯ، މި ފަންވަތުން ބަނދެފައި ބަހައްޓާށެވެ!"މުއްސަނދި އަލީ ގޮސް އޭނާގެ އަންހެން ދަރިފުޅުގެ ބޯ ފަންވަތުން ބަނެވެ
އަނެއްކޮޅުން ކަޅުހުއްތުބޭ ގޮސް އެރީ މިސްކިތަށެވެ. ދަމުނަމާދުކޮށްގެން، އެކުއްޖާގެ ބޮލުގެ ރިހުމަށް ޝިފާދެއްވުންއެދި، އޭނާއަށް އެނގުނު ގޮތަކަށް ދުޢާކުރަން އިނެވެ. ނާ ގެއަށް ދިޔައީ ފަތިސްނަމާދު ކޮށްގެންނެވެ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، މުއްސަނދި އަލީގެ ދަރިފުޅުގެ ބޮލުގެ ރިހުމަށް ފުރިހަމަ ޝިފާ ލިބުނެވެ. ހެނދުނު އިރުއެރިއިރު، އެކުއްޖާގެ ބޮލަކު ނުރިއްސަ އެވެ.
މައިގްރޭން
މައިގްރޭން (Migraine) އަކީ، ބޮލުގެ އެއްފަޅީގައި ރިއްސުމެވެ. މިބަލި ޖެހިފައިވާ މީހުންގެ ބޮލުގައި ރިއްސާއިރު ހޮޑުލަވައިގަންނަ ގޮތް ވާނެ އެވެ. އަދި ބޮލުގައި ރިއްސާއިރު އަލިވުމުން އެމީހުންނަށް އުނދަގޫވާނެ އެވެ. އާންމު ގޮތެއްގައި މައިގްރޭންގެ އުނދަގޫ ކުރިމަތިވަނީ، 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ. ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް މިކަން ކުރިމަތިވެ އެވެ.
މައިގްރޭންގެ އުނދަގޫ ކުރިމަތިވަނީ ކީއްވެގެންކަމެއް މިހާތަނަށް ސާފުކޮށް ހޯދިފައެއް ނެތެވެ. ނަމަވެސް، އެކަން ކުރިމަތިވަނީ، ސިކުނޑީގެ މަތީގައި، ބޮލުގެ ނާށިގަނޑުން ބޭރުގައި (ބޮލުގެ އިސްތަޑި ފެޅި ހިސާބުގައި) ވާ ލޭހޮޅިތައް ފުފި، އެހިސާބުގައިވާ ނާރުތަކުގެ ކޮޅުތައް ފިތިގެންކަން އެނގިފައިވެ އެވެ. އަދި ނިދިމަދުވުމުންނާއި، މާގިނައިން ނިދުމުންނާއި، ގަދަ އަލީގައި އުޅުމުންނާއި، މޫސުމް ބަދަލުވުމުންނާއި، ބައެއް ކާބޯތަކެތި ކެއުމުންނާއި، ވަކި އުމުރެއްގައި އަންހެނުންގެ ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުންނާއި، އަންހެނުންގެ މައްސަރުކަންތައް ފެށޭއިރު، މައިގްރޭންގެ އުނދަގޫ ކުރިމަތިވާކަން އެނގިފައިވެ އެވެ.

Vaadhoo Ronaa Anbeyaa

Vaadhoo Rona Anbeyaa - a long poem naming all the islands in Huvadhoo atoll and describing their unique characteristics. There was once in Vaadhoo a couple who had a child who continuously cried and wouldn't go to sleep. The child cried so much his parents didn't know what to do to stop him. So to scare him into silence they left him out in the yard for the Rona (a spirit which attacks children who cry) to take him. To their surprise, the Rona snatches the child and flies with it to all the islands in Huvadhoo atoll, singing the poem. By dawn, the Rona has circled the atoll and reaches Vaadhoo again. The worried parents find their child at their doorstep but the poor boy's eyes have been sucked out. The blind boy repeats the Rona's poem to his parents before breathing his last breath in their arms. 

ވާދޫ ރޮނާ އަންބެޔާ

ވާދޫން ފުރައިފިއްޔާ،
ކަޑަހަލަގަލަ ނުބަލައިފިއްޔާ،
ފަތަކާ ފަތަކު ލައިފިއްޔާ،
ފުއްސަރު ބޭރުން ގޮސްފިއްޔާ،
…..
މިނޫން ގޮތަކަށް ކިޔާ އަޑުވެސް އެހީމެވެ.
ވާދޫން ފުރައިފަންޏާ،
ކަޑަހަލަގަލަ ނުބަލަންޏާ،
ރަށަކާ ރަށަކު ލަންޏާ،
ފުއްޓަރު ބޭރުން ދަންޏާ،
…..
މިއީ “ވާދޫ ރޮނާ އަންބެޔާ” ގެ ފެށުމެވެ. ވާދޫ އަކީ ހުވަދު އަތޮޅު ވާދޫ އެވެ. ރޮނާއަކީ ރޯ ކުއްޖާ އެވެ. އަންބެޔާ އަކީ އަންބާ އެވެ. ވާދޫ ރޮނާ އަންބެޔާގެ ލަފުޒީ ތަރުޖަމާއަކީ، “ވާދޫ ރޯ ކުއްޖާގެ އަންބާ” ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް މިއީ ރަނގަޅު ތަރުޖަމާއެއް ނޫނެވެ. އެ އަންބާއަކީ، ރޯ ކުއްޖާ ކީ އަންބާއެއް ނޫނެވެ. އަދި އެ ކުއްޖާގެ ވާހަކަ ކިޔާދީފައިވާ އަންބާއެއް ވެސް ނޫނެވެ. އެކަމަކު އެއީ ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ވާހަކަ ކިޔާދީފައިވާ އުސްޠޫރާއެކެވެ.
ވާދޫ ރޮނާ އަންބެޔާ އުފަންވީ ކިހިނަކުންތޯ އެވެ؟ އެއާބެހޭ ގޮތުން އަޅުގަނޑު އަޑުއެހި ރިވާޔަތެއްގައި ކިޔައިއުޅޭ ގޮތް ތިރީގައި މިވަނީ އެވެ.

...............
ވާދޫގައި ރޯ ކުއްޖެއް އުޅުނެވެ. އެއްރެޔަކު އެ ކުއްޖާ ރޯންފެށި އެވެ. ދެން އެ ކުއްޖާ ރުއިން ހުއްޓާލާތޯ އެ ކުއްޖާގެ މަންމައާއި ބައްޕަ އެއްޗެހި ދީ، އާދޭސްކޮށް، ނަސޭހަތް ދީ، އެތައް މަސައްކަތެއް ކުރި އެވެ. ނަމަވެސް އެ ކުއްޖާ ރުއިމެއް ނުހުއްޓި އެވެ. ގިސްލަ ގިސްލާފައި އަޑުން އަޑުނަގާ ރޮނީ އެވެ. ވީ ކީއްކަމެއް ވެސް ނުބުންޏެވެ. އެންމެފަހުން އެރޭ ދަންވަރު އެކުއްޖާގެ މަންމައާއި ބައްޕަ ބުންޏެވެ.

"
ދަރިފުޅު މިރޭ ރުއިން ހުއްޓާ ނުލައިފިއްޔާ، ދަރިފުޅު ދޭނީ "ވާދޫ ރޮނާ" އަށެވެ."
މިހެން ބުނުމުން ވެސް އެކުއްޖާ ރުއިމެއް ނުހުއްޓި އެވެ.
ދެން މައިގޭ ދޮރު ހުޅުވާލާފައި އެކުއްޖާ ފެންޑާތެރޭގައި ބެހެއްޓުމަށްފަހު، އެކުއްޖާގެ މަންމައާއި ބައްޕަ ބުންޏެވެ.

"
ވާދޫ ރޮނާ އެވެ! މީނާ ގެންދާށެވެ!"
މިހެން ބުނެ، ދޮރު ލައްޕައި ތަންޑު އެޅުވި އެވެ. ކުޑަ އިރުކޮޅެއްފަހުން، ދަރިފުޅު ރޯއަޑު އިވުން ހުއްޓިއްޖެ އެވެ. ދެން ދޮރު ހުޅުވައި ބެލިއިރު ދަރިފުޅު ޖެހުނުތާ ލަކުނެއް ވެސް ނެތެވެ.
ކުއްޖާގެ މަންމައާއި ބައްޕަ ޙައިރާންވެ އަންތަރީސްވެއްޖެ އެވެ. އަދި އެހައިމެ ބޮޑަށް ދެރަވެ ހާސްވެއްޖެ އެވެ.

"
ޔަޤީނެވެ. އަހަރެމެންގެ ދަރިފުޅު، ވާދޫ ރޮނާ ގެންދިޔައީ އެވެ.ވާދޫ ރޮނާ އަހަރެމެންގެ ދަރިފުޅު ކާލާނެ އެވެ.”
އިރުއަރަންދެން ކުއްޖާގެ މަންމައާއި ބައްޕަ ރޮއި ހިތާމަކުރި އެވެ. ކެތްތެރިކަން ކުޑަކޮށް ކުއްޖާ ގެއިން ބޭރަށް ލެވުނީތީ އެވެ.

"
ނަމަވެސް ކުރާނެ ކަމެއް ނެތެވެ.ވާނެއެއްޗެއް ވެ ނިމުނީ އެވެ.ދަރިފުޅު ދެނެއް ނުފެންނާނެ އެވެ.އަހަރެމެން ދެމަފިރިންނަށް މިކުރެވުނީ ހާދަހާ މޮޔަކަމެކެވެ.”
އެ ދެމަފިރިން އެ ރޭ ހޭދަކުރީ ހިތާމައިގެ ތެރެއަށް ޣަރަޤުވެފައިވާ ޙާލުގަ އެވެ.ފަތިހުގެ އަލިކަން ފާޅުވުމުން، ފަތިސް ނަމާދަށް ދިއުމަށްޓަކައި ގޭ ދޮރު ހުޅުވާލި އެވެ. އެވަގުތު ފެނިގެން ދިޔައީ އުފަލާއި ހިތާމަ އެކުއެކީގައި ލިއްބައިދިން މަންޒަރެކެވެ.

"
މިހިރީ ދަރިފުޅެވެ.މިހިރީ އަހަރެމެންގެ ދަރިފުޅެވެ.”
ދަރިފުޅު ފެނުމުން މަންމައާއި ބައްޕަ ވަރަށް ބޮޑަށް އުފާވި އެވެ. އަވަހަށް ގޮސް ދަރިފުޅު އުރާލި އެވެ. ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ!

"
ދަރިފުޅުގެ ދެލޮލެއް ނެތެވެ.ވާދޫ ރޮނާ، މިވަނީ ދަރިފުޅުގެ ދެ ލޯ ބޯލާފަ އެވެ.”
ދަރިފުޅު ބުންޏެވެ.

"
ޖިންނި އަހަރެން ގޮވައިގެން އަތޮޅުވަށާ ބުރެއް ޖެހި އެވެ.ހުރިހައި ރަށެއް ދެއްކި އެވެ.އަދި ވަރަށް ދިގު އަންބާއެއް ކިޔެވެ.އެޔަށްފަހު ބުންޏެވެ.ކޮންމެ މަސައްކަތަކަށް އަގެއް އޮންނަންވާނެ އެވެ.ތިމަން މިކުޅަ މަސައްކަތުގެ އަގަކީ ތިބާގެ ދެ ލޮލެވެ.މިހެން ބުނުމަށްފަހު، ޖިންނި އަހަރެންގެ ދެ ލޯ ބޯލި އެވެ.”

"
އެއީ ކޮން އަންބާއެއްހެއްޔެވެ؟"މަންމައާއި ބައްޕަ އެހި އެވެ. ދެން ދަރިފުޅު އެ އަންބާ ކިޔާދިނެވެ.
ވާދޫން ފުރައިފަންޏާ،
ވާދޫން ފުރައިގެން (ދަތުރުކުރަމުން) ދާއިރު،
ކަޑަހަލަގަލަ ނުބަލަންޏާ،
ކަޑަހަލަގަލަ ނުބަލައި ދާއިރު،
ރަށަކާ ރަށަކު ލަންޏާ،
ރަށަކަށްފަހު ރަށެއް ފަސްދީ އޮބާލަމުން ދާއިރު،
ފުއްޓަރު ބޭރުން ދަންޏާ،
ފުއްޓަރު ބޭރުން ދަތުރުކުރަމުން ދާއިރު،
ދެ ލޯ ނެތެއް ކަމަކު، އެ ކުއްޖާ މި އަންބާ އެއްކޮށް ކިޔާދިނެވެ. އެއަށްފަހު، އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެ އެވެ.

<><><><><>

"
ވާދޫ ރޮނާ" އަކީ ޖިންނިއެކެވެ. ނުވަތަ ފުރޭތައެކެވެ. އެއީ ރޯ ކުދިންނަށް ގޯނާކުރާ ފުރޭތައެކެވެ. ރޯ ކުދިންގެ ދެ ލޯ، އެ ފުރޭތަ ބޯލާނެ އެވެ. އަދި އެކުދިންގެ ގައިން ލޭ ބުއިމަކީ ވެސް އެ ފުރޭތަ ކުރާ ކަމެކެވެ.

"
ވާދޫ ރޮނާ އަންބެޔާ" ގެ ރަނގަޅު ތަރުޖަމާ އަކީ، "ވާދޫ ރޮނާ އަންބާ" އެވެ. ނުވަތަ "ވާދޫ ރޮނާ ފުރޭތަ ކިޔައިދިން އަންބާ" އެވެ. ފުރޭތައިގެ ނަން އުފެދިފައި ވަނީ، "ވާދޫ" އާއި "ރޮނާ" (ރޯ ކުއްޖާ) ގެ ނަން ތަރުކީބުވެގެންނެވެ.
ދެން އޮތީ ފުރޭތަ ކިޔައިދިން އަންބާއިން ނުލިޔެވި އޮތް ބައިގެ ވާހަކަ އެވެ. މިތަނުގައި އެބައި ލިޔެ ޢާއްމުކުރުމަކީ، މިހާރު މަޞްލަޙަތު ހުރި ކަމެއް ކަމުގައި ނުވެދާނެ އެވެ. ބައެއް ރަށްރަށުގެ ފަތިފުށް އޭގައި ހާމަކޮށްފައިވާތީ އެވެ. އޭގައި ބުނެދީފައިވާ ނޭދެވޭ ބައެއް ސިފަތައް، މިހާރު ވެސް ބައެއް ރަށްރަށުގެ އަހުލުންގެ ކިބައިން ފެނެ އެވެ. ބައެއް ސިފަތައް ވަނީ މާޒީއާއެކުވެގެން ގޮސް އޮބާލާފަ އެވެ.
އެއް ރަށެއްގައި ސޫފީން އުޅޭކަމަށް އަންބާގައި ވެ އެވެ. އެ ސޫފީންނަކީ، އަޅުކަން ކުރުމުގައި މަޝްޣޫލުވެގެން ތިބޭ ޞޫފީންނެއް ނޫނެވެ. އެކަމަކު އެއީ ޖަނަވާރުތަކެއް ފަދަ ބަޔެކެވެ. އެރަށަށް ދާ ބީރަށްޓެހިންނާ އެބައިމީހުން މުޢާމަލާތްކުރަނީ، ޖަނަވާރުތަކެއް ފަދައިންނެވެ. މިސާލަކަށް އެރަށަށް ދާ ބީރަށްޓެއްސަކު މަރުވެއްޖެނަމަ، ވަޅެއް ނުލާނެ އެވެ. ހިނަވައި ކަފުނެއް ވެސް ނުކުރާނެ އެވެ. އެކަމަކު އެބައިމީހުން ހަދާގޮތަކީ، މައްޔިތާ ގެންގޮސް ވަލުތެރެއަށް އެއްލާލަނީ އެވެ. މަރުވާ ޖަނަވާރެއް، ބިންމަތީގައި އޮވެ ކުނިވެގެންދާ ފަދައިން ނިމިދިއުމަށްޓަކަ އެވެ.
އަނެއް ރަށެއްގެ މީހުންނަކީ ޖާބީން ކަމަށް ބުނެފައި ވެ އެވެ. ޖާބީންނަކީ ކޮން ބަޔެއްތޯ އެވެ؟ އެއީ ލާޗާރުބިޗާރަށް އުޅޭ މީހުންނެވެ. ފޭރޭ މީހުންނެވެ. ހަމައެއް ލަމައެއް ނެތި ދިރިއުޅޭ މީހުންނެވެ. ގޮތެއް، ފޮތެއް، ދީނެއް ނެތް މީހުންނެވެ. އެބަޔެއްގެ ކިބައިގައި މަތިމައްޗަށް މޮއްކޯރުކަމާއި ނުލަފާކަން ތަރުކީބުވެފައިވާ މީހުންނެވެ. (މޮއްކޯރުކަމަކީ ޖާހިލުކަމެވެ. މޮއްކޯރުންނަކީ މަރުމޯއިންނެވެ.)
ސޫފީން ތިބި ކަމަށް ބުނާ ރަށުގައި މިހާރަކު އެބައިމީހުންނެއް ނެތެވެ.އަދި ޖާބީން ތިބި ކަމަށް ބުނާ ރަށުގައި މިހާރަކު އެބައިމީހުންނެއް ވެސް ނެތެވެ.
އަދި އެހެން ރަށެއްގެ ވާހަކަ އެވެ. އެރަށަކީ، “އަމާންކަމެއް ނެތް ބިންގަނޑެއް” ކަމަށް ބުނެފައި ވެ އެވެ. އެއީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެރަށުގައި ބޮޑު އާބާދީއެއް އޭރު އޮތެވެ. އޭރުގެ އާދަކާދައިގެ މަތިން އަންހެން ކުދިން ބާލިޣުވުން ފާހަގަކުރާ ދުވަހާބެހޭ ވާހަކަތަކުން އެކަން އެނގެ އެވެ. އަހަރަކު ސާޅީހަށްވުރެ ގިނަ އަންހެން ކުދިން ބާލިޣުވާނީ ކިތައް މީހުންގެ އާބާދިއަކުންތޯ އެވެ؟

"
ވާދޫ ރޮނާ އަންބެޔާ" ގައިވަނީ ހަމައެކަނި ރަށްރަށުގެ ގޯސް ވާހަކަތައްތޯ އެވެ؟
ނޫނެކެވެ. ރަށްރަށުގެ ރަނގަޅު ވާހަކަތައް ވެސް އޭގައި ވެ އެވެ. އެއީ ހުވަދު އަތޮޅު ރަށްރަށާއި ރަށްވެހީންގެ ޙަޤީޤަތް ބުނެދޭ އުސްޠޫރާއެކެވެ. ނުވަތަ އެއީ ހުވަދު އަތޮޅުގެ ޙަޤީޤަތު ނާމާއެކެވެ. އެއީ، އަދަބިއްޔާތުގެ މައިދާނުގައި ބަނޑޭރި ޙަސަންމަނިކުފާނުގެ ދިޔޯ ރައިވަރު ފަދަ އަގުބޮޑު ތަރިކައެކެވެ. ހުވަދު އަތޮޅުގެ ސަގާފަތާއި އަދަބީ ތަރިކަ، އެޔާ ނުލައި ފުރިހަމަ ނުކުރެވޭނެ ޖަވާހިރެކެވެ.

..........................
ތިރީގައި މިވަނީ، ވާދޫ ރޮނާ އަންބާއިން ކިޔުންތެރިން ހުށަހަޅުއްވާ ބައިތަކެވެ.

ކިޔުންތެރިންގެ ޤަލަމުން
ހުށަހެޅުއްވީ: އާމިނާ
ވާދޫން ފުރައިފަންޏާ
ކަޑަހަލަގަލަ ނުބަލަންޏާ
ފުއްޓަރު ބޭރުން ދަންޏާ
ހޯޑެއްދޫ ކޭވަކު ފޮނި ކަންޏާ
މަޑަވެލީ ކުފުރުންގެ ރަށޭ
ތިނަދޫ މީހުން ހެއްސިގަތާ ލެއްވިގަތާ
*****

ވާދޫ ކަވެޔާ
ހުށަހެޅުއްވީ: ތުއްތުކާ
ވާދޫން ފުރާ ފަންޏާ
ކަނޑަހަލަގަލާ ނުބަލަންޏާ
ފުއްޓަރު ބޭރުން ލަންޏާ
ކުރެދި ކަނޑާ ރެހާދޮގޭ
މަސްބާނީ ގަޒީރައޭ
ފަންފިލަހާ މަގުއްދުއޭ
ގައްދޫ ކުދިން ކުޅޭ ކުޅިޔާ
އަނބި ފިރިޔާ ވާކުޅިޔާ
އަދުމަބަލާ ފޫހިނުވާ ކުޅިޔާ
މާވެއްދޫ އެތެރެހެވޭ ބޭރު ނުބައޭ
ކަޅެ ހަމަލު ދެކޮޅު ދެނާއިބުން ތިބެތޭ
ގޮޅާލި ގޮޅާލިކަމަނާގެ ރަށޭ
މެންތަންދޫ ނެރަށްބަލާ ދެރަށް ދޮގޭ
ހުޅުވާރެހު ތަހުލީލޭ
ރެއްދަފުށީ ރަދުންގެރަށޭ
މާ ވާރެލު މިނި މެރިޔާ
ހުޅުދޫގޭ ދޮރެއްނެތޭ
ކޮނޑޭ މަލާ ރީތިމަލާ
ގެމަނަފުށީ ވަސްނުދުވާ މަސްކާ ރަށެކޭ
ނެލަންދޫ ސޫފިންނޭ
ދާންދޫ ކަނބާތަކުނޭ
މާމެންދޫ ފަޅޯފެނާ
ވިލިގިލީ އޮޅުކެލަލޭ
ފެންނުބައޭ މަދުރުކައޭ
ބިސްހިއްތަލެ ހަގަދޫނީ
ބަޅު މިކިޔާ ހޯރައަރާ މިނިމެންސޭ
ކެރަމަތި ފަޅު ދެކާއްބައޭ
އަރައިކަނޭ ބޮޑު ރިހަޔޭ
ތެނަދޫ ކުދިން ފެއްސިގަތާ ލެއްވިގަތާ
މަޑަވެލީ ކުފުރުންގެ ރަށޭ
ހޯޑައްދޫ ކޭވަކެފެނެ ފޮނިކަންޏާ
ނަޑާލީ ކަނބުރުންގެ ރަށޭ
ފިޔޯރީ ހާވިއްކާ ކާ ރަށެކޭ
ލާބަދުވާ ލާބަހެވޭ ލާބަ އިތުރު ވާރަށެކޭ
އެއްލޮނޑި ތަކުރުންގެ ރަށޭ
ހޫނުތިބޭ ތޮޑާ ދޮގޭ
ހަލިމިރަށު ބާއިލަޅޭ
މެދަށް އޮތީ ކަޅައިދުވޭ
ފަރަހު ހުއްޓޭ ކޮޑަށް އެއްލޫ
*****
ހުށަހެޅުއްވީ: ދީދީ
ކަރުމަޅި ޖެހީ ދިޔަދުއޭ.
ދެން ކޮނޑޭ މަތީ ލާބަދުއޭ.
ލާބަހެވޭ ވިލިނގިއްޔޭ.
*****
ހުށަހެޅުއްވީ: ކިއުންތެރިއެއް
ތުއްތުކާ ހުށަހަޅުއްވާފައިވާ ބައި ވަރަށް ރަނގަޅެވެ. ނަމަވެސް އެބަޔަށް އެއްޗެއް އިތުރުކޮށްލާނަމެވެ.
ކަވައިގެ އަޞްލުގައިވަނީ، “މާމެންދޫ ފަޅޯފެނާ” އެއް ނޫނެވެ. އޭގައިވަނީ: “މާމެންދޫ ބޮޑުންތިބޭ” އެވެ.
"މާމެންދޫ ފަޅޯފެނާ" ކިޔަން ފެށުނީ، ހަވަރުތިނަދޫން މީހުން ބޭލިދުވަސްވަރުގައެވެ. އެދުވަސްވަރު ގިނަބަޔަކު ހާލުގައިޖެހިގެން މާމެންދުއަށް ދިޔައެވެ. އޭރު މެހުމާނުންނަށް ފަޅޯ ފެންފޮދެއް ވެސް ފަސޭހައިން ލިބެނީ މާމެންދޫއިންނެވެ. މިހެންވެ އެރަށަށް ތާރީފުކުރުމުގެ ގޮތުން އެދުވަސްވަރު މި އަންބާ ކިޔާއިރު "މާމެންދޫ ފަޅޯފެނާ" އެވެ. ކިޔައިއުޅުނެވެ. އޭރު ފަޅޯގަހުގެ ކުރިން ފެށިގެން މުލައްދާންދެން ކައިއުޅުނެވެ. އެއިން ބަތްޕެނާއި ބޮނޑިބަތާއި ރިހަ ފަދަ ތަކެތި ކައްކާފައިވެއެވެ. ބޮޑު ތަދުގެ ދުވަސްވަރު ވެސް އެއީ މީރުކާނާއެއް ކަމުގައިވިއެވެ.
"ވިލިގިލީ އޮޅުކެލަލޭ" މިހެން ނުކިޔައެވެ. އަންބާގެ އަސްލުގައިވަނީ، "ވިލިގިއްލޭ އޮޅުކެލަލޭ" އެވެ. ބައެއް ރަށްރަށު މީހުން، "ވިރިގިއްލޭ" ކިޔައިއުޅުނެވެ. ބައެއް ރަށްރަށު މީހުން "ވިރިޣިއްލޭ" ކިޔައިއުޅުނެވެ. "ވިލިގިއްލޭ އޮޅުކެލަލޭ" ކިޔަނީ އެރަށް ދެރަކުރުމުގެ ގޮތުން ކަމަށް މިހާރު މީހަކު ހީކޮށްފާނެއެވެ. ނަމަވެސް އަންބާގައި އެހެން ކިޔާފައިވަނީ، ވިލިނގިލީގެ ބިމުގެ މުއްސަނދިކަމާއި އެރަށުގެ ދަނޑުވެރިކަން ބަޔާންކުރުމުގެ ގޮތުންނެވެ. އޮޅުއަލަ ދަނޑުތައް ގަދަޔަށް ހެދޭއިރު، މަދިރި ގިނަވާނެއެވެ. އޮޅުއަލަ ދަނޑުތަކުގައި ފެން ނުބައިވާނެއެވެ. އެއީ ޗަކަބިމެވެ. ނުވަތަ އާނުކަނޑައިގެން ކުނިއަޅައިގެން ހަދާފައިވާ ޗަސްބިމެވެ. ފެން ނުބައިވާ ސަބަބަކީ އެއީއެވެ. ފެންނުބައިކަމާއި މަދިރި ގިނަކަމަކީ ބިމަށް ފައިބާ އޮޅުއަލައިގެ ބޮޑެތިކަމާއި ތާޒާކަމާއި މީރުކަމަށް އޮތް އިޝާރާތެކެވެ.
"ލާބަހެވޭ ވިލިގިއްޔޭ" މިހެންކިޔަންފެށީ، މާފަހުންނެވެ.
*****
ހުށަހެޅުއްވީ: ކިއުންތެރިއެއް
ދެއްވަދޫ މޮޔައިން ތިބޭ
ކަނޑެހުޅަދޫ ވެންބޮޅެ ހުއްޓާ
ކޫއްޑުވާ އަމާންނުވީ ބިންގަނޑެކޭ


މުޞަންނިފު:އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަންޝާއިޢުކުރި ތާރީޚު:
6 ޖެނުއަރީ 2011 މ. 2 ޞަފަރު 1432 ހ. ބުރާސްފަތި
މަޞްދަރު:ހުވަދޫ ސަގާފަތުއިތުރު ބަޔާން